Roadha Mihaaru
ރާއްޖޭގައި މުދަލުގެ އަގު އުފުލި ރިޒާވް ދަށްވާނެ

އައިއެމްއެފްގެ އިންޒާރު: ރާއްޖޭގައި މުދަލުގެ އަގު އުފުލި ރިޒާވް ދަށްވާނެ!

27 ޖުލައި 2022

ކުރިއަށް އޮތްތަނުގައި ކާބޯތަކެއްޗާއި ތެލުގެ އަގު އިތުރަށް މައްޗަށް ގޮސް، ރާއްޖޭގެ ރިޒާވް ދަށްވާނެ ކަމަށް އައިއެމްއެފް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރިއަށް އޮތްތަނުގައި ކާބޯތަކެއްޗާއި ތެލުގެ އަގު އިތުރަށް މައްޗަށް ގޮސް، ރާއްޖޭގެ ރިޒާވް ދަށްވާނެ ކަމަށް އައިއެމްއެފް އިން ބުނެފި އެވެ.

ދުނިޔޭގެ މާލީ އިދާރާ، އައިއެމްއެފްގެ ވަފުދަކުން ރާއްޖެ އަށް މިދިޔަ މަހުގެ 21-29 އަށް ކުރި ދަތުރަށް ފަހު މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ރާއްޖެ އަށް ވެސް ކުރާނެ އެވެ. އެ އިދާރާ އިން ލަފާ ކުރާ ގޮތުން، ރާއްޖޭގެ އިންފްލޭޝަން ރޭޓް ތިން ޕަސެންޓަށް އުފުލޭނެ އެވެ. އެއީ ވަރަށް ބޮޑު އަދަދެކެވެ. ސަރުކާރުން ވެސް ލަފާ ކޮށްފައި ވަނީ މި އަހަރު ނިމޭއިރު އިންފްލޭޝަން ތިން ޕަސެންޓަށް އުފުލުމުގެ ބިރުއޮތް ކަމަށެވެ.

އައިއެމްއެފް އިން ބުނީ، ކޮވިޑާ ގުޅިގެން ހަރަދުތައް ހަމަޖައްސަން ގިނަ ލޯނުތަކެއް ނެގުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިންތިހާ އަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ދަރަނި ދެއްކުމުގެ ރިސްކު ވަރަށް ބޮޑުވެފައިވާ ކަމަށާއި މި ހާލަތުން އަރައިގަތުމަށް ހާއްސަ އުސޫލުތަކެއް އެކުލަވާލަން ޖެހޭ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.

ރާއްޖޭގައި ޑޮލަރުގެ ތާށިކަން އިންތިހާ އަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. އެއާ އެކު ރާއްޖޭގެ އިންޓަނޭޝަނަލް ރިޒާވް އިތުރަށް ދަށްވެ، ކާބޯތަކެއްޗާއި ތެލުގެ އަގު އިތުރަށް އުފުލި، ރިޒާވުން ކުރަން ހޭދަ ބޮޑުވާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

އައިއެމްއެފް އިން ބުނީ ދަރަނި މެނޭޖްކޮށް، މިހާރަށް ވުރެ ހަރުދަނާ އުސޫލަކުން ހަރަދުތައް ހަމަޖެއްސުމަށް މިއީ އުސޫލުތައް ރިފޯމް ކުރަންވީ ވަގުތު ކަމަށެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުވާނެ ގޮތްތައް ދެނެގަނެ، ސަބްސިޑީ ދިނުމުގެ އުސޫލުތައް ރިފޯމްކުރަން ޖެހޭ ކަމަށް އެ އިދާރާއިން ލަފާދީފައިވެ އެވެ.

ރާއްޖޭގައި އެންމެ ބޭނުންވާ މީހުންނަށް ތެލުގެ ސަބްސިޑީ ދޭ ގޮތަށް ހަމަޖައްސަން މިހާރު ވެސް ވަނީ ނިންމައިފަ އެވެ. ތެލުގެ ސަބްސިޑީ އަށް މި އަހަރުގެ ބަޖެޓުގައި ހިމެނީ 341.5 މިލިއަން ރުފިޔާ ކަމަށް ވިޔަސް މިދިޔަ ޖޫން މަހުގެ ނިޔަލަށް އެކަނި އެ ކަމަށް 910.3 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރި އެވެ. ތެލަށް ކުރާ ހޭދަ ހަތަރު ގުނަ އިތުރުވާނެ ކަމަށް ސަރުކާރުން ބުނެފަ އެވެ. ތެލަށް ކުރާ ހޭދަ އަހަރު ނިމޭއިރު 1.3 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ސަބްސިޑީ ރިފޯމްކޮށް ޓާގެޓެޑް ސަބްސިޑީ ދިނުމަށް އައިއެމްއެފް އާއި ވޯލްޑް ބޭންކުން ސަރުކާރުން ލަފާ ދޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެހެން ނަމަވެސް އަދި މިހާތަނަށް މިކަން ކުރުމުގައި ސަރުކާރަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.

އައިއެމްއެފް އިން ބުނީ ޓޫރިޒަމް ދާއިރާއިންނާއި ޑޮމެސްޓިކް ދާއިރާއިން ޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން މަސައްކަތް ފެށުމަކީ އަޅާ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

"ސަރުކާރުން ވަނީ ޓޫރިޒަމް ދާއިރާއިން 12 ޕަސެންޓާއި 16 ޕަސެންޓަށް ބޮޑު ކުރުމަށާއި އާންމުންގެ އަތުން ޖީއެސްޓީ ނެގުން ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑު ކުރުމަށް މަރުހަބާ ކިޔަން. އެއާ އެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރަށް ބަރޯސާވާ ވަރު ކުޑަކުރުން ވަރަށް މުހިއްމު،" ބަޔާނުގައި ބުނެފައި ވެ އެވެ.