Roadha Mihaaru
އޭއޭއޭގެ ދަރިވަރުން އުދުހޭ ވަގުތު ކުޑަކޮށްދެނީ

އޭއޭއޭ އިން ކިޔެވި ދަރިވަރުންގެ އުދުހުމުގެ ވަގުތު ކުޑަކޮށްދޭން ނިންމައިފި

09 ޖޫން 2022

ސިވިލް އޭވިއޭޝަން އޮތޯރިޓީއާ މަޝްވަރާކުރުމަށް ފަހު، މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގައި ކިޔަވަމުން އަންނަ، ކުރީގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޯނޯޓިކްސް (އޭއޭއޭ) ގެ ދަރިވަރުން ޕައިލެޓް ކޯސް ފުރިހަމަ ކުރުމަށް އުދުހެން ޖެހޭ ވަގުތާއި ހަރަދު ވެސް ކުޑަވާނެ ގޮތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "މިހާރު" އަށް ވިދާޅުވީ، ސިވިލް އޭވިއޭޝަންއާ ކުރި މަޝްވަރާތަކަށް ފަހު، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގަމުން އަންނަ އެ އެކަޑެމީގައި ކިޔަވާ އޭއޭއޭގެ ކުރީގެ ދަރިވަރުން ކޮމާޝަލް ޕެސެންޖާ ލައިސެންސް އިންޓަގްރޭޓެޑާއި ކޮމްޕީޓެންސީ ބޭސްޑް އިންސްޓްރޫމަންޓް ރޭޓިން މޮޑިއުލާ ޕްރޮގްރާމަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

"އެ ބަދަލު ގެނައުމުން ކޯސް [ޕްރޮގްރާމް] ނިންމަން ހޭދަވާ ވަގުތާއި ހަރަދު ކުޑަވާނެ،" އޭނާ ވިދާޅުވި އެވެ.

"ސިވިލް އޭވިއޭޝަންގެ އެހީތެރިކަމާ ނުލާއި އަޅުގަނޑުމެންނަށް މިކަން ނުކުރެވުނީސް. އަދި އެ އޮތޯރިޓީން އެ ޕްރޮގްރާމަށް އެ ދަރިވަރުން ބަދަލުކުރަން އަޅުގަނޑުމެންނަށް ހުއްދަ ދިނީ ހާއްސަ އިސްތިސްނާއެއްގެ ތެރެއިން."

އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ޕްރެސްއެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ މިހާރު ފްލައިން ސްކޫލްގެ ދަރިވަރުން އުދުހެން ޖެހޭ ވަގުތާއި ހަރަދު ވެސް ކުޑަވާނެ ކަމަށް -- ފޮޓޯ: މިހާރު

ޖެނިފާ ވިދާޅުވީ ގޮތުގައި، އެ ބަދަލު ގެންނަން ނިންމިކަން ހުރިހާ ދަރިވަރުންނަށް އީމެއިލްއަކުން މިހާރު ވަނީ އަންގައިފަ އެވެ.

ސްރީ ލަންކާގެ އޭއޭއޭ ކުންފުނިން އައްޑޫގައި ހިންގި ފްލައިން ސްކޫލް ބަންދުކުރުމުން، ކިޔެވުން ނުނިމި ތިބި 35 ދަރިވަރުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން އަންނަނީ އެ އެކަޑެމީގައި ކިޔަވަމުންނެވެ. އެ ދަރިވަރުން އަލުން ކިޔެވުން ފެށީ، ފެންވަރު ބެލުމުގެ ގޮތުން ހަދަން ޖެހޭ 150 ގަޑިއިރުގެ ތިއަރީ އާއި 10 ގަޑިއިރުގެ ފްލައިން ހިމެނޭ "ރިފްރެޝާ" ކޯހަކުންނެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ "ރިފްރެޝާ" ކޯހުގެ ތިއަރީ ބައި ނިމި، އުދުހުމުގެ ބައި އަދި ނުފަށަ އެވެ.

އުދުހުން ނުފެށި ލަސްވާ ސަބަބާ ގުޅޭ ގޮތުން މޯލްޑިވިއަނުން ބުނެފައި ވަނީ އެއާކްރާފްޓް ޓެކްނިކަލް ކަންކަމަކީ ބައެއް ފަހަރު ހައްލުކުރަން އެހާ ފަސޭހަ ކަންކަން ނޫން ކަމަށާއި ޔޫރަޕްގެ ބަޔަކާ ގުޅިގެން އެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެހެންވެ ކަމަށެވެ. އަދި އެހެންވިޔަސް، އެކި ކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"އިތުބާރު ހިފޭ ލެވަލް އަށް ޓެކްނިކަލް އަދި ސޭފްޓީގެ ކަންކަން ދިޔައީމާ ނޫނީ އަޅުގަނޑުމެން ސްކޫލް ނުހުޅުވާނަން،" އެ ކުންފުނިން ބުނެފައިވެ އެވެ.

ދަރިވަރުން ކަންބޮޑުވުން ފާޅުކުރީ އުދުހުން ފެށުން ލަސްވުމާއި ރިފްރެޝާ ކޯހަށް ފަހު، އެ ކުދިންގެ ކިޔެވުން މެދުކެނޑުނު ހިސާބުން ޕައިލެޓް ކޯސް އަލުން ހަދަން ފަށާއިރު 50-100 ގަޑިއިރާ ދެމެދު އުދުހެން މަޖުބޫރު ކަމަށް އެ އެކެޑަމީން އެންގުމުންނެވެ. އޭއޭއޭ އިން ކިޔެވި ދަރިވަރުންގެ ތެރޭގައި އެ ކޯސް ފުރިހަމަ ކުރަން ބާކީ މަދު ގަޑިއިރުތަކެއް އޮތް ކުދިން ތިބުމުން، އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ދަރިވަރުން ބުންޏެވެ.

ސަަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ މެނޭޖު ކުރާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ. އެ އެކަޑެމީ ހެދީ އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެންނެވެ.