Roadha Mihaaru
ވޭލްސްގެ ކޯޗުކަމުން ގިގްސް އެންމެފަހުން އިސްތިއުފާ ދީފި

ވޭލްސްގެ ކޯޗުކަމުން ގިގްސް އެންމެ ފަހުން އިސްތިއުފާ ދީފި

21 ޖޫން 2022

ކާޑިފް (ޖޫން 21) - ވޭލްސް ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމުގައި ހުރި ކުރީގެ މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިޔާ ރަޔާން ގިގްސް މަގާމުން އިސްތިއުފާ ދީފި އެވެ.

ކާޑިފް (ޖޫން 21) - ވޭލްސް ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމުގައި ހުރި ކުރީގެ މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިޔާ ރަޔާން ގިގްސް މަގާމުން އިސްތިއުފާ ދީފި އެވެ.

ގިގްސް، 48، ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އާއި އޭނާގެ ދައްތަ އަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތުގައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހައްޔަރުކޮށްފަ އެވެ. އެއާ އެކު ޓީމުގެ ޒިންމާތަކުން އެކަހެރި ވެފަ އެވެ. ނަމަވެސް ރަސްމީކޮށް އޭނާ މަގާމުން އިސްތިއުފާ ދީފައި ވާކަން ވޭލްސްގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ރޭޣެ ވަގުތެއްގައި ހާމަކޮށްފަ އެވެ.

އޭނާ ހައްޔަރު ކުރުމާ އެކު ވޭލްސް ގައުމީ ޓީމުގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވީ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި ރޮބް ޕޭޖް އެވެ. ގިގްސްގެ މަގާމު ފުރަމުން ޕޭޖް ވަނީ 1958 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޭލްސް ފީފާ ވޯލްޑް ކަޕަށް ކޮލިފައި ވެސް ކޮށްދީފަ އެވެ.

ގައުމީ ޓީމުގެ މަގާމުން އިސްތިއުފާ ދިންކަން ހާމަކޮށް ގިގްސް ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ގައުމީ ޓީމު މެނޭޖް ކުރަން ލިބުނު ފުރުސަތަށް ޝުކުރުވެރި ވާކަމަށާއި މިވަގުތު މުޅި ޓީމަށް ވެސް އެންމެ ފައިދާ ކުރާނީ ވޯލްޑް ކަޕާއި ކުރިއަށް ކުރި މެޗުތަކުން ކާމިޔާބު ހޯދަން އިސްކަން ދީގެން ކަމަށެވެ.

"އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ މި މައްސަލައާ ގުޅިގެން ގައުމީ ޓީމު ވޯލްޑް ކަޕަށް ވަމުންދާ އެއްވެސް ތައްޔާރީއަކަށް ހުރަސް އެޅޭކަށް. މަގާމުގައި މިވަގުތު އިތުރަށް ކުރިއަށް ދެވެން ނެތުމުން ދެރަވޭ، އެކަމަކު 1958 އަށް ފަހު ފުރަތަމަ ވޯލްޑް ކަޕުގައި އާދަޔާ ހިލާފު ގުރޫޕުގައި ގައުމު ފަހުރުވެރިވާ ނަތީޖާއެއް ހޯދާނެކަމަށް އުންމީދު ކުރަން،" ގިގްސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

"އަދި ފަހުން ގައުމީ ޓީމު މެނޭޖަރުގެ މަގާމުގައި އަލުން ކުރިއަށް ދާން އަހަރެން އުންމީދު ކުރަން."

ވޭލްސްގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ ގިގްސްގެ ބަޔާނާ ގުޅުވައިގެން ބަޔާނެއް ނެރެ، ގިގްސްގެ އެ ނިންމުމަށް ޝުކުރު އަދާކޮށްފަ އެވެ.

"ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމުގައި ރަޔާން ގިގްސް ހޭދަކުރި މުއްދަތުގައި ކޮށްދިން މަސައްކަތް އަގު ވަޒަންކޮށް ޝުކުރު އަދާކުރަން، އަދި ތިޔަ ނިންމުމަކީ މިވަގުތު ވޭލްސްގެ ފުޓުބޯޅައަށް އެންމެ ފައިދާ ހުރި ގޮތް،" ވޭލްސްގެ ބަޔާނުގައި ވެއެވެ.

ވޭލްސް ކޯޗުކަމުގައި މިހާރު ހުރި ރޮބް ޕޭޖް.-- ފޮޓޯ: ޕީއޭ

ވޭލްސް ކޯޗުކަމުގައި މިހާރު ހުރި ރޮބް ޕޭޖް.-- ފޮޓޯ: ޕީއޭ

"ވޭލްސް ގައުމީ ޓީމުގެ ހުރިހާ ފޯކަސް އެއް މިހާރު ހުރީ މަހުގެ ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް."

ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަން ހުރި ޕޭޖް ވަނީ، ގިގްސް ހައްޔަރުކުރުމާ އެކު ޓީމާ ވަގުތީގޮތުން ހަވާލުވެ، އޭރު ނޭޝަންސް ލީގުގެ ބާކީ މެޗުތައް ކާމިޔާބުކޮށްދީ، ނޭޝަންސް ލީގު އެއްވަނަ ޑިވިޝަނަށް ވެސް ޓީމު ޕްރޮމޯޓް ކޮށްދީފަ އެވެ.

މިދިޔަ އަހަރުގެ ޔޫރޯ މުބާރާތުގައި ވެސް ޓީމަށް އިރުޝާދު ދިނީ ޕޭޖް އެވެ. އެ މުބާރާޓަށް ފަހު ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި އޭރު ދުނިޔޭގެ އެއްވަނަ ބެލްޖިއަމް އަތުން ބަލިވި ނަމަވެސް ކޮލިފައިންގެ ގުރޫޕް ސްޓޭޖްގެ ބާލީ ހަތް މެޗު ނިންމާލީ ބަލި ނުވެ އެވެ. ގުރޫޕްގެ ދެވަނަ ލިބުމާ އެކު އެޓީމު ވޯލްޑް ކަޕުން ޖާގަ ހޯދީ ޕްލޭ އޮފް ގައި އޮސްޓްރިއާ އާއި ޔޫކްރޭން ބަލި ކޮށްފަ އެވެ.

ވޯލްޑް ކަޕުގައި ވޭލްސް ހިމެނެނީ އިންގްލެންޑާއި އެމެރިކާ އަދި އިރާނާ އެކު އެއް ގުރޫޕެއްގަ އެވެ.