Roadha Mihaaru
ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު މޯލްޑިވިއަނުން ހޯދަނީ

ފްލައިން ސްކޫލެއް ހިންގާނެ ފަރާތްތައް އައިލެންޑް އޭވިއޭޝަނުން ހޯދަނީ

01 ޖޫން 2021

އައްޑޫ ފްލައިން ސްކޫލުގެ ހާލަތު ގޯސްވެ ދަރިވަރުން ގޮތް ހުސްވެފައިވާ މި ދަނޑިވަޅުގައި، ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތައް ހޯދަން އައިލެންޑް އޭވިއޭޝަނުން އިއްޔެ ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫ ފްލައިން ސްކޫލުގެ ހާލަތު ގޯސްވެ ދަރިވަރުން ގޮތް ހުސްވެފައިވާ މި ދަނޑިވަޅުގައި، ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތައް ހޯދަން އައިލެންޑް އޭވިއޭޝަނުން އިއްޔެ ހުޅުވާލައިފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ ކުންފުނީގެ އިއުލާނުގައި ވަނީ މާލީ ގޮތުން ގާބިލު އަދި ފްލައިން ސްކޫލު ހިންގުމުގެ ތަޖުރިބާ ހުރި ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު ދީފަ އެވެ. ނަމަވެސް ފްލައިން ސްކޫލެއް ހިންގުމުގެ ޝައުގުވެރިކަން ފާޅުކުރާއިރު، ގައުމުން ބޭރުގައި އެފަދަ ދެ ސްކޫލެއް ފެށުމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ފާހަގަކޮށްފައިވެ އެވެ.

އީމެއިލް މެދުވެރިކޮށް އެކަމުގެ ޝައުގުވެރިކަން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން ފާޅުކުރަން ޖެހެ އެވެ.

އިއުލާނުގައި ވާ ގޮތުން ރާއްޖޭގެ އެއާޕޯޓެއްގައި ފްލައިން ސްކޫލު ހިންގާނީ އެކަމަށް ހާއްސަ ކޮށްގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުންނެވެ. އެތަން ހިންގާނީ މިނިވަންކަމާއެކު އެވެ.

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ މައްސަލަ ބޮއްސުންލައިގެން ގޮސް އެ ތަން ބޭރުކުރުމަށް ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުން ވަނީ ގޮވާލައިފަ އެވެ. އެކަމަށް އެކަށީގެންވާ ހައްލެއް ނުގެނެވުނަސް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައި ވެ އެވެ. އޭގެ ތެރޭގައި ޓްރެއިނިން ހެޑް ސުރަންޖަން ޑި ސިލްވާގެ ހުއްދަ ބާތިލްކުރުމާއި ސްކޫލުގެ މައްސަލަތައް އަވަހަށް ހައްލު ނުކުރެވޭ ނަމަ ތަނުގެ އެކައުންޓެބްލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ ހުއްދަ ވެސް އަތުލާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތޯރިޓީން ދީފައިވެ އެވެ.

ނަމަވެސް ބޭނުންކުރެވޭ ހާލަތުގައި މި ވަގުތު އެއްވެސް ބޯޓެއް ނެތުމުން ބައެއް ދަރިވަރުން ވަނީ އައްޑޫން ފުރައިގެން ގޮސްފަ އެވެ. އެފަދަ މައްސަލަތަކާ ގުޅިގެން ފްލައިން ސްކޫލަށް ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފައަކަށް އެދިފަ އެވެ. އެކަމުގައި ކުރިއަށްދާނެ ގޮތުގެ ލަފައެއް އޭޖީން ދިނަސް އެކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އާ ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާނުކުރިއިރު، އޭއޭއޭއިން ވެސް އަންނަނީ ސްރީ ލަންކާގެ މެނޭޖްމަންޓުގެ ބަދަލުކޮށް އެ ސްކޫލު ހިންގާނެ ދިވެހި ކޮލެޖެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެކަމަކު، އެ ފަރާތަށް ދީފައިވާ ހުއްދަ އަންނަ ޖުލައިގައި ހަމަވާނެ އެވެ.

އޭއޭއޭގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު "މިހާރު" އަށް ވިދާޅުވީ ދަރިވަރުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި ދެ ތިން ކޮލެޖަކާއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ. އެކަމާ ގުޅޭގޮތުން މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތާވަލާ އެއްގޮތަށް ކުރިއަށް ދާ ނަމަ ގާތްގަނޑަކަށް ދޮޅު އަހަރުން ޕައިލެޓް ޓްރެއިނިން ނިމޭނެ އެވެ. ނަމަވެސް ފަސް އަހަރުވި އިރު ވެސް އޭއޭއޭގައި ކިޔެވުން ފުރިހަމަނުކުރެވޭ ދަރިވަރުން އެބަތިއްބެވެ.