Roadha Mihaaru
3،300 މީހުން ވައިގެމަގުން ރަށްރަށަށް ގޮސް ރެކޯޑެއް

އީދަށް އެންމެން ރަށަށް؛ ވައިގެ މަގުން އެކަނި ވެސް 3،300 މީހުން ދަތުރުކޮށް ރެކޯޑެއް!

07 ޖުލައި 2022

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މިއަދު ރިކޯޑް އަދަދަކަށް މީހުން ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މިއަދު ރިކޯޑް އަދަދަކަށް މީހުން ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނީ ޑޮމެސްޓިކް އެއާ ޓްރެފިކް މޫވްމަންޓް މިއަދު 125 އަށް އެރި ކަމަށެވެ. އެއީ ވެސް ރެކޯޑެކެވެ. މި ދަތުރުތަކުގައި 3،300 އަށް ވުރެ ގިނަ ފަސިންޖަރުން ރާއްޖޭގެ އެކި މަންޒިލްތަކަށް ދަތުރުކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ރިކޯޑް އަދަދަކަށް މިއަދު މީހުން ދަތުރުކޮށްފައި މި ވަނީ އީދު ބަންދާއި ސްކޫލް ބޮޑު ޗުއްޓީ ފެށުމާ ދިމާކޮށެވެ. މިއީ ކޮވިޑާ ހެދި ދަތުރުފަތުރަށް އެޅުނު ގިނަ ހުރަސްތައް ނިމުމަކަށް ގެނައި ފަހުން އައި ފުރަތަމަ ބޮޑު ބަންދަށް ވުމާ އެކު ރާއްޖެއިން ބޭރަށް ވެސް ގިނަ އަދަދެއްގެ ދިވެހިންގެ ދަތުރު ރާވާފައިވެ އެވެ.

މި ދުވަސްވަރު އެއާޕޯޓަށް ބާރުބޮޑު ވާތީ އިންޓަނޭޝަނަލް ޓާމިނަލަށް ދާ ފަސިންޖަރުން ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިންވާން ވަނީ އަންގައިފަ އެވެ. އަދި ޑޮމެސްޓިކް ޓާމިނަލުން ދަތުރުކުރާ ފަސިންޖަރުން ދެ ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އިލްތިމާސްކޮށްފައިވެ އެވެ.

ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ރާއްޖޭގައި އެތެރޭގެ އުދުހުންތައް ކުރާ އެއާލައިންތަށް ކަމަށްވާ މޯލްޑިވިއަން އާއި ފްލައިމީ އަދި މަންޓާ އެއާ އިން ވަނީ ފްލައިޓްތައް ވެސް އިތުރުކޮށްފަ އެވެ.

ކަނޑުމަގުން ކުރާ ދަތުރުތަކަށް ވެސް މި ދުވަސްވަރު ވަރަށް ބާރު ބޮޑެވެ. މިއީ ބޮޑު އީދު ވެސް ގިނަ ރަށްތަކެއްގައި ކުލަ ގަދަކޮށް ފާހަގަކުރާ ފަހަރަކަށް ވުމުން ސްކޫލް ބަންދުވުމާ އެކު ވެސް އެތައް ބަޔަކު ވަނީ ފުރައިގެން ގޮސްފަ އެވެ. އެތައް ހާސް ބަޔަކު އީދަށް ރަށުން ބޭރަށް ދިއުމުން މާލެތެރޭގެ އެންމެ ހަލަބޮލި ބައެއް ސަރަހައްދުތަކުން ވެސް އެކަން ފާހަގަވެ އެވެ.

އަންނަ ހޮނިހިރު ދުވަސް މި އަހަރުގެ ބޮޑު އީދަށް ވާއިރު، ހަފުތާއެއްގެ ދިގު ޗުއްޓީ މިފަހަރު ލިބެ އެވެ. އަދި މިނިވަން ދުވަހާ ދިމާކޮށް ވެސް މި މަހު 26-30 އަށް ވެސް ދިގު ބަންދެން ލިބެ އެވެ.