Roadha Mihaaru
ޓެލްގްރާމް ޕްރިމިއަމްއަށް މަހަކު 4.99 ޑޮލަރު

މަހަކު 4.99 ޑޮލަރު ދައްކާ ގޮތަށް ޓެލެގްރާމް ޕްރިމިއަމް ތައާރަފުކޮށްފި

21 ޖޫން 2022

މަހަކު 4.99 ޑޮލަރު ދައްކައިގެން ބޭނުންކުރެވޭ ގޮތަށް "ޓެލެގްރާމް ޕްރިމިއަމް"ގެ ހިދުމަތް އިއްޔެ ތައާރަފުކޮށްފި އެވެ.

މަހަކު 4.99 ޑޮލަރު ދައްކައިގެން ބޭނުންކުރެވޭ ގޮތަށް "ޓެލެގްރާމް ޕްރިމިއަމް"ގެ ހިދުމަތް އިއްޔެ ތައާރަފުކޮށްފި އެވެ.

ޓެލެގްރާމްގެ ބްލޮގް ޕޯސްޓެއްގައި ވަނީ ޕްރިމިއަމްއިން ލިބޭނެ ހާއްސަ ހިދުމަތްތައް ތަފުސީލުކޮށްދީފަ އެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި ޑައުންލޯޑް އަވަސްކުރެވޭ ފީޗާއަކާ އެކު، އެންމެ ބޮޑުކޮށް ފައިލް އަޕްލޯޑްކުރެވޭ ސައިޒް ހަތަރު ޖީބީ އަށް ހަދާފައިވެ އެވެ. ކުރިން އެންމެ ބޮޑުކޮށް އަޕްލޯޑްކުރެވެނީ ދެ ޖީބީގެ ފައިލެވެ.

ޕްރިމިއަމްގެ ހާއްސަ ހިދުމަތްތައް

- 1،000 ޗެނަލަށް ސަބްސްކްރައިބް ކުރެވޭނެ.

- 20 ޗެޓް ފޯލްޑާ ހެދޭނެ.

- ކޮންމެ ޗެޓް ފޯލްޑާއެއްގައި 200 ޗެޓް ސޭވް ކުރެވޭނެ.

- 10 ޗެޓް ޕިން ކުރެވޭނެ.

އެހެން ހާއްސަ ފީޗާތަކަށް ބަލާއިރު، ހަތަރު ޓެލެގްރާމް އެކައުންޓް އެޑްކުރެވޭނެ އެވެ. ކުރިން އެޑްކުރެވެނީ ތިން އެކައުންޓެވެ. އަދި ޕްރިމިއަމް ޔޫސާސް އަށް ދިގުކޮށް ބަޔޯ ލިޔެވޭ ގޮތް ވެސް ހަދައިފައިވެ އެވެ.

ޕްރިމިއަމް ސްޓިކާސްގެ ލައިބްރަރީއަކަށް އެކްސެސް ލިބޭއިރު، ފުލް ސްކްރީން އެނިމޭޝަންސް އާއި އެ ހިދުމަތަށް ހާއްސަ އީމޯޖީ ރިއެކްޝަންސް އަދި އެނިމޭޓެޑް ޕިކްޗާސް ވެސް ހެދޭނެ އެވެ. ވޮއިސް މެސެޖުގެ ގޮތުގައި ފޮނުވާ މެސެޖުތައް ޓެކްސްޓްގެ ގޮތުގައި ލިބޭނެ ފީޗާއެއް ވެސް ތައާރަފުކުރި އެވެ. އަދި ޕްރިމިއަމް އަށް ސަބްސްކްރައިބް ކުރުމުން އެކި ޗެނަލްތަކުގައި ހުންނަ އިޝްތިހާރުތައް ވެސް ނުފެންނާނެ އެވެ.

"ޓެލްގްރާމް ޕްރިމިއަމް" ތައާރަފު ކުރިޔަސް، މިހާރު ވެސް ޓެލެގްރާމް އިން ލިބޭ ފީޗާތައް ދެން ވެސް ހިލޭ ލިބޭނެ އެވެ.

މަހު ފީ ދައްކައިގެން ބޭނުންކުރެވޭ ހިދުމަތެއް ތައާރަފުކުރުމުގެ މަސައްކަތް ޓެލެގްރާމް އިން ފެށީ 2020ގަ އެވެ.