Roadha Mihaaru
ބޯހިމެނުން: ބައިވެރިނުވެވި ތިބި ނަމަ 1423އަށް ގުޅާ

ބޯހިމެނުމުގައި ބައިވެރިނުވެވި ތިބި މީހުން 1423 އަށް ގުޅަން އެދެފި

28 ސެޕްޓެމްބަރ 2022

މިހާރު ކުރިއަށްދާ ބޯހިމެނުމުގައި، ތަންތަން ތަޅުލާފައި ހުރުމުންނާއި މީހުންނާ ދިމާނުވުމުގެ ސަބަބުން ބޯހިމެނުމަށް މައުލޫމާތު ނުދެވި ތިބި މީހުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހޮޓްލައިން ނަންބަރު 1423 އަށް ގުޅުމަށް މިއަދު އެދެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިހާރު ކުރިއަށްދާ ބޯހިމެނުމުގައި، ތަންތަން ތަޅުލާފައި ހުރުމުންނާއި މީހުންނާ ދިމާނުވުމުގެ ސަބަބުން ބޯހިމެނުމަށް މައުލޫމާތު ނުދެވި ތިބި މީހުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހޮޓްލައިން ނަންބަރު 1423 އަށް ގުޅުމަށް މިއަދު އެދެފި އެވެ.

އެ ބިއުރޯއިން ކުރި އިއުލާނެއްގައި ބުނީ ތަޅުލާފައި ހުރުމުންނާއި މީހުންނާއި ދިމާނުވުމުގެ ސަބަބުން، ތަފުސީލީ މައުލޫމާތު ނުނެގިވާ ގޭބިސިތަކާއި އިގުތިސާދީ މަސައްކަތް ހިންގާ ތަންތަނާއި މައުލޫމާތު ފުރިހަމަނުކުރެވިވާ ތަންތަނާއި އަދި ބޯހިނުމަށް މައުލޫމާތު ހޯދުމަށް އެދި އެ އޮފީހުގެ ލިޔުމެއް ލިބިފައިވާ ފަރާތްތަކުން ހޮޓްލައިން ނަންބަރަށް ގުޅުމުން މައުލޫމާތު ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ ބިއުރޯގެ ވެބްސައިޓުގައިވާ ފޯމު މެދުވެރިކޮށް، އެކަން އަންގާލުމުން ވެސް އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ.

ބޯހިމެނުމުގެ މަސައްކަތް، ރާއްޖޭގެ ބޮޑު ބައެއް ބައެއްގައި މިދިޔަ އާދިއްތަ ދުވަހު ނިންމާލިއިރު، ބައެއް ތަންތަނުން މައުލޫމާތު ނުނަގާ ކަމުގެ ޝަކުވާ ވެސް އާންމުންކޮށްފައިވެ އެވެ.

މާލޭގައި ބޯހިމެނުމަށް ގޮންޖެހުންތަކެއް

ސްޓެޓިސްޓިކްސް ބިއުރޯގެ އިއުލާނުގައި ބުނީ ބޯހިމެނުމުގެ ފީލްޑް މަސައްކަތް، މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްްދުތަކުގައި މިއަދު ވެސް ކުރިއަށް ދާ ކަމަށެވެ. އަދި މާލޭގައި ބޯހިމެނުން އިއްޔެ ނިންމާލާ ގޮތަށް އޮތް ނަމަވެސް، އަދިވެސް ބައެއް އިމާރާތްތަކަށާއި މީހުން ދިރިއުޅޭ ތަންތަނަށް ނުދެވި ހުރުމުގެ ސަބަބުންނާއި މުޅިން ފުރިހަމަނުކުރެވިވާ ތަންތަން ހުރުމާ އެކު އެ ތަންތަނުގެ މައުލޫމާތު ހޯދުނު މިންވަރަކުން ފުރިހަމަ ކުރަމުން ގެންދާނެ ކަމަށެވެ.

"އެހެންކަމުން، މާލޭގައި މިހާތަނަށް ބޯހިމެނިފައިވާ ނުވާ ދިރިއުޅޭ ތަންތަނާއި ލޭބާ ކުއާޓާ އަދި ރަޖިސްޓަކޮށްގެން ހިންގާ އިގުތިސާދީ މަސައްކަތް ހިންގާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކާއި އެމްޕްލޯޔަރުންގެ އެހީތެރިކަމަށް މި ބިއުރޯއިން އެދެމެވެ،" އެ އިއުލާނުގައިވެ އެވެ.

ރާއްޖޭގެ އާބާދީ އަށް އައިސްފައިވާ ބަދަލުތަކާއި އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ދެނެގަތުމަށް 8 އަހަރު ފަހުން ބޯހިމަަނަން ފެށީ މި މަހު 13 ގަ އެވެ. އެ މަސައްކަތުގެ ދަށުން މާލެ ފިޔަވައި، އެހެން ހުރިހާ ރަށެއްގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

އަންނަ މަހު ހައެއްގައި ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް، ދާއިމީ ނަތީޖާ އެ މަހުގެ 20 ގައި އިއުލާނުކުރަން ވަނީ ނިންމައިފަ އެވެ.