Roadha Mihaaru

ރިޔާސީ އިންތިހާބުގައި ސިޔާމް ވާދަކުރައްވަން ނިންމަވައިފި

ރާއްޖެ އިން ކޮރަޕްޝަން ނައްތާލައި ހައްގުތައް ކަށަވަރުކޮށްދީ، ހެޔޮވެރިކަމަކާއެކު ފުދުންތެރި ގައުމަކަށް ހަދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ސިޔާމް ވާދަކުރައްވަން ނިންމަވައިފި
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

19 ޖޫން 2022

ރާއްޖެ އިން ކޮރަޕްޝަން ނައްތާލައި ހައްގުތައް ކަށަވަރުކޮށްދީ، ހެޔޮވެރިކަމަކާއެކު ފުދުންތެރި ގައުމަކަށް ހަދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް "މިހާރު" އަށް މިއަދު ވިދާޅުވީ އެ ޕާޓީން ރިޔާސީ ދަތުރަށް މިސްރާބު ޖަހައި، ޕާޓީ ވަރުގަދަކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށެވެ. އަމާޒަކީ ދެ މަސް ދުވަހުގެ ތެރޭގައި 10،000 މެމްބަރުން ހަމަކޮށް، ބޮޑު ޖަލްސާއެއްގައި ކެންޑިޑެސީ އިއުލާންކުރުން ކަމަށް ވިދާޅުވި އެވެ.

އިލެކްޝަންސަށް އަދި ހުށަނޭޅި ހުރި ފޯމުތަކާއެކު އެމްޑީއޭގެ މެމްބަރުންގެ އަދަދު އޭނާ ވިދާޅުވި ގޮތުގައި، 7،000 އަށް އަރައިފި އެވެ.

މައުރޫފް ވިދާޅުވީ، އެ ޕާޓީގެ ކެންޑިޑޭޓް ނިންމާނީ، ޕާޓީ ވަރުގަދަކުރުމަށް ފަހު، ވަރަށް އަވަހަށް ބާއްވާ އޯޑިނަރީ ކޮންގްރެސްގަައި ކަމަށެވެ. ރިޔާސީ ރޭހަށް ނުކުންނެވުމުގެ ޝައުގުވެރިކަން ޕާޓީގެ ލީޑަރު ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް: ރިޔާސީ އިންތިހާބަށް އެ ޕާޓީ ވަރުގަދަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން. .---ފޮޓޯ: އެމްޑީއޭ

އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް: ރިޔާސީ އިންތިހާބަށް އެ ޕާޓީ ވަރުގަދަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން. .---ފޮޓޯ: އެމްޑީއޭ

މައުރޫފް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަކީ ކުޑައިރުއްސުރެ ފެށިގެން ވެސް ސިޔާމްގެ ދަހިވެތިވާ ކަމެއް ކަމަށެވެ. ޓޫރިޒަމް ދާއިރާގައި ހޯއްދެވި ކާމިޔާބީތަކާއި ސިޔާސީ ދާއިރާގެ 20 އަހަރުގެ ތަޖުރިބާއާ އެކު އޭނާއަކީ ރާއްޖޭގެ ލީޑަރުންގެ ތެރެއިން މިވަގުތު ފެންނާނެ އެންމެ ވަރުގަދަ ލީޑަރު ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ވެސް ވަރަށް ގިނަ ތަޖުރިބާތަކެއް ކުރައްވައިފި. ލީޑަރާއި އަޅުގަނޑުމެންގެ ޕާޓީގެ ވެސް މިހާރުގެ މަންޒިލަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން. އެ މަސައްކަތްތައް ފަށައިގެން ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ،" މައުރޫފް ވިދާޅުވި އެވެ.

އެމްޑީއޭގެ އޯޑިނަރީ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 30 ގަ އެވެ.

މައުރޫފް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ކައުންސިލް ބޮޑުކޮށް، 300 މެމްބަރުން ތިބޭ ގޮތަށް ބަދަލުކުރާނެ އެވެ. އޭރުން ކޮންމެ ރަށެއްގައި ވެސް ކައުންސިލް މެމްބަރަކު ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް!

މައުރޫފް ވިދާޅުވީ، އެމްޑީއޭ އުފައްދައި މިހާތަނަށް ވެރިކަމުގައި ދެމިއޮތީ، ކޯލިޝަން ހަދައިގެން ނޫން ކަމަށެވެ. ޕީޕީއެމް 2013 ގައި ވެރިކަމަށް އައުމަށް ހެދި ކޯލިޝަންގައި އެންމެ ގިނަ ދުވަހު ދެމިއޮތީ އެ ޕާޓީ އެވެ.

އެމްޑީއޭ އިން ކޯލިޝަން ދޫކޮށްލީ 2018 ގެ ރިޔާސީ އިންތިޚާބާ ހަމައިންނެވެ. އޭގެ ސަބަބެއް ކަަމަށް އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެފައި ވަނީ ކޯލިޝަންގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމެވެ. އެކަމަކު، އޭގެ ފަހަތުގައި ވަނީ، ގާތް ދެ ރަހުމަތްތެރިން ކަމަށްވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ސިޔާމްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ކަމަށް އެމްޑީއޭގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ޕީޕީއެމާއި އެމްޑީއޭ އިން ހެދި ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް، އެމްޑީއޭ އަށް ސަރުކާރުން ހިއްސާ ނުލިބުމަކީ، އެމްޑީއޭގެ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ކޯލިޝަންގައި މައްސަލަ އުފެދުނު އެއް ސަބަބެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެއްވެސް ހަރަކާތެއްގައި ސިޔާމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އޭނާ ކުރިމަތިލައްވާ ކަން އެމްޑީއޭ އިން އިއުލާން ކުރުމާ ހަމައަށް ހުންނެވީ ސިޔާސީ ކަންކަމާ ދުރުގައި، "ހިމޭނުންނެ"ވެ.

އިންތިޚާބަށް މަހަކަށް ވެފައި އޮއްވައި، އެމްޑީއޭ ލީޑަރުގެ މަގާމުން ސިޔާމް ދުރަށް ވަޑައިގަނެ ޕާޓީ ހިންގުން ވެސް މައުރޫފްއާ ހަވާލުކުރި އެވެ. އަލުން ޕާޓީގެ ހިންގެވުމާ ހަވާލުވެވަޑައިގަތީ ރިޔާސީ އިންތިހާބަށް ފަހު އެވެ.

އެމްޑީއޭގެ ކޮންގްރެސް އިފުތިތާހު ކުރުމަށް ފެބްރުއަރީ 6، 2015 ގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަަންނަވަނީ: އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން އުވުނީ 2018 ގެ ރިޔާސީ އިންތިހާބާ ހަަމައިން.

އެމްޑީއޭގެ ކޮންގްރެސް އިފުތިތާހު ކުރުމަށް ފެބްރުއަރީ 6، 2015 ގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަަންނަވަނީ: އެމްޑީއޭ އާއި ޕީޕީއެމްގެ ކޯލިޝަން އުވުނީ 2018 ގެ ރިޔާސީ އިންތިހާބާ ހަަމައިން.

މައުރޫފް ވިދާޅުވި ގޮތުގައި އެކަނި ވާދަކޮށް، އެމްޑީއޭ އަށް އިންތިހާބުގައި ކާމިޔާބީ ހޯދޭނެ އެވެ. އެ ހިސާބަށް ޕާޓީ ވަރުގަދަވާނެ ކަމަށާއި އެކަމުގައި ރައްޔިތުން އެއްބާރުލުން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

މައުރޫފް ވިދާޅުވީ ރިޔާސީ އިންތިހާބަށް ފަހު އެމްޑީއޭ ފެންނާނީ ރާއްޖޭގައި ޑިމޮކްރަސީ ފައްކާވެފައި އޮތް ސިޔާސީ ބޮޑު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ހުރިހާ އިންތިހާބުތަކެއްގައި ވާދަކުރާއިރު، ތަބަބަކަށްލާފައި އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް އެއްވެސް އިންތިހާބެއްގައި ޓިކެޓް ނުދޭނެ ކަަމަށް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވި ގޮތުގައި އެމްޑީއޭ އިން ރިޔާސީ ރޭހަށް ނުކުންނަނީ ވަރަށް ޔަގީންކަމާ އެކުގަ އެވެ. އެ ޕާޓީން އެންމެ ފަހުން ބޭއްވި މަޖިލީސް އިންތިހާބަށް ވާދަކުރިއިރު ގޮނޑިއެއް ކަށަވަރުވީ ޕާޓީގެ ލީޑަރު ސިޔާމަށް އެކަންޏެވެ.