Roadha Mihaaru
ޔޯގާ ހަމަނުޖެހުން: އިތުރު ހަތް މީހަކު ހައްޔަރުކޮށްފި

ޔޯގާ ހަމަނުޖެހުމާ ގުޅިގެން އިތުރު ހަތް މީހަކު ހައްޔަރުކޮށްފި

25 ޖޫން 2022

ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ބަޔަކު ވަދެގަނެ އެތަނުގައި ހުރި ތަކެތި އުކާލައި މީހުންނަށް ހަމަލާދީ ބިރު ދައްކައި އިންޒާރުދިން މައްސަލާގައި އިތުރު ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރަނިކޮށް ބަޔަކު ވަދެގަނެ އެތަނުގައި ހުރި ތަކެތި އުކާލައި މީހުންނަށް ހަމަލާދީ ބިރު ދައްކައި އިންޒާރުދިން މައްސަލާގައި އިތުރު ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ހައްޔަރުކުރި އެ ހަތް މީހުން ވެސް ބަންދުކުރަން ކްރިމިނަލް ކޯޓުން އަންގާފައިވާ ކަމަށެވެ. އޭގެތެރެއިން ބައެއް މީހުންގެ ބަންދަށް މަހަކަށް ވުރެން ގިނަ ދުވަސް ކްރިމިނަލް ކޯޓުން ދީފައިވެ އެވެ.

ޔާގޯއާ ދެކޮޅަށް ބޭއްވި ހަރަކާތާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި ބައެއް ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން މިއަދު މައުލޫމާތު އާއްމުކުރި ހަތް މީހުންނާ އެކު އެ މައްސަލައިގައި މިހާތަަނަށް ޖުމްލަ 19 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ފަހުން ހައްޔަރުކުރި މީހުންނަކީ؛

1. އިބްރާހީމް ޒިހާނު، 25 / މިލާނޯ، ނ. ވެލިދޫ

2. އަލީ މިރުޝާދު، 31 / ލަކީސްޓާ، އއ. މާޅޮސް

3. މުހައްމަދު ޝާން، 32 / އަންނާރުމާގެ، ލ. މުންޑޫ

4. އަބްދުﷲ ނިޔާޒު، 41 / ގ. ފީނިކްސް، މާލެ

5. އަލީ މުހައްމަދު، 36 / އަލީއާބާދު، ތ. ތިމަރަފުށި

6. އަހްމަދު އަލީ، 26 / މ. ފަޅުމަތީގެ، މާލެ

7. މުހައްމަދު ޒީޝާން ނާސިރު، 30 / ގ. ކޮލަމްބިއާ، މާލެ

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި މީހުންގެ ތެރެއިން އަހްމަދު އަލީގެ ބަންދަށް 10 ދުވަސް އަދި މުހައްމަދު ޒީޝާން ނާސިރުގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. އެ ދެ މީހުން ފިޔަވާ އެންމެންގެ ބަންދަށް 45 ދުވަސް ކޯޓުން ދީފައިވާ ކަމަށް ވެސް ބުންޏެވެ.

ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން.

ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން.

އެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރެއިން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހަރަކާތް ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލް އާއި އިބްރާހިމް ރައްޒާނާއި ޝޭހް އާދަމް ނިޝާން އަދި ޝޭހް ފަޒްލޫން މުހައްމަދު ހިމެނެ އެވެ.

ޝެއިހް މުހައްމަދު ފަޒްލޫނާއި އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހިފަހައްޓައިފަ އެވެ. ހަމަނުޖެހުންތަކާ ގުޅިގެން އެ މައްސަލަ ބެއްލެވުމަށް ވަޒީރުންގެ މަޖިލީހުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެކަމުގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ވެސް ހާއްސަ އިންކުއަރީއެއް އަންނަނީ ހިންގަމުންނެވެ.

ދަނޑުގައި ޔޯގާ ހަމަނުޖެހުން ހިންގީ، އެ ހަރަކާތް ހުއްޓުވަން ސޯޝަލްމީޑިއާގައި އަޑު އުފުލުމަށް ފަހު އެވެ. ހަމަނުޖެހުން ހިންގި ތަނަށް ފަތިހު ދިދަތައް ނެރެގެން ގެންދިޔައީ ޕީޕީއެމްގެ އޮފީހުންނެވެ. އެކަމަކު އެ ޕާޓީން ބުނެފައި ވަނީ ހަމަނުޖެހުން ހިންގުމުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އެ ޕާޓީން ދިދަތައް ނެރުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.