Roadha Mihaaru
މާލިއްޔާގައި މިހާރު ލައްޑޫ ނޫން އެއްޗެއް ނެތް: ޝިޔާމް

ރާއްޖޭގެ މާލިއްޔާގައި މިހާރު 'ލައްޑޫ' ނޫން އެއްޗެއް ނެތް: ޝިޔާމް

25 އެޕްރީލް 2021

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އެވޯޑްރޯކުރަން ނުވަތަ ފައިސާ އިތުރަށް ޗާޕްކުރަން ސަރުކާރުން ދެވަނަ ފަހަަރަށް ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އެވޯޑްރޯކުރަން ނުވަތަ ފައިސާ އިތުރަށް ޗާޕްކުރަން ސަރުކާރުން ދެވަނަ ފަހަަރަށް ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފައިސާ ޗާޕްކުރަން މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދައިގެ މުއްދަތު މާދަމާ ހަމަވާތީ އެ ހުއްދައިގެ މުއްދަތު އިތުރުކުރަން މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ޝިޔާމް ވިދާޅުވީ ރާއްޖޭގައި ހުރި މުހިއްމު ފަންޑުތަކުގައި މިހާރު އެއްވެސް ފައިސާއެއް ނެތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އޭގެ އެއް ފަންޑަކީ އޭނާ ވިދާޅުވިގޮތުގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑެވެ.

ޝިޔާމް ވިދާޅުވީ ދައުލަތުން ހަރަދުކޮށް ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް މިދިޔަ އަހަރު ވެސް 1.8 ބިލިޔަން ރުފިޔާ ހަރަދުކޮށްފައި ނުވާ ކަމަށެވެ. އެކަމަކު ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި މިދިޔަ އަހަރު ސަރުކާރަށް 5.2 ބިލިޔަން ރުފިޔާ ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަޝްރޫއުތައް ހިންގަނީ ސަރުކާރުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްގެން، އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދީ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"އެތަނުގައި ވެހިކަލެއް ހަލާކުވިޔަސް އެ ވެހިކަލެއް ހެދޭނެގޮތެއް ނެތް. އެތާނގައި ތިބި މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތް އިއްޒަތްތެރި ރައީސް،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހުރިއްޔާ ހުރި ފައިސާއެއް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހަރަދުކުރެއްވީ އިގުތިސާދު މި އަހަރު ރަނގަޅުވާނެ ކަމަށް ދެކެވެޑައިގެން ކަމަށާއި އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެހެން ވިދާޅުވެފައި ވާތީ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ފަހުކޮޅު އިގުތިސާދީ ބޫމެއްގެ ވާހަކަ. އެ ވިދާޅުވި ވިދާޅުވުމާ ގުޅިގެން، ފިނޭންސް މިނިސްޓަރު، މާލިއްޔާގައި ހުރިއްޔާ ހުރި ފައިސާއެއް، ދިވެހިރާއްޖޭގެ ރައްޔިތުންގެ މާލިއްޔާގައި ހުރިއްޔާ ހުރި ފައިސާއެއް ބޭނުންކުރީ. ބޭނުންކުރި ތަނެއް [ކޮން ކަމަކަށް ކަމެއް] އަޅުގަނޑުމެންނަކަށް ނޭނގޭ. ޔަގީނުން ވެސް އެއަކު ނެތް މިހާރު ލައްޑޫ ނޫން އިތުރު އެއްޗެއް،" ޝިޔާމް ވިދާޅުވި އެވެ.

ލައްޑޫއަކީ އިންޑިއާގައި ތައްޔާރުކުރާ ވަރަށް މަޝްހޫރު ފޮނި ހެދިކާ އެކެވެ. އެއީ އާއްމުކޮށް އުފާވެރި ކަންތައްތައް ހިނގުމުން އާއިލާއާއި އެކުވެރިން އެކަމުގައި ބައިވެރިކުުރުމަށް ބަހައި އުޅޭ އެއްޗެކެވެ.

ފައިސާ އިތުރަށް ޗާޕްކުރަން ސަރުކާރަށް ހުއްދަ ދޭތީ އެކަމާ ނުރުހުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ މިފަހަރު ވެސް ސަރުކާރުން އެ ހުއްދައަށް އެދުނީ މަރުކަޒީ ބޭންކް، އެމްްއެމްއޭ އާ މަޝްވަރާ ނުކޮށްްކަން އެެނގިފައިވާ ކަމަށެވެެ. ފައިސާ ޗާޕްކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރަން ފިނޭންސުން އެދުމުން އެކަން ބަލަން ނެގި ވަގުތީ ކޮމިޓީ އަށް އެ މައުލޫމާތު ލިބުނީ ޝިޔާމް ވިދާޅުވި ގޮތުގައި ގަވަރުނަރު (އަލީ ހާޝިމް) ވަޑައިގެން އެ ވާހަކަ ވިދާޅުވުމުންނެވެ.

ފައިސާ ޗާޕްކުރުުމުގެ ހުއްދަ ދޭތީ އިދިކޮޅު މަދު މެމްބަރުން ފާޑުވިދާޅުވި ނަމަވެސް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މިއަދު ފާސްކުރީ އެ ހުއްދަ ދިނުމަށެވެ. އެގޮތުން ހުއްދަ ދިނީ އޯވަޑްރޯކޮށްފައިވާ ފައިސާގެ އަދަދު އެއް ވަގުތެއްގައި 4.4 ބިލިޔަނަށް ވުރެ މަތި ނުވާނެހެން، އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ފުރުސަތު ދިނުމަށެވެ. އެކަމަށް ޓަކައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)،މ (ރ) އަދި (ބ) ސަސްޕެންޑްކުރަން ފާސްކުރީ 44 މެމްބަރެއްގެ ވޯޓުންނެވެ.