Roadha Mihaaru
މުސްކުޅިއަކު ހައްޔަރުކުރުން: "އެހެންހަދަން ހެޔޮނުވާނެ"

އުމުރުން ދުވަސްވީ މީހަކު ހަރުކަށިކޮށް ހައްޔަރުކުރުން: "އެހެން ހަދަން ހެޔޮނުވާނެ"!

09 ޖެނުއަރީ 2023

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ދުވެފައި ގޮސް އުމުރުން ދުވަސްވީ އަންހެނަކު ރޭ ހައްޔަރުކުރީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ވަރަށް ރަހުމްކުޑަ ގޮތަކަށް ކަމަށާއި އެހެން ހަދަން "ހެޔޮނުވާނެ" ކަމަށް ބުނެ ފުލުހުންނަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ދުވެފައި ގޮސް އުމުރުން ދުވަސްވީ އަންހެނަކު ރޭ ހައްޔަރުކުރީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ވަރަށް ރަހުމްކުޑަ ގޮތަކަށް ކަމަށާއި އެހެން ހަދަން "ހެޔޮނުވާނެ" ކަމަށް ބުނެ ފުލުހުންނަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަނީ ދިދައެއް ހިފައިގެން ހުރި އަންހެނަކު މުޒާހަރާކުރާ ސަރަހައްދުން ދުއްވައިގަތް ތަނެވެ. ފަހަތުން ދެ ފުލުހަކު ބާރަށް ދުވެފައި ގޮސް އޭނާ ހިފަހައްޓަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ނުދާން ގަދަ ދެއްކުމުން، ހަރުކަށިކޮށް އޭނާ ގެންދާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.

ބައެއް މީހުންނާ އެކު އޭނާ ދުއްވައިގަތް ސަބަބެއް ނޭނގެ އެވެ. އެކަމަކު ދުއްވައިގަތް ބައެއް މީހުންގެ ތެރެއިން ފުލުހުންނަށް އަތު ޖެހުނު މީހުން ހައްޔަރުކުރި އެވެ.

ޕީޕީއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މުޒާހަރާގައި އޭނާ ޝުއޫރުފާޅުކުރަމުން ދިޔައީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލަ އެވެ.

މައްސަލައަކަށް ވީ ޝުއޫރުފާޅުކުރަމުން ދިޔަ އެ އުމުރުގެ މީހަކު ކޮންޓްރޯލްކުރަން ފުލުހުން އެހާ ހަރުކަށިކަން ދެއްކުމެވެ. ތިން ފުލުހަކު ވެގެން އޭނާ ހައްޔަރުކުރުމުގެ ތެރޭގައި އަތް އަނބުރާލައި ގަދަކަން ދައްކާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

އެ އަންހެންމީހާގެ ރިސްޓް ލޮކް އަޅުވައި ފުލުހުން ދެއްކި ހަރުކަށި ކަމަކީ އެ އުމުރުގެ މީހަކަށް ބޮޑު އަނިޔާއެއް ވުމުގެ ފުރުސަތު އޮތް ކަމެއް ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރި އެވެ.

"އަހަރެން ލަދުގަންނަވާލައިފި، ބަލަން ވެސް އުނދަގޫ،" ޓުވިޓާގައި އެކަކު ލިއެފައިވެ އެވެ.

ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ލިއެފައިވާ ގޮތުގައި ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއްގެ ބޭނުންކުރަނިކޮށް، ބޮޑު ކުށެއް ކޮށްގެން އުޅުނު މީހަކު ހައްޔަރުކުރި ގޮތަށް އުމުރުން ދުވަސްވީ މީހަކާ މެދު ފުލުހުން އަމަލުކުރި ގޮތް ބަލައެއް ނުގަނެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވެސް ވަނީ އެ ހާދިސާއާ ގުޅިގެން ފުލުހުންނަށް ފާޑުކިއުން އަމާޒުކުރައްވައިފަ އެވެ.

"ހެޔޮނުވާނެ މިހެން ހަދަން، ހެޔޮނުވާނެ،" އޭނާ ވިދާޅުވި އެވެ.

ފަހަތުން ދުވެފައި ގޮސް އަންހެން މިހާ ހައްޔަރުކުރަން ޖެހުނު ސަބަބަކީ ކޮބައިތޯ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް ވަނީ ފުލުހުންގެ އެ އަމަލު ކުށްވެރި ކުރައްވައިފަ އެވެ.

"ސިޔާސީ ހައްގުތައް ތަންމިނަށް ހުޅުވި ބަހާރު މޫސުމް އައިސްފައިވާ ކަމަށް ބުނާ ސަރުކާރަކުން، ސިޔާސީ އެއްވުންތަކުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން މީހުން ހައްޔަރުކޮށް އަދި އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކުރުމަކީ ވަރަށް ދެފުށް ދެގޮތްކަން އަންގައިދޭ ހެއްކެއް،" ނާޒިމް ވިދާޅުވި އެވެ.

އަންހެން މީހާ ހައްޔަރުކުރުމުުގައި ހަރަކާތްތެރިވި ފުލުހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ދަނީ ގޮވާލަމުންނެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް އަންހެން މީހާ ގެންދިއުމުގައި އަމަލުކުރި ގޮތް ބަލަމުން އަންނަ ކަަމަށެވެ.

މީގެ ކުރިން، މުޒާހާރާއެއްގެ ތެރެއިން ޒުވާން އަންހެނަކު ފަހައި ސިފައިންގެ މީހަކު ދުވި ގޮތުން ވެސް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ. އެކަމަކު އެ މައްސަލަ ބަލައި ފިޔަވަޅު އެޅި ކަމެއް ނުވަތަ ކަން ހިނގި ގޮތެއް ރަސްމީ އިދާރާތަކުން އާއްމެއް ނުކުރެ އެވެ.

މުޒާހަރާގެ ތެރެއިން އެ އަންހެން މީހާ އާއި ދެން ވެސް ހައްޔަރުކުރާ މީހުންނަށް އަނިޔާވެރިވަމުންދާ ކަމަށް ބުނެ ޕީޕީއެމުން ވަނީ ފުލުހުން އަމަލުކުރަމުން އަންނަ ގޮތް ކުށްވެރިކޮށްފަ އެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ފުލުހުން ހުއްޓާލަން ވެސް ޕީޕީއެމުން ވަނީ ގޮވާލައިފަ އެވެ.