Roadha Mihaaru
ގޯތިދޫކުރުމުގެ އުސޫލާ މެދު މެމްބަރުންނާ މަޝްވަރާކުރަނީ

މާލެ އިން ގޯތި ދޫކުރުމުގެ އުސޫލާ މެދު މެމްބަރުންނާ މަޝްވަރާ ކުރަނީ

16 ފެބުރުއަރީ 2022

މާލެ ސަރަހައްދުން ގޯތި ދިނުމުގެ އުސޫލާ ބެހޭގޮތުން، މާލެ ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެ ސަރަހައްދުން ގޯތި ދިނުމުގެ އުސޫލާ ބެހޭގޮތުން، މާލެ ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ މީހުންނަށް ގޯތި ދިނުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައިވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، މާލެ ސަރަހައްދުން ގޯތި ދޫކުރާނެ ގޮތުގެ އުސޫލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެ އުސޫލުތަކާ ގުޅޭ ގޮތުން މާލެ ދާއިރާގެ މަޖިލިސް މެމްބަރުންނާ އަންނަ ހަފުތާގައި މަޝްވަރާ ކުރަން ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން މި ޒާތުގެ ކަމެއް ކުރާއިރު މާލެ ތަމްސީލު ކުރައްވާ މެމްބަރުން މިކަމުގައި ދެކޭ ގޮތް ޝާމިލް ވާން ޖެހޭނެ. ޑްރާފްޓަށް އަންނަ ހަފުތާގެ ތެރޭގައި ޑިސްކަސް ކޮށްލާނަން. އޭގެ ފަހުން ފައިނަލައިޒް ކުރާނީ،" އަސްލަމް ވިދާޅުވި އެވެ.

ރިޔާސީ ބަޔާންގައި ރައީސް ވިދާޅުވީ، މާލެ ރަށްވެހިންނަށް ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތި ދޭން ނިންމާފައިވާ ކަމަށެވެ. އަދި ގިރާވަރު ފަޅުން ބިމެއް ހިއްކައި މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރިޔާސީ ދައުރު ނިންމައިލާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމައި އަދި ބިން ކަނޑައި، ގޯތީގެ ފަތް ދިނުމަށް ފަހު،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ގޯތި ދިނުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހު ފަށާނެ އެވެ. ރައީސް ވިދާޅުވި ތާރީހަށް އެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން އަސްލަމް ވެސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ދެއްވި އެވެ.

މާލެ ހިމެނޭ ގޮތަށް ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.