Roadha Mihaaru
ހޮސްޕިޓަލުގެ އިހުމާލުން ބަނޑަށްދަރި މަރުވި މައްސަލައެއް

ހުޅުމާލޭ ހޮސްޕިޓަލުގެ އިހުމާލުން ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެއްޖެ

21 ޖުލައި 2022

ވިހަން ގާތްވެފައިވާ އަންހެނެއްގެ ބަނޑަށް، ހުޅުމާލޭ ހޮސްޕިޓަލުގެ އިހުމާލުން ކުއްޖާ މަރުވި މައްސަލައެއް އާއިލާއިން ފެންމަތިކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވިހަން ގާތްވެފައިވާ އަންހެނެއްގެ ބަނޑަށް، ހުޅުމާލޭ ހޮސްޕިޓަލުގެ އިހުމާލުން ކުއްޖާ މަރުވި މައްސަލައެއް އާއިލާއިން ފެންމަތިކޮށްފި އެވެ.

އާއިލާ އިން ބުނާ ގޮތުގައި އަށް މަހުގައި އަންހެން މީހާގެ ބަނޑަށް ދަރިފުޅު މަރުވި ކަމަށް ބެލެވެނީ ހޮސްޕިޓަލުން ދޭންޖެހޭ މައުލޫމާތު ނުދީ އަދި އީދު ޗުއްޓީއާ ދިމާކޮށް ޕަބްލިކް ހެލްތު ޔުނިޓާއި މާބަނޑު މީހުންގެ ކްލިނިކް ބަންދުވުމާ ގުޅިގެންނެވެ.

އެ އަންހެން މީހާ އަށް 14 އަހަރު ފަހުން ލިބުނު ދަރިފުޅު މިކަހަލަ ގޮތަކަށް މަރުވުމުގެ ސަބަބުން އަންހެން މީހާ އާއި އާއިލާ ވަރަށް ބޮޑަށް ނަފްސާނީވެ ހޮސްޕިޓަލަށް ޝަކުވާ ވެސް ވަނީ ހުށަހަޅައިފަ އެވެ.

އަންހެން މީހާގެ ފިރިމީހާގެ ބޮޑުދައިތަ، އައިމިނަތު ޝިރުމީނާ، "މިހާރު" އަށް ކިޔައިދިން ގޮތުގައި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ޑޮކްޓަރަށް ދައްކަން ދިއުމުން ބީޕީ ޗެކްކުރިއިރު ހުރީ 180 ގަ އެވެ. އެހެންވެ އިމަޖަންސީ ރޫމްގައި އެޑްމިޓްކޮށް ޑޮކްޓަރުން މޮނިޓާކުރި އެވެ. އެކަމަކު 140 އަށް ބީޕީ ތިރިވުމުން ބޭސްތަކެއް ދިނުމަށް ފަހު ގެއަށް ދޫކޮށްލީ އެވެ.

ޝިރުމީނާ ބުނި ގޮތުގައި އެ ދުވަހު ވަނީ ބީޕީ މަތިވެއްޖެ ނަމަ ސިޒޭރިއަން ހަދަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ބީޕީ މަތިވުމުގެ ސަބަބުން ކުއްޖާއަށް ލިބިދާނެ ގެއްލުމެއް ހޮސްޕިޓަލުން ނުކިޔައިދެ އެވެ.

"އީއާރުން ދިނީ 12 ގަޑިއިރުން 12 ގަޑިއިރުން ބޭސް ކާން. އެ މީހުން ބުނީ ބީޕީ މަތިވެއްޖެއްޔާ ކުއްޖާ ސިޒޭރިއަން ހަދައިގެން ނޫނީ ވިއްސަން ވެސް ޖެހިދާނެއޭ. އެމީހުން ނުކިޔައިދޭ އޭގެ ސަބަބުން ކުއްޖާއަށް ވެދާނެ ގެއްލުމެއް،" އާއިލާއިން ބުންޏެވެ.

އޭގެ ފަހުން މި މަހުގެ ހަތް ވަނަ ދުވަހު، ހުޅުމާލޭ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓަށް ބީޕީ ޗެކްކުރުމަށް ދިޔުމުން އެ ދުވަހު ބީޕީ މަތީގައި ހުރުމުގެ ސަބަބުން މާބަނޑު މީހުންގެ ކްލިނިކަށް ގޮސް އިމަޖަންސީގައި ދެއްކުމަށް އެދުނެވެ. އެކަމަކު އެތަނުގެ ކައުންޓަރުން ބުނެފައި ވަނީ 18 އާ ހަމައަށް އެޕޮއިންޓްމަންޓް ފުލްވެފައިވާ ކަމަށެވެ. އަދި އީދަށް ވެސް ބަންދުވާނެ ކަމަށް ބުނެ އަންހެން މީހާ ގެއަށް ފޮނުވާލީ އަރާމުކުރުމަށް އެންގުމަށް ފަހު އެވެ.

"ހަތް ވަނަ ދުވަހު ޕަބްލިކް ހެލްތު ޔުނިޓަށް ދިޔައިމަ ބުނީ މާބަނޑު މީހުންގެ ޔުނިޓަށް ދާށޭ. ބީޕީ މަތިވީމައޭ މިއައީ ބުނާށޭ ބުނީ. އެކަމަކު ކައުންޓަރުގައި އިން ކުއްޖާ ބުނީ 18 އާ ހަމައަށް ޑޮކްޓަރުން ފުލްއޭ. އީދު ޗުއްޓީއަށް ބަންދުވާނެއޭ. ޕަބްލިކް ހެލްތު ޔުނިޓާއި އޯޕީޑީ އާއި މާބަނޑު މީހުންގެ ކްލިނިކް ބަންދު. ޑޮކްޓަރުން ތިބީ އޮން ކޯލްގައި،" އޭނާ ކިޔައިދިނެވެ.

އެކަމަކު އޭގެ ފަހުން ކޮންމެ ދުވަހެއްގެ ހެނދުނާއި ރޭގަނޑު ދިޔައީ ބީޕީ ޗެކްކުރަމުން ކަމަށް އޭނާ ބުންޏެވެ.

"ބީޕީ ޗެކްކުރަމުން ދިޔައީ ކޮންމެ ދުވަހަކު ވެސް ދެ ފަހަރު. ހެނދުނު ރަނގަޅަށް ހުރިއްޔާ ރޭގަނޑު މަތިވާނެ. ރޭގަނޑު ރަނގަޅަށް ހުރިއްޔާ ހެނދުނު ބީޕީ އެބަ މަތިވޭ. އެކަހަލަ ގޮތަކަށް ދިޔައީ."

އޭނާ ބުނީ ބީޕީ ކޮންޓްރޯލްކުރުމަށް ދިން ބޭސްތައް ކޮންމެ ދުވަހަކު ވެސް އޭނާ އައީ ކަމުން ކަމަށެވެ. އޭގެ ސަބަބުން މީހާ ވަރުބަލިވެ އަބަދުވެސް އޮންނަނީ ނިދިފައި ކަމަށާއި ކުއްޖާ ކިކްކުރާ ކަމެއް ރަނގަޅަށް އޭނާއަށް ނޭނގޭ ކަމަށެވެ.

"500 މިލިގްރާމް ހުރީ ކާންދީފައި ކޮންމެ ގަޑިއަކު. އެ ބޭސް ކޭމަ ހަމަ ނިދި އަންނަނީ. ކާން ވެސް ގޮވަންޖެހެނީ. ކެވެނީ ވެސް ފެން ބަތާއި ތަރުކާރީ. އަޅުގަނޑުމެން ހީކުރީ ޕްރެގްނެންސީގެ ސަބަބުން ވާ ގޮތެއް ކަމަށް. މާބަނޑު މީހާގެ ހަށިގަނޑަށް ގެއްލުންވާނެ ކަމެއް ނޭނގޭ. ޑޮކްޓަރުންނަށް އިތުބާރުކޮށްފައި އަޅުގަނޑުމެން ނުބަލަން ދެން އިތުރަކަށް."

އެގޮތަށް ކޮންމެ ދުވަހަކު ބަލަމުން ގޮސް މިމަހުގެ 16 ވަނަ ދުވަހު ބީޕީ ޗެކްކުރަން ދިޔައިރު ރިހުމެއް ވެސް ބަނޑުގައި ހުރި ކަމަަށް އޭނާ ބުންޏެވެެ. އެކަމަކު އެ ވާހަކަ ނަރުހުން ގާތު ބުނުމުން ވެސް މާބޮޑަށް އަޅާނުލާ ކަމަށާއި އެމީހުން އެންގީ ގެއަށް ގޮސް ރެސްޓްކުރުމަށް ކަމަށް އޭނާ ކިޔައިދިނެވެ.

އެކަމަކު އެ ރޭ ދަންވަރު އަންހެން މީހާ ފާހާނާ ކުރަން ހޭލިއިރު ލޭގެ އަސަރު ފެންނަން ހުރުމުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮސްޕިޓަލުގެ ޓްރައޭޖް ކިއު އިން އިމަޖަންސީ ރޫމަށް ގޮސް ދެއްކުމުން އެނގުނީ ކުއްޖާ ހިތުގެ ވިންދު ނެތް ކަމެވެ.

"ހާޓް ބީޓެއް ނެތް އޭރުގައި. އެހެންވެ އެމީހުން ލޭބާ ރޫމަށް ގެންދަން ވެސް ލިފްޓަށް އެރުވިތަނާހެން ބުނެފި އެއްޗެއް އަންނަހެން އެބަ ހީވެޔޭ. ބުނީމަ ނަރުހުން މި ބުނަނީ ފައިކަރިކޮށްލާށޭ ތަންކޮޅެއް. އެކަމަކު އަނެއްކާ ވެސް އެެއްޗެއް ނިކުމެއްޖެހެން އެބަ ހީވެޔޭ އޭނާ މިކިޔަނީ. އެވަރުން ވެސް އެމީހުން ބެޑްޝީޓް ހިއްލާފައި ބަލާ ނުލާ،"

ޝިރުމީނާ ބުނީ ލޭބާ ރޫމަށް ވެއްދުމަށް ފަހު ބެޑްޝީޓް ނެގިއިރު ކުއްޖާ އޮތީ ވިހާފައި ކަމަށެވެ. އެކަމަކު ހުރިހާ ގުނަވަގެން ފުރިހަމައަށް އޮތް އެ ކުއްޖާ އޮތީ އޭރު މަރުވެފަ އެވެ.

"ޑޮކްޓަރުން ބުނީ 24 ގަޑިއިރު ވެދާނެއޭ ބަނޑަށް މަރުވި ފަހުން. އެކަމަކު އެމީހުން ކައިރީގައި އެވަރަށް ރިއްސާ ވާހަކަ އާއި ހުރިހާ ވާހަކައެއް ބުނީމަ ވެސް އެމީހުން ނުބެލުމަކީ ވެސް މައްސަލައެއް. އެހާ ދުވަސް ފަހުން ވިހާއިރު އެއީ އަލަށް ވިހާ މީހަކަށް މައުލޫމާތު ދޭން ޖެހޭ ވަރަށް މައުލޫމާތު ދޭން ޖެހޭ ކަމެއް ކަމަށް ޑޮކްޓަރުން ވެސް އެބަ އެއްބަސްވޭ. އެކަމަކު އެ މައުލޫމާތެއް ނުދެޔޭ." އޭނާ ނުރުހުން ފާޅުކުރި އެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އިހުމާލުން މަރުވި ކަމަށް ބުނާ ތުއްތު ކުއްޖާގެ ޖަނާޒާ.

ހުޅުމާލޭ ހޮސްޕިޓަލްގެ އިހުމާލުން މަރުވި ކަމަށް ބުނާ ތުއްތު ކުއްޖާގެ ޖަނާޒާ.

ޝިރުމީނާ ބުނީ ފެން ބަތް ކައިގެން އަށް މަސް ވަންދެން އެ މީހުން އުޅުނީ ޑޮކްޓަރުން ބުނިހާ ގޮތެއް ހަދައިގެން ކަމަށެވެ. އެކަމަކު އެކަހަލަ ހަބަރެއް އަޑުއަހަން އާއިލާ އޮތީ ތައްޔާރަށް ނޫން ކަމަށާއި އޭގެ ސަބަބުން ކުއްޖާގެ މަންމަ އާއި މުޅި އާއިލާ ނަފްސާނީގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށެވެ.

ކުއްޖާގެ މަންމައަށް ނިދާފައި އޮތަސް ސިއްސައިގެން ގޮސް ހޭލެވި، އަބަދު ކުދިން ރޯ އަޑު އިވެނީ އެވެ. ހޮސްޕިޓަލުގެ ތެރެއިން ކުޑަ ކުއްޖަކު ފެނުނަސް އުރަން ބޭނުންވެ އެވެ.

"އެތައް އަހަރެއް ފަހުން ކުއްޖަކު ލިބޭތީ ވަރަށް އުއްމީދުތައް ކުރާނެތާ، ކުއްޖާއަށް ބޭނުންވާ ސާމާނުތައް ގަނެ އެތައް ހަރަދެއް ކޮށްގެން އަޅުގަނޑުމެން ތިބީ. އެކަމަކު ހޮސްޕިޓަލުން މައުލޫމާތު ނުދީ އަދި ދެންވެސް އެ އަމަލުކުރި ގޮތުގެ ސަބަބުން ކުއްޖާ މަރުވީ،"

އާއިލާ އިން އެ ވާހަކަތައް ކިޔައިދިނީ އަޅާ ނުލާ ދޫކޮށްލައިފި ނަމަ، އިތުރު ބަޔަކަށް އެކަހަލަ ހާދިސާއެއް ދިމާވެދާނެތީ އެވެ. އެ އާއިލާއަށް އިންސާފު ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައާ ބެހޭ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުން އެއްވެސް ޖަވާބެއް އަދި ނުދެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެ މައްސަލަ ހެލްތު މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ.