Roadha Mihaaru
ތެޔޮ ގަންނާނެ ފައިސާ ލަންކާއަކު ނެތް: މިނިސްޓަރު

ތެޔޮ ގަންނާނެ ފައިސާ ލަންކާއަކު ނެތް: މިނިސްޓަރު

20 ފެބުރުއަރީ 2022

ސްރީ ލަންކާ އަށް ބޭނުންޖެހިފައިވާ ތެލާއި ގޭހުގެ ބާވަތްތައް ގަންނާނެ ފައިސާ، އެ ގައުމުގެ ސަރުކާރުން ހިންގާ ތެޔޮ ކުންފުނީގައި ނެތް ކަމަށް، ލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރު އުދަޔަ ގައްމަންޕިލާ ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާ އަށް ބޭނުންޖެހިފައިވާ ތެލާއި ގޭހުގެ ބާވަތްތައް ގަންނާނެ ފައިސާ، އެ ގައުމުގެ ސަރުކާރުން ހިންގާ ތެޔޮ ކުންފުނީގައި ނެތް ކަމަށް، ލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރު އުދަޔަ ގައްމަންޕިލާ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިދިޔަ ހުކުރު ދުވަހު މިނިސްޓަރު ވިދާޅުވީ ސަރުކާރު ކުންފުނީގައި ފައިސާ ނެތުމުގެ ސަބަބުން، ގައުމަށް ދިމާވެފައިވާ ތެލުގެ މައްސަލަ ހައްލުކުރުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، މި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ތެޔޮ ކުންފުނި، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) މިހާރު ވެސް ހިންގަމުން އަންނަނީ ގެއްލުމުގަ އެވެ. އަދި ފައިސާގެ ދަތިކަން މިހާރު ހުރި މިންވަރަށް ބަލާއިރު، ބޭރުން ތެޔޮ ގަނެވޭނެ އެއްވެސް ގޮތެއް ނެތެވެ.

"ކުރިން ދިމާވި ގޮތަކީ ބޭރުން ތެޔޮ އިމްޕޯޓް ކުރަން ބޭނުންވާ ޑޮލަރު ނުލިބެނީ. މިހާރު މި ދިމާވެގެން އުޅޭ ގޮތަކީ، ޑޮލަރު ގަންނަން ބޭނުންވާ ރުޕީސް ނެތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ލަންކާގެ އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ޑީސަލް އެވެ. ނަމަވެސް ޑީސަލް ލިބުން ދަތިވެ، މިހާރު ޑީސަލް ވިއްކާ މަދު ތަންތަނުގައި ވެސް، އެއްގަމު އުޅަނދުތަކުގެ ވަރަށް ދިގު ކިޔޫތައް އެބަ އޮތެވެ.

އޭގެ އިތުރުން، ތެލުގެ ބާވަތްތައް ލިބުން ދަތިވުމާ ގުޅިގެން، ކަރަންޓު އުފައްދާ ބައެއް އިންޖީނުގެތައް ވެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ލަންކާގެ ގިނަ ސަރަހައްދުތަކަށް މިހާރު ކަރަންޓު ލިބެނީ ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުތަކެއްގަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި ތެޔޮ ވިއްކަން ޖެހުމުން، ސަރުކާރުގެ ކުންފުނިން ތެޔޮ ވިއްކަނީ 42 ޕަސެންޓްގެ ގެއްލުމެއްގަ އެވެ. އެހާ ބޮޑު ގެއްލުމެއްގައި ތެޔޮ ވިއްކަން ޖެހުމުގެ ސަބަބުން، މިދިޔަ އަހަރު އެކަނިވެސް އެކުންފުންޏަށް 415 މިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ތެލުގެ ވިޔަފާރިން ނަގަމުން އަންނަ ޓެކްސް ކަނޑައިލި ކަމުގައި ވިޔަސް، އެއީ މިހާރު ކުންފުންޏަށް ލިބިފައިވާ ގެއްލުން ފޫބެއްދޭނެ މިންވަރަކަށް ނުވާނެ އެވެ. ލަންކާގެ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ބޭރު ފައިސާ ލިބުން ދަތިވުމުގެ ސަބަބުން، އެ ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެ އަސާސީ ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލިފަ އެވެ.