Roadha Mihaaru
ސަސްޕެންޝަން އުވާލައި ފައިސާ ޗާޕު ނުކުރެވޭ ގޮތް ހަދަނީ

ގާނޫނުގެ ސަސްޕެންޝަން އުވާލައި ފައިސާ ޗާޕު ނުކުރެވޭ ގޮތް ހަދަނީ

11 ޑިސެމްބަރ 2023

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން ބޭނުންނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމަށް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން ބޭނުންނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް އަންގައިފި އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ ހީނަރުކަމާ އެކު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ ހުއްދަ މަޖިލީހުން އެންމެ ފުރަތަމަ ދިނީ 2020 ވަނަ އަހަރު އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫގެ 32 ވަނަ މާއްދާގެ ހ. އާއި ރ. އަދި ބ. އަށް އަމަލުކުރުން ހުއްދަ އޭގެފަހުން ދެ ފަހަރެއްގެ މަތިން މަޖިލީހުން ވަނީ އިތުރުކޮށްދީފަ އެވެ.

އެ ވަގުތީ ހުއްދައިގެ ދަށުން އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރުމުގެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާ އިރު، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮވިޑަށްފަހު ރާއްޖޭގެ އިގުތިސާދު މިހާރު ރަނގަޅުވެފައިވާތީ، އެ ގާނޫނު ސަސްޕެންޑުކޮށްފައި ބާއްވާނެ ހާލަތެއް މިހާރު ނެތް ކަމަށެވެ.

އެހެންވެ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ކަމާގުޅޭ މާއްދާތައް ސަސްޕެންޑުކޮށްފައި އޮތުން އަންނަ އަހަރުން ފެށިގެން ނިމުމަކަށް ގެނެސްދޭން މިނިސްޓަރުގެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.

"އަދި 2024 ވަނަ އަހަރުގެ ބަޖެޓުގެ ފައިނޭންސިން ޕްލޭންގައި ހިމަނާފައިވާ ފަދައިން، އިސްތިސްނާގެ މުއްދަތު ހަމަވާއިރު، ޕަބްލިކް ބޭންކް އެކައުންޓު އޯވަޑްރޯވެފައިވާ މިންވަރު އެއްކޮށް ސެކިއިރަޓައިޒްކޮށް އެމްއެމްއޭއިން ސަރުކާރަށް އިޝޫކުރާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ރާވާފައިވާ ކަމަށް މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ޝަފީގު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ކޮވިޑާ އެކު 2020 ވަނަ އަހަރުން ފެށިގެން ސަރުކާރުން ފައިސާ ޗާޕްކުރަން ފެށި ފަހުން ޗާޕްކޮށްފައިވާ 4.2 ބިލިއަން ރުފިޔާ ވަނީ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް އިގްތިސާދު ރަނގަޅުވަމުން އަންނަ މިންވަރަށް ބަލައި އެ އަދަދު މިއަހަރު ދެ ބިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.