Roadha Mihaaru
ޑޮލަރުން އަގު ދައްކަންޏާ ޕެޓްރޯލް ލިބިދާނެ: ލަންކާ

ޑޮލަރުން އަގު ދައްކަންޏާ ޕެޓްރޯލް ލިބިދާނެ: ލަންކާ ސަރުކާރު

05 ޖުލައި 2022

އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ލަންކާ ސަރުކާރުން އާ ފިޔަވަޅެއް އަޅަން ނިންމައިފި އެވެ.

އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ލަންކާ ސަރުކާރުން އާ ފިޔަވަޅެއް އަޅަން ނިންމައިފި އެވެ.

ބޭރު ފައިސާ ލިބުން ދަތިވުމާ ގުޅިގެން، އެ ގައުމަށް ބޭނުންވާ މިންވަރަށް ގޭހާއި ތެލުގެ ބާވަތްތަކާއި އަސާސީ ކާބޯތަކެތި އެތެރެ ކުރުމަށް ވަނީ ބުރޫ އަރައިފަ އެވެ. މި ދަތިތަކުގެ ސަބަބުން، އާންމުންނަށް ޕެޓްރޯލާއި ޑީސަލް ވިއްކުން ސަރުކާރުން މިހާރު ވަނީ ހުއްޓާލައިފަ އެވެ.

އާންމުންނަށް ތެލުގެ ބާވަތްތައް ވިއްކުން ހުއްޓައިލުމާ ގުޅިގެން، ޓެކްސީ ޑްރައިވަރުންނާއި އޮޓޯ ޑްރައިވަރުންގެ އާމްދަނީ ވަނީ މުޅިން ހުއްޓިފަ އެވެ. އޭގެ އިތުރުން ދަނޑުވެރިކަން ވެސް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފަ އެވެ.

ލަންކާ ސަރުކާރުން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޑޮލަރުން އަގު އަދާކުރަން އެއްބަސްވާ ނަމަ، އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ޕެޓްރޯލާއި ޑީސަލް ވިއްކާނެ އެވެ. މިހާރު ލަންކާގައި ހުރި ޕެޓްރޯލާއި ޑީސަލް ވިއްކަނީ، އެމްބިއުލާންސްތަކާއި، ކާބޯތަކެތީގެ ޑެލިވަރީގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުތައް ފަދަ، ޒަރޫރީ ކަންކަމުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އުޅަނދުތަކަށް އެކަންޏެވެ.

ސަރުކާރުން މިހާރު ނިންމާފައިވާ ގޮތުން، ޕެޓްރޯލާއި ޑީސަލް ގަންނަން ބޭނުންވާ އަމިއްލަ ކުންފުނިތަކުން، ސަރުކާރުގެ ތެޔޮ ކުންފުނި، ސިލޯން ޕެޓްރޯލިއަމް ކޮމްޕެނީގައި އެކައުންޓެއް ހުޅުވައި، އެއް މަސް ކުރިން ފައިސާ ދައްކަން ޖެހޭނެ އެވެ. އަދި އެގޮތަށް ފައިސާ ދައްކައިގެން އެކައުންޓް ހުޅުވާ ފަރާތްތަކަށް، ޖުލައި 12 ވަނަ ދުވަހުން ފެށިގެން، ދުވާލަކު އެއްފަހަރު ނުވަތަ ހަފުތާއަކު އެއްފަހަރު، ތެލުގެ ބާވަތްތައް ވިއްކާނެ އެވެ.

ކޮވިޑް-19 ވަބާ އިން ރައްކާތެރިވުމުގެ ގޮތުން މުޅި ގައުމު ފުރަބަންދުކޮށް، އިގްތިސާދީ ގިނަ ހަރަކާތްތަކެއް ހުއްޓައިލުމާ ގުޅިގެން އެ ގައުމުގެ އިގްތިސާދު ދަށަށް ދާން ފެށުމުން ވެސް ލަންކާގައި އޭރު އޮތް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ނޭޅުމުގެ ސަބަބުން، ބޭރު ފައިސާގެ ރިޒާވް މުޅިންހެން ހުސްވީ އެވެ. އޭގެ ސަބަބުން ބޭރުގެ ދަރަނިތައް އަދާކުރެވޭނެ ގޮތެއް ނެތި، އެންމެ ފަހުން ގައުމު ބަނގުރޫޓުވީ އެވެ.

ބަލި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ބޭހުގެ ބާވަތްތަކާއި، އަސާސީ ކާބޯތަކެއްޗާއި ތެލުގެ ބާވަތްތައް ގަތުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ލަންކާ ސަރުކާރުން މިހާރު ގެންދަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އަސާސީ ކާބޯތަކެއްޗާއި ތެލުގެ ބާވަތްތައް ފަސޭހަ އިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، އިންޑިއާ ސަރުކާރާއި ޗައިނާ ސަރުކާރާ އެކުގައި ވެސް ލަންކާ އިން ދާދި ފަހުން މަޝްވަރާތަކެއް ބޭއްވި އެވެ.

ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގެ ތެރޭގައި އެ ގައުމުގެ އާބާދީގެ ގާތްގަނޑަކަށް 11 އިންސައްތަ މީހުން ފަގީރުކަމުގެ ހާލަތަށް ވެއްޓޭނެ ކަމަށް ދުނިޔޭގެ ބޭންކުން ލަފާކުރެ އެވެ.