Roadha Mihaaru
ފްލައިން ސްކޫލުގެ ކިޔެވުން މި މަހުގެ ފަހުކޮޅު ފެށޭނެ

ފްލައިން ސްކޫލުގެ ކިޔެވުން މި މަހުގެ ފަހުކޮޅު ފެށޭނެ: އައިލެންޑް އޭވިއޭޝަން

12 ޑިސެމްބަރ 2021

ޕައިލެޓުން ތަމްރީނުކުރުމަށް އަލަށް ހަދާ ފްލައިން ސްކޫލުގެ ކިޔެވުން މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕައިލެޓުން ތަމްރީނުކުރުމަށް އަލަށް ހަދާ ފްލައިން ސްކޫލުގެ ކިޔެވުން މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.

ގައުމީ އެއާލައިން ހިންގާ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ކޯހުން ދަރިވަރުންނަށް ޖާގަ ދީ، މި މަހުގެ ފަހުކޮޅު ކިޔެވުން ފަށާނެ ކަމަށެވެ. އެއަށްފަހު އަންނަ މަހުގެ ތެރޭގައި އާ ބޯޓެއް ގެނެސް އުދުހުންތައް ފަށާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"ލޮޖިސްޓިކަލީ ދިމާވެފައި ހުރި އުނދަގޫތަކާ ހެދި ބޯޓު ގެނައުމުގައި ލަސްތައް މި ދިމާވީ،" އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ބެޗުން 30 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ. އެންމެ ބޮޑު އިސްކަމެއް ދޭނީ އައްޑޫގައި ހިންގި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ދަރިވަރުންނަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ކުރިން ވިދާޅުވެފައި ވެ އެވެ.

އެއަށް ފަހު، ކިޔެވުން ނިމޭ ވަރަކުން އެހެން ދަރިވަރުންނަށް ޖާގަ ދެމުން، ފުރަތަމަ އަހަރު މަދުވެގެން 80 ދަރިވަރުންނަށް އެ ސްކޫލުގައި ކިޔެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސަރުކާރުގެ ފްލައިން ސްކޫލު ހިންގާނީ އެމްއެންޔޫ އާއި އައިލެންޑް އޭވިއޭޝަނުން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިންނެވެ. އެކަމަކު ތަން މެނޭޖުކުރަން ނިންމާފައި ވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.

ފްލައިން ސްކޫލެއް މި އުފައްދަނީ، އޭއޭއޭގެ މައްސަލަ ބޮއްސުންލައިގެން ގޮސް، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ، އެތައް ދަރިވަރުންނެއް މާޔޫސް ވެފައިވާ ދަނޑިވަޅެއްގަ އެވެ. ކިޔެވުމަށް އެތައް ހާސް ޑޮލަރެއް ހަރަދުކޮށްގެން ވެސް 100 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ވަނީ ހުއްޓިފަ އެވެ.