Roadha Mihaaru
މާލޭގެ މަގުތަކުގައި ފެންބޮޑުވެ ސިފައިން ފެން ހިންދަނީ

މަގުތަކުގައި ފެންބޮޑުވެ ފެން ހިންދަން ސިފައިން ނުކުމެއްޖެ

17 ޖުލައި 2022

ހަވީރުއްސުރެ މާލެއަށް ހުއްޓާނުލައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހަވީރުއްސުރެ މާލެއަށް ހުއްޓާނުލައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

އިރުއޮއްސެން ގާތްވެފައި ވަނިކޮށް ވެހެން ފެށި ބޯ ވާރެއާ އެކު ދެތިން ގަޑިއިރުގެ ތެރޭގައި މާލޭގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ.

އެމްއެންޑީއެފުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މިއަދު ހަވީރު 5:30 އިން ފެށިގެން ބޮޑުތަކުރުފާނު މަގު، ދުވާ ޓްރެކް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ޕަމްޕު ޖަހައިގެން ހިންދުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އަދި އައިޖީއެމްއެޗް ސަރަހައްދުގައި ވެސް ޕަމްޕް ޖަހައިގެން ފެން ހިންދަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދެ ސަރަހައްދެއްގައި ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުން އެމްއެެންޑީއެފުން ކުރަމުން އަންނައިރު ބޯކޮށްވާރޭ ވެހޭ ދުވަސްވަރެއް ނަމަ މާފަންނުކޮޅުން އައިޖީއެމްއެޗް ސަރަހައްދާއި އަމީނީ މަގު އަދި ދަރުބާރުގެ ހިމެނޭ ސަރަހައްދަކީ އަބަދުވެސް ފެން ބޮޑުވާ ސަރަހައްދުތަކެވެ.

މޫސުން ވަރަށް ރީއްޗަށް އޮތުމަށް ފަހު ރެއިން ފެށިގެން މާލޭ ސަރަހައްދަށް ވެސް ވަނީ މޫސުން ގޯސްވެފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހު ރާއްޖޭގެ އުތުރާއި މެދު ތެރެއަށް ވެސް މޫސުން ގޯސްވާނެ ކަމަށެވެ. މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރާނީ އަންނަ ހަފްތާގެ ހުކުރުގަ އެވެ.

މޫސުން ގޯސްވެފައި ވަނީ އީކުއޭޓާގެ ހުޅަނގު ދެކުނުގައި ސާކިއުލޭޝަނެއް އުފެދި ހުޅަނގާއި ހުޅަނގު ދެކުނު އަތޮޅުތަކާ ދިމާލަށް ވިލާތައް ކައިރިވަމުންދާތީ އެވެ. އޭގެ ސަބަބުން ވާރޭވެހުމުގެ ކުރިން އަންނަ ވިލާގަނޑުގައި ވަރަށް ވައިބާރުވާނެ ކަމަށް މެޓުން ބުންޏެވެ.

ވިލާގަނޑުގައި ކަނޑުތައް ވެސް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެ އެވެ.

މިވަގުތު ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮތީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.