Roadha Mihaaru
"ވިޕާ ހިލާފުވެ ފިިޔަވަޅު އަޅަން ނުޖެހޭ ބުނުން ހުތުރު"

ވިޕާ ހިލާފުވުމަށް ފަހު ފިޔަވަޅު އަޅަން ނުޖެހޭ ބުނުން ހުތުރު: އަނދުން ހުސެއިން

14 ޖޫން 2022

އެމްޑީޕީގެ މެޖޯރިޓީ ގެއްލުނު ހިސާބުން ވިޕްލައިންތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނުޖެހޭ ކަމަށް ބުނުން ދެރަވަރު އަދި ހުތުރު ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ މެޖޯރިޓީ ގެއްލުނު ހިސާބުން ވިޕްލައިންތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނުޖެހޭ ކަމަށް ބުނުން ދެރަވަރު އަދި ހުތުރު ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ފެކްޝަން އުފެދިފައިވާއިރު ޕާލިމެންޓަރީ ގްރޫޕްގެ މެޖޯރިޓީ އޮތީ ރައީސް އާއެކުގަ އެވެ.

ޕީޖީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ނަޝީދަށް ތާއީދު ކުރައްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ވެއްދުމަށް ރައީސްގެ މެމްބަރުންގެ ތާއީދެއް ނުލިބުމުން އެ މައްސަލަ ހޫނުވި އެވެ.

ނަޝީދު ފެކްޝަނުން ވަނީ އެމްޑީޕީން ނެރޭ ވިޕްލައިންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައި އެ ނިންމުންތަކާ ދެކޮޅުވާން ބޭނުންވާ މެމްބަރުންގެ ނަންތައް އިއުލާން ކޮށްފަ އެވެ. ނަޝީދު ފެކްޝަންގައި ހިމެނޭ 19 މެމްބަރަކު ވަނީ ވިޕްލައިންތަކާ ދެކޮޅު ވާން ނިންމާފަ އެވެ.

އެކަމާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ކުރިން ޗެއާޕާސަންކަން ކުރެއްވި ބޭފުޅުންނާއި ޕާޓީގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުން ވިޕްލައިންތަކާ ހިލާފުވާ ފަރާތްތަކާ މެދު އަޅަމުން ދިޔަ ފިޔަވަޅުތައް އަލުން އަޅަން ނުޖެހޭ ކަމަށް ވިދާޅުވުމަކީ "ހިތާމަހުރި، ހުތުރު، ދެރަވަރު" ކަމެއް ކަމަށެވެ.

އެއީ މެޖޯރިޓީ ގެއްލޭ ކޮންމެ ފަހަރަކު 30 އަހަރުގެ ވެރިކަން ނިންމައި ގެނައި ޑިމޮކްރަޓިކް އުސޫލުތައް ނެތިކޮށްލުން ފަދަ ކަމެއް ކަމަށާއި ކަތީބުންގެ ނިޒާމް ބަދަލުކޮށް ގެނައި ލާމަރުކަޒީ ނިޒާމް ވެސް އުވާލުން ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެމްޑީޕީގެ ވިޕްލައިންތަކާ ހިލާފުވާ ފަރާތްތަކާ މެދު ވަނީ ފިޔަވަޅު އަޅައި ޕާޓީން ވަކި ވެސް ކޮށްފަ އެވެ.

ވިިޕްތަކާ މެދު ހިތްހަމަނުޖެހޭ މެމްބަރުން

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

ގައްދޫ ދާއިރާ މެންބަރު އަހްމަދު ޒާހިރު

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް

މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ފިރުޝާން

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް