Roadha Mihaaru
ކުޑަކުދިންނަށް އަނިޔާކުރުމުގެ 137 މައްސަލަ

ކުޑަކުދިންނަށް އަނިޔާކުރުމުގެ 137 މައްސަލަ މިދިޔަ މަހު ހުށަހެޅި

30 ޖޫން 2022

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 137 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 137 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެ އިދާރާ އަށް ޖުމްލަ 278 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާކޮށްގެން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:

• ޖިންސީ އަދި ޖިސްމާނީ އަނިޔާގެ 31 މައްސަލަ

• އިހުމާލުވުމުގެ 26 މައްސަލަ

• ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލަ

• ބުލީކުރުމުގެ 9 މައްސަލަ

• ނަފުސާނީ އަނިޔާގެ 9 މައްސަލަ

• ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 4 މައްސަލަ

• ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލަ

• ނަހަމަ ގޮތުގައި ވިޔަފާރި ފައިދާ އަށް ބޭނުންކުރުމުގެ 2 މައްސަލަ

• އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ބުލީކުރުމުގެ 2 މައްސަލަ

މިދިޔަ މަހު ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އޭގެ 49 މައްސަލައެއް މިނިސްޓްރީ އަށް ހުށަހަޅާފައިވެ އެވެ. އަދި ކުޑަކުދިންގެ އަހުލާގާ ގުޅޭ 19 މައްސަލައެއް ވެސް ރިޕޯޓްކުރި އެވެ.

އާއިލީ 31 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ ހުށަހެޅި އެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް މި އަހަރުގެ ކުރީކޮޅު ވަރަށް ގިނައިން ރިޕޯޓްކުރި އެވެ. އޭގެން ބައެއް މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ކަމާބެހޭ އިދާރާތަކަށް އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.