Roadha Mihaaru
އާބިދުގެ މައްސަލަ:ހެއްކަކު ދޮގުހެކި ދިންކަމަށް ތުހުމަތު

އާބިދުގެ މައްސަލަ: ދޮގު ހެކިބަސް ދިން ކަމަށް ޕީޖީގެ ތުހުމަތެއް، ހެކިވެރިޔާ އަލުން ހާޒިރެއް ނުކުރި

25 ޖުލައި 2022

ހުޅުމާލޭގެ ހާންޖީ ރެސްޓޯރެންޓްގެ ތެރޭގައި މިދިޔަ ރޯދަ މަހު ބިދޭސީއަކަށް ހަމަލާދީ މަރައިލި މައްސަލައިގައި، ދައުލަތުގެ ހެކިވެރިއަކު ކޯޓުގައި ހަގީގަތާ ހިލާފަށް ހެކިބަސް ދިން ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ތުހުމަތުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގެ ހާންޖީ ރެސްޓޯރެންޓްގެ ތެރޭގައި މިދިޔަ ރޯދަ މަހު ބިދޭސީއަކަށް ހަމަލާދީ މަރައިލި މައްސަލައިގައި، ދައުލަތުގެ ހެކިވެރިއަކު ކޯޓުގައި ހަގީގަތާ ހިލާފަށް ހެކިބަސް ދިން ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ތުހުމަތުކޮށްފި އެވެ.

އެ ރެސްޓޯރެންޓްގެ ބަދިގޭގެ ތެރޭގައި މިދިޔަ އޭޕްރީލް މަހު ހިންގި ހަމަނުޖެހުމެއްގައި ބަންގްލަދޭޝްގެ މީހަކު މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އެ ތަނުގައި ޝެފެއްގެ ގޮތުގައި މަސައްކަތްކުރި ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށެވެ.

އެ މައްސަލައިގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި ބައެއް ބިދޭސީންގެ ހެކިބަސް ކޯޓުން ކުރިން ވަނީ ނަގައިފަ އެވެ. އޭގެ ތެރެއިން އެކަކު ތަހުގީގުގައި ބަޔާން ދިން ގޮތާ ހިލާފަށް ކޯޓުގައި ހެކިބަސް ދިން ކަމަށް ދައުލަތުން ތުހުމަތުކުރީ މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

ދައުލަތުން މިއަދު އެދުނީ އެ ހެކިވެރިޔާ އަލުން ހާޒިރުކޮށް، އޭނާގެ ހެކިބަހާ ބެހޭގޮތުން ސުވާލު ކުރުމަށެވެ.

ހާންޖީ ރެސްޓޯރަންޓް ސަރަހައްދު ބަންދުކޮށްފައި --- ފޮޓޯ/މިހާރު

ހާންޖީ ރެސްޓޯރަންޓް ސަރަހައްދު ބަންދުކޮށްފައި --- ފޮޓޯ/މިހާރު

ދައުލަތުން އެ ގޮތަށް އެދުމުން، އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއުގެ ސުވާލުތައް ދައުލަތަށް އަމާޒުވި އެވެ. އެގޮތުން ތަހުގީގީ ބަޔާނާ ހިލާފަށް އެ ދުވަހު ކޯޓުގައި ހެކިބަސް ދިންއިރު، އެ ދުވަހު އެ ކަންކަމާ ގުޅޭގޮތުން ސުވާލު ކުރަން ދައުލަތަށް ފުރުސަތު ނުލިބެނީތޯ ވިދާޅުވެ، ގާޒީ ސުވާލު ކުރެއްވި އެވެ. އަދި ދެވަނަ ފަހަރަށް އެ ހެކިވެރިޔާ ގެންނަން ދައުލަތުން އެދެނީ ގާނޫނީ ކޮން ހަމައަކުންތޯ ވިދާޅުވެ ގާޒީ ސުވާލު ކުރެއްވި އެވެ.

އެ ދުވަހު އެ ފުރުސަތު ލިބުނު ކަމަށް ދައުލަތުން އެއްބަސްވި އެވެ.

ގާޒީ ނިންމެވީ އެ ހެކިވެރިޔާ އަލުން ހާޒިރު ނުކުރުމަށެވެ.

ހެކިބަސް ނުނެގި ބާކީ ތިބި ފަސް ހެކިންގެ ހެކިބަސް އަންނަ މަހު ކުރީކޮޅު ނަގާނެ ކަމަށް ގާޒީ ޝަފީއު އިއުލާން ކުރެއްވި އެވެ.

އެ މައްސަލާގައި ދިފާއީ ހެކި ހުށަހަޅަން އާބިދަށް ދިން ފުރުސަތު ހަމަވިއިރު ވެސް އޭނާގެ ފަރާތުން ދިފާއީ ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. އެހެންވެ، އެ ފުރުސަތު އޭނާ އަށް ބަންދުވީ ކަން ގާޒީ މިއަދު އިއުލާން ކުރެއްވި އެވެ.

ގާޒީ ޝަފީއު ވިދާޅުވީ އަންނަ މަހު ހެކިބަސް ނެގުމުގެ މަރުހަލާ ނިމިއްޖެ ނަމަ، އަންނަ ސެޕްޓެމްބަރު މަހު ނުވަތަ އޮކްޓޫބަރު މަހު އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.

އާބިދު ބުނަމުން ގެންދަނީ އެ މީހާ އަށް މަރައިލީ ގަސްދުގައި ނޫން ކަމަށާއި އެއީ ދެ މީހުންގެ ދެމެދުގައި ހިންގި ހަމަނުޖެހުމެއްގެ ތެރެއިން ނަފްސުގެ ދިފާއުގައި ދެވުނު ހަމަލާއެއް ކަމަށެވެ. އެ ހަމަލާއަށް ފަހު އޭނާ ފިލައިގެން އުޅެނިކޮށް އަތުލައިގަތީ ހުޅުމާލޭ ދެވަނަ ފޭސްގެ އަތިރިމަތިންނެވެ.