Roadha Mihaaru
ގޯތި ދޫކުރަން މި މަހު 26 ގައި ހުޅުވާލާނެ: އަސްލަމް

މާލެ ސަރަހައްދުން ގޯތި ދޫކުރަން މި މަހުގެ 26 ގައި ހުޅުވާލާނެ: އަސްލަމް

15 ޖޫން 2022

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް މި މަހުގެ 26 ގައި ހުޅުވާލާނެ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް މި މަހުގެ 26 ގައި ހުޅުވާލާނެ ކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މި މަހުގެ ތެރޭގައި މާލޭގެ މީހުންނަށް ގޯތި ދޫކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ.

"އަޅުގަނޑު މި އުންމީދު ކުރަނީ 26 ޖޫންގައި [ގޯތި ދޫކުރަން] އިއުލާން ކުރޭނެ ކަމަށް،" ރައްޔިތުންގެ މަޖިލީހުގައި އެކަމާ ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ދޫކުރަން ސަރުކާރުން ނިންމާފައި ވަނީ 5،000 ގޯއްޗެވެ. އޭގެ ތެރެއިން މި މަހު ހުޅުވާލާނީ 3،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތެވެ.

ސަރުކާރުން ނިންމާފައި ވަނީ މާލޭގެ މީހުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތީ އަދި ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި ދިނުމަށެވެ.

އަސްލަމް ވިދާޅުވީ މާލެ ރައްޔިތުންނަށް ދެން އެންމެ އަވަހަށް އިއުލާން ކުރާނީ ވިނަރެސް ފްލެޓްގެ 1344 ހައުސިން ޔުނިޓް ކަމަށެވެ. އަދި 4000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ބާރަށް ކުރިޔަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގޯއްޗަށް ކުރިމަތިލެވޭ ޝަރުތުތައް:

● މާލެ އަށް އުފަން މާލެ ރައްޔިތަކަށް ވުން

● އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އަދި ވާރުތަކުރަން ވެސް އެ ވަރުގެ ބިމެއް ނެތުން. އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއް ވެސް ދޫކޮށްލުން.

● ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭނެ.

● މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލޭގެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ

އެ ޝަރުތުތަކުގެ އިތުރުން މާކްސް ދޭ އުސޫލުތަކެއް އޮންނާނެ އެވެ. އަސްލަމް ވިދާޅުވި ގޮތުގައި އެކި އުމުރުފުރާގެ މީހުންނަށް ދޭ މާކްސްތައް ތަފާތުވިޔަސް މީހަކާ އިނދެގެން އުޅޭތީ އިތުރު މާކްސެއް ނުލިބޭނެ އެވެ. އެކަމަކު ދެމަފިރިން ގުޅިގެން އެއް ގޯއްޗަކަށް ކުރިމަތިލާ ނަމަ މާކްސް އިތުރުކުރަން ވިސްނާ ކަމަށް މަޖިލީހުގައި އަސްލަމް ވިދާޅުވި އެވެ.