08 ޖޫން 2022
ފަންނީ ދާއިރާތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ދަތި ހާލުގައި އުޅެން ޖެހުނު ބަޔަކީ ވަކީލުންނެވެ. ގާނޫނީ ބެލެނިވެރިއަކު ނެތި މަގުމަތިވެފައި އެތައް ޒަމާނެއް ވަންދެން ތިއްބެވެ. ހަމައެއް ލަމައެއް ނެތި ވަކީލުންނާ މެދު ފިޔަވަޅު އަޅަމުން ދިޔައީ ސިޔާސީ ގޮތުންނެވެ. ވަކީލުން އަމިއްލަ އަށް ކަނޑައަޅާ ސެލްފް ރެގިއުލޭޓްރީ މުއައްސަސާއެއްގެ ގޮތުގައި ބާ ކައުންސިލެއް އުފެއްދުމުގެ އަޑުތައް ގަދަވީ އެ ހިތި މާޒީގެ ތެރެއިންނެވެ.
ފަންނީ ދާއިރާތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ދަތި ހާލުގައި އުޅެން ޖެހުނު ބަޔަކީ ވަކީލުންނެވެ. ގާނޫނީ ބެލެނިވެރިއަކު ނެތި މަގުމަތިވެފައި އެތައް ޒަމާނެއް ވަންދެން ތިއްބެވެ. ހަމައެއް ލަމައެއް ނެތި ވަކީލުންނާ މެދު ފިޔަވަޅު އަޅަމުން ދިޔައީ ސިޔާސީ ގޮތުންނެވެ. ވަކީލުން އަމިއްލަ އަށް ކަނޑައަޅާ ސެލްފް ރެގިއުލޭޓްރީ މުއައްސަސާއެއްގެ ގޮތުގައި ބާ ކައުންސިލެއް އުފެއްދުމުގެ އަޑުތައް ގަދަވީ އެ ހިތި މާޒީގެ ތެރެއިންނެވެ.
ފުރަތަމަ ބާ ކައުންސިލް އުފެދުނުތާ ތިން އަހަރު ވާން ގާތްވެ، އަދި އާ ދައުރަކަށް މެމްބަރުން އިންތިހާބު ކުރަން ތައްޔާރުވަމުން ދާއިރު، މިހާރު ފެންނަނީ އެހެން މަންޒަރެވެ. ވަކީލުންނަށް ބާ ކައުންސިލް މިހާރު އެހާ މުހިންމެއް ނުވި އެވެ. އިންތިހާބު ކައިރިވަމުން އަންނައިރު އިވެނީ ހިތްހަމަނުޖެހުންތަކެވެ.
ފުރަތަމަ ބާ ކައުންސިލްގެ އިންތިހާބު 2019 ވަނަ އަހަރު ބޭއްވިއިރު ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީއަކާ އެއްވަރަށް ވާދަވެރި އެވެ. ރައީސް ކަމަށް ކުރިމަތިލެއްވީ ގާނޫނީ ދާއިރާއިން އެންމެ ފުންނާބު އުސް އަދި އެންމެ މަޝްހޫރު ދެ ނަމެވެ. ނައިބު ރައީސް ކަމަށް ކުރީގެ ބަންޑާރަ ނައިބެވެ.
އެގްޒެކެޓިވް ކޮމެޓީގައި އޮތް ހަ މަގާމަށް ވެސް އޭރު މަޝްހޫރު އެތައް ބޭފުޅުންނެއް ވާދަކުރި އެވެ. ކެމްޕެއިނަށް ނިކުތީ ބޮޑެތި ކޯލިޝަން ހަދައިގެންނެވެ. އޭގެ ތިން އަހަރު ފަހުން އަންނަ ހަފުތާގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ދެވަނަ ދައުރަށް މެމްބަރުން ހޮވާއިރު މިފަހަރު ޝައުގުވެރި ކަމެއް ނެތެވެ.
"މިސާލަކަށް ބިލްތަކާ ބެހޭގޮތުން އެއްޗެއް ބުނަން ބަލާއިރު ބާ ކައުންސިލްގެ އާންމު މެމްބަރުން އެބަޖެހޭ ދެއްތޯ ބައިވެރިވާން. ބާއެއް ހިންގާނީ އެތަނެއްގައި މެމްބާޝިޕް އެކަމުގައި އުޅެގެން." މައުމޫން ވިދާޅުވި އެވެ.
ރައީސް ކަމަށް ދެ ބޭފުޅަކު ކުރިމަތިލެއްވުން ފިޔަވައި ދެން ތިބި މަގާމުތަކަށް އެއްވެސް ވާދަވެރިކަމެއް ނެތެވެ. އެގްޒެކެޓިވް ކޮމެޓީ އަށް ހަ މެމްބަރުން ހޮވަން ޖެހޭއިރު، ކުރިމަތިލެއްވީ ފަސް ބޭފުޅުންނެވެ. ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އެންމެ ބޭފުޅެކެވެ. އެހެންވެ، ރައީސްގެ މަގާމު ފިޔަވައި ދެން ތިބި މަގާމުތަކަށް ދާން ޖެހެނީ ފެންނަ ނުފެންނަ ވޯޓަކަށެވެ.
އެ އިންތިހާބުގައި ވާދަކުރާ ބޭފުޅަކު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ވާދަވެރިކަން ކުޑަވީ ބާ ކައުންސިލުން އިންތިހާބާ ގުޅޭގޮތުން ހެދި ގަވާއިދުތަކުގެ ސަބަބުންނެވެ. އެވަރުގެ އިންތިހާބަކާ އެކަށީގެންނުވާ ވަރުގެ ފީއެއް ނެގުމާއި އިލެކްޓްރޯނިކް ވޯޓިން ނިޒާމަކަށް ދާން ނިންމުމަކީ އޭނާގެ ކަންބޮޑުވުމެކެވެ.
"މި އުޅެނީ 5،000ރ. ބޮޑުވެގެނެއް ނޫން. މުސާރައެއް ނުލިބޭ މަގާމަކަށް ކުރިމަތިލާން ފައިސާ ހަރަދު ކޮށްފައި އެކަމަށް ކެމްޕެއިން ކުރުމާއި ވަގުތު ދޭން ގިނަ މީހުންނަށް ވޯތު ކަމަކަށް ނުވަނީ،" އޭނާ ވިދާޅުވި އެވެ.
ވަކީލުންތަކެއް ހުވާ ކުރައްވަނީ -- ފައިލް ފޮޓޯ: މިހާރު
އޭނާ ވިދާޅުވި ގޮތުގައި ބާ ކައުންސިލާ މެދު ގިނަ ވަކީލުންގެ ހިތްހަމަނުޖެހުންތައް ބޮޑެވެ. އެއީ ބާ ކައުންސިލުން ކަންކަން ނިންމުމުގައި ވަކީލުންގެ މަޝްވަރާ އެކަށީގެންވާ ގޮތަށް ނުހޯދާތީ އެވެ. އަދި ބޮޑެތި ކަންކަމުގައި އެ ކައުންސިލްގެ އެހީއެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ބާ ކައުންސިލުން ކަންކަން ނިންމުމުގައި ވަކީލުންގެ ހިޔާލު ހޯދެން ހުރި ހުރިހާ ގޮތަކަށް ހިޔާލު ހޯދަން މަސައްކަތް ކުރެ އެވެ. އެކަމަކު ވަކީލުންގެ ހިޔާލު ހޯދަން ހުޅުވާލުމުން ގިނަ ވަކީލުންގެ ބައިވެރިވުން ބާ ކައުންސިލަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޖްތަމައުގެ އާންމު މަސްލަހަތާ ގުޅުންހުރި ކަންކަމުގައި ބާ ކައުންސިލްގެ ހިޔާލު ހާމަ ކުރުމުގައި ވެސް ވަކީލުންގެ ފަރާތުން ލިބޭ އެއްބާރުލުން ކުޑަ އެވެ.
"ޕަބްލިކް އިންޓްރެސްޓް ކަންކަމުގައި ބަސް ބުނަން ބަލާއިރު، މިސާލަކަށް ބިލްތަކާ ބެހޭގޮތުން އެއްޗެއް ބުނަން ބަލާއިރު ބާ ކައުންސިލްގެ އާންމު މެމްބަރުން އެބަޖެހޭ ދެއްތޯ ބައިވެރިވާން. ބާއެއް ހިންގާނީ އެތަނެއްގައި މެމްބާޝިޕް އެކަމުގައި އުޅެގެން،" އޭނާ ވިދާޅުވި އެވެ.
ބާ ކައުންސިލްގެ އިންތިހާބު ބޯމަތިވެފައި އޮއްވާ ބާ އިމްތިހާނަށް ބޮޑު ފީއެއް ނަގަން ނިންމުމަކީ ވެސް އެތައް ބައެއްގެ މީހުންގެ ހިތްހަމަނުޖެހުމެކެވެ. އެ އިމްތިހާނަށް 10،000ރ. ދައްކަން ޖެހުނެވެ. އެއް ބަޔަކު ތުހުމަތު ކުރީ ގާނޫނީ ދާއިރާ އަށް އަލަށް ވަންނަ މީހުންނަށް ހުރަސް އަޅަން ކުރާ ކަމެއްގެ ގޮތުގަ އެވެ.
ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ބާ އެގްޒާމްގެ ފީއަކީ 100 ޕަސެންޓް ރިކަވާ ކުރާ އެއްޗެއް-- މައުމޫން
އެހެން ނަމަވެސް މައުމޫން ވިދާޅުވި ގޮތުގައި ފީ ބޮޑުވީ ފެންވަރު ރަނގަޅު ބާ އިމްތިހާނެއް ބޭއްވުމަށް ކުރަންޖެހުނު ހަރަދުގެ ސަބަބުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ވަކީލުންނަކީ އެތައް ބައެއްގެ ހައްގުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރާ ބަޔަކަށް ވާއިރު ބާ އެގްޒާމަކީ އާދައިގެ އިމްތިހާނެއް ނޫނެވެ.
"އަޅުގަނޑުމެންގެ ފޯކަސްއަކީ ކްރެޑިބަލް ބާ އެގްޒާމެއް ހެދުން. އެހެންވެގެން ބާ އެގްޒާމްގެ ޑިވެލޮޕްމަންޓް ކޮސްޓް ބޮޑުވީ. އެ މިންގަނޑަށް ހަދަންޏާ މިވަރަށް މިވަގުތު ހެދެން އޮތީ،" ބޭރުގެ ފަންނީ ފަރާތްތަކާ ހަވާލުކޮށްގެން ޑިޒައިންކުރި ބާ އިމްތިހާނާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.
ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު -- ފޮޓޯ/މިހާރު
"ބާ އެގްޒާމަކުން އަޅުގަނޑުމެން މުޖްތަމައުގެ އާންމު މީހުންނަށް މި ކަށަވަރުކޮށް ދެނީ އެ މީހުންގެ ހައްގުތައް ހިމާޔަތްކުރަން މި ހަވާލު ކުރެވެނީ ރަނގަޅު ބަޔަކާ ކަން. އެއީކީ ބަޔަކު މި ފަންނަށް ވަނުމަށް ހުރަސް އެޅުމުގެ ގޮތުންނެއް ކުރާ ކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފީގެ ގޮތުގައި 10،000ރ. އަކީ މިފަހަރުގެ ބާ އިމްތިހާނަށް ހިނގާނެ ހަރަދާ އަޅާ ބަލާއިރު ކުޑަ އަގެކެވެ. އޭނާ ވިދާޅުވި ގޮތުގައި ފީގެ އަގު ކަނޑައަޅަނީ ހިނގާނެ ހަރަދާއި އިމްތިހާނުގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލައިގެންނެވެ.
"ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ބާ އެގްޒާމްގެ ފީއަކީ 100 ޕަސެންޓް ރިކަވާ ކުރާ އެއްޗެއް. މިފަހަރު 1،200 އެއްހާ މީހުން ނުވަތަ 800 އެއްހާ މީހުން ބާ އެގްޒާމްގައި ބައިވެރިވި ނަމަ 5،000ރ. އަށް އެ ފީ ކުޑަވީސް،" މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތަށް ބަރޯސާނުވެ، މިނިވަންކަމާ އެކު ބާ ކައުންސިލް ހިންގުމަށްޓަކައި ބާ ކައުންސިލަށް އާމްދަނީ ލިބޭނެ ގޮތްތަކެއް އޮންނަން ޖެހޭ ކަމަށެވެ. ދައުލަތުގެ ބަޖެޓުން ބާ ކައުންސިލަށް ދޭ ފައިސާ އަހަރުން އަހަރަށް މަދުކުރަމުން ގޮސް، އެހެން ގޮތްތަކުން ބާ ކައުންސިލަށް އާމްދަނީ ލިބޭނެ ގޮތެއް ހޯދުން މުހިންމު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
މިސާލަކަށް ވަކީލުންގެ އަތުން އަހަރީ ނުވަތަ މަހު ފީއެއް ނެގުމެވެ. އެކަމަށް ބައެއް ވަކީލުން އެއްބަހެއް ނޫނެވެ.
އަޅުގަނޑުމެން ޑިވެލޮޕް މި ކުރީ ކްރެޑިބަލް ބާ އެގްޒާމެއް. ނަމަކަށް އެގްޒާމެއް ދެނީއެއް ނޫން-- މައުމޫން
ގާނޫނީ ދާއިރާގެ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ފުރަތަމަ ބޭއްވި ބާ ކައުންސިލްގެ އިންތިހާބުގައި އުފެދުނު ބޮޑު ވާދަވެރިކަމަށް ފަހު މާ ބޮޑު އެއްބާރުލުމެއް ގިނަ ވަކީލުންގެ ފަރާތުން ނުލިބެ އެވެ. އަދި ބާ ކައުންސިލާ މެދު ވަކީލުންގެ ގިނަ ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށް އޭނާ ވެސް ގަބޫލު ކުރައްވަ އެވެ.
"ބައެއް ސަބަބުތައް އެބަހުރި ގަބޫލު ވެސް ކުރެވޭ އަދި ރަނގަޅު ސަބަބުތަކެއް. ވަކީލުންނަށް ހޯދައިދެވެން ހުރި ލުއިތައް ހޯދައި ނުދެވުމާއި މިކަހަލަ ކަންކަން،" އޭނާ ވިދާޅުވި އެވެ.
ބާ ކައުންސިލް އަލަށް ފަށައިގަތުމުން ހުރި ގޮންޖެހުންތަކާއި ކޮވިޑް-19 އާ ގުޅިގެން ގިނަ ކަންތައްތަކެއް މަޑުޖެހުމަކީ ވަކީލުން އުއްމީދު ކުރިވަރުގެ ނަތީޖާއެއް ނުފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ބާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވަކީލުންތަކެއް -- ފައިލް ފޮޓޯ: މިހާރު
އެހެން ނަމަވެސް މައުމޫން ދެކެވަޑައިގަންނަވާ ގޮތުގައި ގޮންޖެހުންތަކާ އެކު ވޭތުވެދިޔަ ތިން އަހަރު ބޮޑެތި ކާމިޔާބީތަކެއް ބާ ކައުންސިލުން ހާސިލްކުރި އެވެ. އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ދުނިޔޭގެ ފެންވަރުގެ ބާ އެގްޒާމެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ގެނައުމެވެ. އެއީ އެހެން ގައުމުތަކުގައި ނަމަ 10 ވަރަކަށް އަހަރުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިން އަހަރު ތެރޭގައި މުޅިން އަލަށް ތައާރަފް ކުރެވޭ ބާ އެގްޒާމެއް ޑިވެލޮޕް ކުރެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. އަޅުގަނޑުމެން ޑިވެލޮޕް މި ކުރީ ކްރެޑިބަލް ބާ އެގްޒާމެއް. ނަމަކަށް އެގްޒާމެއް ދެނީއެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"ބޭރު ދުނިޔެއިން ބަލައިގަންނަ މިންގަނޑަކުން ބާ އެގްޒާމެއް މި އޮތީ ލިބިފައި. ދިވެހިރާއްޖޭގެ ގާނޫނު ނުވަތަ ދިވެހިރާއްޖޭގެ ލީގަލް ސިސްޓަމަށް ފަރުމާކޮށްފައި އޮތް އެކަމަކު ދުނިޔެ ބަލައިގަންނަ ފަދަ ބާ އެގްޒާމެއް މިއީ،" މައުމޫން ވިދާޅުވި އެވެ،
އޭނާ ވިދާޅުވި ގޮތުގައި މިހާރު ތިބި ވަކީލުންގެ ހުނަރާއި ތަމްރީނު އިތުރުކުރަން ވެސް 800 އެތައް ފުރުސަތެއް ތިން އަހަރު ތެރޭގައި ބާ ކައުންސިލުން ހޯދައިދިނެވެ. އެއީ ރާއްޖޭގައި ތިބި ވަކީލުންނާ އަޅާ ބަލާއިރު ބޮޑު އަދަދެކެވެ.
ބާ ކައުންސިލަށް ހުށަހެޅޭ ޝަކުވާތައް ބެލުމަށާއި އެ ކައުންސިލްގެ އެހެން ކޮމެޓީތަކަށް ވަކީލުންގެ ތެރެއިން ވޮލަންޓިއަރުން ހޯދުން ވެސް ވީ މައުމޫން ވިދާޅުވި ގޮތުގައި ވަކީލުން ނުލިބޭތީ އުނދަގޫ ކަމަކަށެވެ. އެކަމަކު އާންމު ނުކުރިޔަސް، ޝަކުވާތައް ބެލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ ގޮންޖެހުންތަކެއް ހުއްޓަސް، ނަތީޖާ ނެރެދެވުނު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުމެން މި ބަލަނީ އެ ދަތިތަކާ އެކު މަސައްކަތްތައް ކުރެވޭތޯ. ޗެލެޖެންސްތަކާ އެކު އެކަން ކުރެވިއްޖެ." މައުމޫން ވިދާޅުވި އެވެ.
ގިނަ އުއްމީދުތަކާ އެކު ވުޖޫދަށް ގެނައި ބާ ކައުންސިލުން ތިން އަހަރުގެ ތެރޭގައި މުހިންމު ނަތީޖާތަކެއް ނެރެދިން ކަމާ މެދު ޝައްކެއް ނެތެވެ. އެކަމަކު މިފަހަރުގެ އިންތިޚާބުން ފެންނަނީ ބާ ކައުންސިލާއި ވަކީލުންނާ އޮތް ގުޅުން ހީނަރުވެފައިވާ ކަމެވެ.
ބާ ކައުންސިލްގެ ރައީސަކަށް ވިޝާމް، ނައިބަކަށް މިޒްނާ
ބާ ކައުންސިލްގެ އިންތިޚާބު ޖޫން މަހު ބާއްވަނީ
ދާއިމީ ސަބް ކޮމެޓީތަކަށް ކުރިމަތިލާން ހުޅުވާލައިފި
ބާ ކައުންސިލްގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައިފި
ބާ ކައުންސިލްގެ ސަބް ކޮމިޓީތައް އެކުލަވައިލަނީ
ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ
ބާ އިމްތިހާނުން 73 މީހަކަށް ވަކީލުކަމުގެ ހުއްދަ
ފުރަތަމަ ބާ އިމްތިހާނުން 68 ޕަސެންޓް މީހުން ފާސްވި
ވަކީލުންގެ ދާއިރާއިން ބޭރުކަންކަން ބެލޭގޮތަށް ފާސްކޮށްފި
"ވަކީލުކަމުގެ ހުއްދަ އަތުލާ އިސްލާހަކީ ނުރައްކަލެއް"