Roadha Mihaaru
ކޭން އަށް އަނިޔާގެ މައްސަލައެއް

ކޭން އަށް އަނިޔާގެ މައްސަލައެއް

17 އެޕްރީލް 2021

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ޓޮޓެންހަމް ހޮޓްސްޕާއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން އަށް މި މެޗުގައި ވަނީ އަނިޔާވެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ޓޮޓެންހަމް ހޮޓްސްޕާއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން އަށް މި މެޗުގައި ވަނީ އަނިޔާވެފަ އެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމްގެ ދެ ލަނޑު ވެސް ކާމިޔާބުކުރީ ކޭން އެވެ. އެވަޓަންގެ ދެ ލަނޑު ޖެހީ ގިލްފީ ސިގާޑްސަން އެވެ.

މި މެޗުގެ އިތުރު ވަގުތުގައި ލިބުނު އަނިޔާއަކާ ގުޅިގެން، ކޭން ވަނީ ދަނޑުން ފައިބައިފަ އެވެ. ކޭން އަށް ލިބުނު އަނިޔާއާ ގުޅިގެން، ލީގު ކަޕްގެ ފައިނަލްގައި އޭނާ އަށް ކުޅެވޭނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

"އަދި (ކޭންގެ އަނިޔާއާ ގުޅޭގޮތުން) އެއްޗެއް ބުނަން ތަންކޮޅެއް އަވަސް،" މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ޖޯސޭ މޮރީނިއޯ ބުންޏެވެ. "މެޗު ނިމެން ކައިރިވެފައިވަނިކޮށް ކޭން ދަނޑުން ފައިބާނީ އޭނާ އަށް ނުކުޅެވޭ ވަަރަށް ތަދު އިހުސާސްކުރެވުނީމަ. އެކަމަކު އަހަރަމެން މި އުންމީދުކުރަނީ މިއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް."

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ކޭން ވަނީ ދެ ލަނޑު ޖެހުމުގެ އިތުރުން، މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރޭގެ މެޗު އެއްވަރުވުމުން، ޓޮޓެންހަމް މިހާރު އޮތީ 50 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް އާއި ޓޮޓެންހަމްއާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

އެވަޓަން ތާވަލްގެ 8 ވަނައިގައި އޮތީ 49 ޕޮއިންޓާއެކު އެވެ. އެކަމަކު ޓޮޓެންހަމް ވަނީ އެވަޓަން އަށްވުރެ އިތުރަށް އެއް މެޗު ކުޅެފަ އެވެ.