އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ބޯހިމެނުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޕައިލެޓް ހަރަކާތް މިއަދު ފަށައިފި އެވެ.
14 ޖޫން 2022
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ބޯހިމެނުމުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޕައިލެޓް ހަރަކާތް މިއަދު ފަށައިފި އެވެ.
އެ ޕައިލެޓް ހަރަކާތް ނުވަތަ "ޕައިލެޓް ސެންސަސް" އަކީ ބޯހިމެނުމުގެ އަސްލު ހަރަކާތުގެ ކުރިން ބޯހިމެނުމުގެ ހުރިހާ މަރުހަލާތަކެއް ކުރިއަށް ދާނެ ގޮތް ދެނެގަތުމަށް ހިންގާ ހަރަކާތެކެވެ. މިދިޔަ އަހަރު ވެސް އެ ކަހަލަ ހަރަކާތެއް ބޭއްވި އެވެ. މިއަދުން ފެށި ޕައިލެޓް ހަރަކާތް، މި މަހު 26ގެ ނިޔަލަށް، ކަނޑައެޅިފައިވާ ވަކި ރަށްތަކެއްގައި ކުރިއަށް ގެންދާނެ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕައިލެޓް ހަރަކާތް އޮންނާނީ މާލެ، ހުޅުމާލެ، ހދ. ކުޅުދުއްފުށި އަދި ހދ. ނޮޅިވަރަމްގައި ކަމަށެވެ. އަދި މާލެ ހާބަރު ސަރަހައްދާއި ތިލަފުށީގެ އިތުރުން ޕެރެޑައިޒް އައިލެންޑް ރިސޯޓްގައި ވެސް އެ ހަރަކާތް އޮންނާނެ ކަމަށް ބުންޏެވެ.
އެ ދުވަސްތަކުގައި، މައުލޫމާތު އެއްކުރުމަށް އެ ބިއުރޯގެ ޓީމުތައް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ގޭބިސީތަކާއި މަސައްކަތް ހިނގާ ތަންތަނަށް ޒިޔާރަތްކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މައުލޫމާތު އެއްކުރުމުގައި އުޅޭ ޓީމުގެ މެމްބަރުންގެ އަތުގައި އެ އިދާރާ އިން ހުއްދަ ދީފައިވާ މީހެއްކަން އަންގައިދޭ ފާހެއް ވެސް އޮންނާނެ ކަމަށް ބުންޏެވެ.
- ދިރިއުޅޭ ތަނުގެ މައުލޫމާތު
- ދިރިއުޅޭ ތަނުގެ ބޮޑުމިން
- މީހުންގެ އުފަން ތާރީހު
- މީހުންގެ ތައުލީމީ ފެންވަރު
- އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް
- ފުރަތަމަ ކައިވެނި ކުރި އުމުރު
- އަންހެނުންނަށް؛ ދަރިންގެ އަދަދާއި ފުރަތަމަ ދަރިފުޅު ލިބުނު އުމުރު
މަސައްކަތް ހިނގާ ތަންތަނުން ނަގާނެ ބައެއް މައުލޫމާތުތަކުގެ ތެރޭގައި، ތަނުގެ ރަޖިސްޓްރޭޝަންގެ މައުލޫމާތު، ތަނުގައި ކުރާ މައިގަނޑު މަސައްކަތުގެ ތަފުސީލު، ވަޒީފާގައި ގެންގުޅޭ މުވައްޒަފުންގެ އަދަދު އަދި ތަނުގެ އާމްދަނީ އާއި ހަރަދުގެ މައުލޫމާތު ވެސް ހިމެނޭ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ތަފާސްހިސާބު އެއްކުރުމުގެ ބޭނުމުގައި އާންމުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ކުރާ ސާވޭތަކުގައި ހޯދާ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެ ކަމަށާއި އެ މައުލޫމާތު ބޭނުންކުރާނީ ހަމައެކަނި ސާވޭގެ ބޭނުމަށް، ވަކި ފަރާތެއްގެ މައުލޫމާތު ހާމަނުވާނެ ގޮތަށް ކަމަށް ވެސް ބުންޏެވެ.
"މި ހަރަކާތަކީ ގައުމީ ފެންވަރުގައި ހިންގޭ ވަރަށް ބޮޑު މަސައްކަތަކަށް ވުމާ އެކުމ އާންމުންގެ ފުރިހަމަ އެއްބާރުލުން މި ބިއުރޯ އަށް ވަރަށް ބޮޑަށް ބޭނުންވާ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
މި އަހަރުގެ ބޯހިމެނުން އޮންނާނީ އަންނަ ސެޕްޓެމްބަރު 13 އިން ފެށިގެން އެ މަހުގެ 25ގެ ނިޔަލަށެވެ.
ހަތް އަހަރު ފަހުން، އަނެއްކާ ވެސް ރާއްޖޭގައި ބޯހިމަނާއިރު، އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު މައުލޫމާތު އެއްކުރުމަށް ކަރުދާހުގެ ބަދަލުގައި ބޭނުންކުރާނީ ޓެބްލެޓެވެ. އެ މަސައްކަތަށް ބޭނުންވާ 812 ޓެބްލެޓް ވަނީ ހޯދައިފަ އެވެ.
އަންނަ އޮކްޓޯބަރު ހައެއްގައި ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް، ދާއިމީ ނަތީޖާ އެ މަހުގެ 20 ގައި އިއުލާނުކުރަން ވަނީ ކަނޑައަޅައިފަ އެވެ.
އެންމެ ފަހުގެ ޕްރޮޖެކްޝަންތަކާ ހަވާލާދީ، ހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީ އަށް ލައްކައެއް އިތުރުވެ، މީހުން ދިރިއުޅޭ އަދަދު ފަސް ލައްކަ އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް 2020 ވަނަ އަހަރު ސްޓެޓިސްޓިކް ބިއުރޯއިން ބުނެފައިވެ އެވެ.
އިތުރުވީ 44000 ދިވެހިން، ބިދޭސީން ދެ ގުނަ އިތުރު
ބޯހިމެނުމުގެ ނަތީޖާ ސައްހަވާނެ ކަމާމެދު އުފައްދާ ސުވާލު
ބޯހިމެނުން: ބޭރުގައި އުޅޭ ދިވެހިންގެ މައުލޫމާތު ހޯދަނީ
މިހާތަނަށް ދައްކަނީ 16،800 ދިވެހިން އިތުރުވިކަމަށް
ބޯހިމެނުމުގެ މުއްދަތު ހަފުތާއަކަށް އިތުރުކޮށްފި
ބޯހިމެނުން: މާލެ އިން މައުލޫމާތު ނުލިބޭ 900 ތަނެއް
ބޯހިމެނުން: ބައިވެރިނުވެވި ތިބި ނަމަ 1423އަށް ގުޅާ
8 އަހަރު ފަހުން ރާއްޖޭގައި ބޯހިމަނަން ފަށައިފި
ބޯހިމަނާނީ މިރޭ 12ގެ ފަހުން ދިރިއުޅޭ ތަނަކުން!
500ރ. ދޭ ގޮތަށް ބޯހިމެނުމަށް 4،400 މީހުން ހޯދަނީ