Roadha Mihaaru
ދުވާފަރު ކައުންސިލްގެ ހިޔާނާތު މައްސަލަ ބަލަނީ

ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީން ނިންމައިފި

08 އޯގަސްޓް 2022

ރ. ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފި އެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިޝަލަކު ހަސަން މަނިކު ވިދާޅުވީ، ދުވާފަރު ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަށް ތުހުމަތުކުރާ ހިޔާނާތުގެ މައްސަލަ ދިރާސާކުރުމަށް ފަހު އެކަން ތަހުގީގުކުރަން ނިންމާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ ފެންމަތިވީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ މަހު ނެރުނު ރިޕޯޓުންނެވެ.

އޭސީސީ އަށް އެ މައްސަލަ ހުށަހެޅީ ވެސް އެ އޮތޯރިޓީންނެވެ.

އެލްޖީއޭ އިން އެކުލަވައިލި ހާއްސަ ރިޕޯޓަކުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފަ އެވެ.

އޭގެ ތެރޭގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ވަނީ ނަގުދު ފައިސާ ފައިސާ ބެހުން ހިމެނެ އެވެ.

އެންމެ ގިނަ ފައިސާ ލިބުނު ކަމަށް އެ ރިޕޯޓުން ދައްކަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާ ގިނަ ތަފުސީލެއް ފެންނަން ނެތަސް ޖުމުލަ 711،617ރ. އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.

އޭގެ އިތުރުން ކައުންސިލް މެމްބަރު އަހުމަދު ސަމޫހް ކައުންސިލްގެ ވަޒީފާގައި ހުރެ ދިޔައީ ފުލްޓައިމް ކޮށް އެހެން ރިސޯޓެއްގައި މަސައްކަތް ކުރަމުންނެވެ. އަދި އެކަށީގެންވާ ސަބަބެއް ނެތި ވިދިވިދިގެން ހަތް ދުވަހު މެމްބަރުން ކައުންސިލަށް ހާޒިރު ނުވެއްޖެ ނަމަ މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ބުނި ނަމަވެސް ބައެއް މެމްބަރުން 50 އަށް ވުރެ ގިނަ ދުވަހު ނާދެ އެވެ. އެކަމަކު އެއްވެސް ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅައިފައެއް ނުވެ އެވެ.