Roadha Mihaaru
ހިޔާނާތުގެ ތުހުމަތުވާ ދެ ކައުންސިލަރަކު ވަޒީފާއަށް

މިލިއަނުން ހިޔާނާތް ވި ކަމުގެ ތުހުމަތުވާ ދެ ކައުންސިލަރަކު އަލުން ވަޒީފާއަށް

03 ޖެނުއަރީ 2023

ރ. ދުވާފަރު ކައުންސިލް މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް މިލިއަނުން ދައުލަތުގެ ފައިސާ ޖަމާކުރި ކަމުގެ ތުހުމަތުކުރެވި މައްސަލައިގެ ތަހުގީގު ހިނގަނިކޮށް، ދެ މެމްބަރެއްގެ ސަސްޕެންޝަން ހަމަވުމުން އަލުން ވަޒީފާއަށް ނުކުމެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރ. ދުވާފަރު ކައުންސިލް މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް މިލިއަނުން ދައުލަތުގެ ފައިސާ ޖަމާކުރި ކަމުގެ ތުހުމަތުކުރެވި މައްސަލައިގެ ތަހުގީގު ހިނގަނިކޮށް، ދެ މެމްބަރެއްގެ ސަސްޕެންޝަން ހަމަވުމުން އަލުން ވަޒީފާއަށް ނުކުމެއްޖެ އެވެ.

ކައުންސިލަރުންނަށް ތުހުމަތުވާ ބޮޑު ހިޔާނާތުގެ މައްސަލާގައި މިދިޔަ ނޮވެމްބަރު 28ގައި އެންމެން ސަސްޕެންޑްކުރި އެވެ. ކައުންސިލް ހިންގަން ހަވާލުކުރި، ސެކްރެޓަރީ ޖެނެރަލަށް ވެސް ތުހުމަތު ކުރެވުމުން އޭނާ ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ މަޝްވަރާއަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު "މިހާރު" އަށް ވިދާޅުވީ ދުވާފަރުގެ ދެ ކައުންސިލަރަކު ވަޒީފާ އަށް ނުކުންނަން ފެށީ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން ކަމަށެވެ. ހިޔާނާތުގެ ތުހުމަތުގައި ވެސް އެލްޖީއޭއަށް އެޅެން ގާނޫނުގައި އޮންނަނީ އިދާރީ ފިޔަވަޅު ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ގާނޫނުގައި ނެތް އެއްވެސް މައްދާއެއް އެލްޖީއޭއަށް އެ މެމްބަރުން ވަޒީފާއިން ވަކި ކުރެވޭނެ. އެލްޖީއޭއަށް ސަސްޕެންޑް ކުރެވޭނީ. ޕީޖީން އެ މައްސަލަ ބަލާފައި ހުކުމެއް އައިއްސިއްޔާ މެމްބަރުންގެ ގޮނޑި ގެއްލޭނެ،" އަފްޝަން ވިދާޅުވި އެވެ.

އެލްޖީއޭގެ މޮނިޓަރިން ރިޕޯޓަކުން ފެންމަތިވެފައިވާ ގޮތުގައި ކޮވިޑު ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާ ކުރަމުންނެވެ.

ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށް، އެއްވެސް ހިސާބެއް ނުބަލަހައްޓަ އެވެ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުން ކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްވެސް ވަރަކަށް ބަލައިފައެއް ނެތެވެ. މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓަމުން ގެންދެވީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަކަށް ވެސް ބެލުމެއް ނެތި އެވެ.

އެލްޖީއޭ އިން އެކުލަވައިލި ހާއްސަ ރިޕޯޓަކުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފަ އެވެ.

އޭގެ ތެރޭގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ވަނީ ނަގުދު ފައިސާ ފައިސާ ބެހުން ހިމެނެ އެވެ.

މި މައްސަލައިގައި ކައުންސިލް ރައީސްގެ އެކައުންޓަށްް ފައިސާ ޖަމާކޮށްފައި ނުވި ނަމަވެސް، އެލްޖީއޭއިން އެންމެ ބޮޑު ސަސްޕެންޝަނެއް ކުރީ އޭނާ އަށެވެ. ސަބަބެއް ކަމަށް ބުނީ ޒިންމާއަކާ ހަވާލުވެ ހުރެ އެކަން ރަނގަޅަށް ނުބެލުމެވެ. އެއީ ގާނޫނުގައިވާ ގޮތުގެ މަތިން މިފަދަ ފިޔަވަޅެއް އެޅޭނެ ކަމެކެވެ.