Roadha Mihaaru
އުތުރުގެ ދެވަނަ ޑިވިޝަން: ށ. ގެ އެއްވަނަ ފޯކައިދޫ

އުތުރު ލީގުގެ ދެވަނަ ޑިވިޝަން: ށ. އަތޮޅުގެ އެއްވަނަ ފޯކައިދޫ އަށް

28 ޖުލައި 2022

އެމްޓީސީސީ އުތުރު ލީގުގެ ދެވަނަ ޑިވިޝަނުގައި މިއަދު ހަވީރު ފުނަދޫ ޔުނިޓީ ސްޕޯޓްސް ކުލަބްގެ މައްޗަށް 4-1 އިން މޮޅުވެ އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓުން ށ. އަތޮޅުގެ އެއްވަނަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެމްޓީސީސީ އުތުރު ލީގުގެ ދެވަނަ ޑިވިޝަނުގައި މިއަދު ހަވީރު ފުނަދޫ ޔުނިޓީ ސްޕޯޓްސް ކުލަބްގެ މައްޗަށް 4-1 އިން މޮޅުވެ އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓުން ށ. އަތޮޅުގެ އެއްވަނަ ހޯދައިފި އެވެ.

ށ. އަތޮޅުގެ ތިން ޓީމު ހިމެނޭ ގުރޫޕުގެ ފަހު މެޗުގައި ފޯކައިދޫ އަތުން ބަލިވި ނަމަވެސް، ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ޔުނިޓީ ސްޕޯޓްސް ވެސް ވަނީ އުތުރު ލީގުގެ އެއްވަނަ ޑިވިޝަނަށް ދަތުރު ކޮށްފަ އެވެ. މި ގުރޫޕުގައި ދެން ހިމެނޭ ނަރުދޫގެ ރަމްޒު ސްޕޯޓްސް އެކަޑަމީ ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލި ވެފަ އެވެ.

ފޯކައިދޫ އިން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ތިންވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަބްދުﷲ މާލިކެވެ. އަދި ދެވަނަ ލަނޑު 24 ވަނަ މިނިޓުގައި ޖަހައިދިނީ އަހުމަދު ރަފީއު އެވެ.

ޔުނިޓީ ސްޕޯޓްސް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 36 ވަނަ މިނިޓުގައި ޖެހީ އިބްރާހިމް ސައީދެވެ. ފޯކައިދޫގެ ތިންވަނަ ލަނޑު 68 ވަނަ މިނިޓުގައި ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖަހައިދިން މާލިކެވެ. އަދި ފަހު ލަނޑު 84 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު ރިސްވާން (ފުކޭ) އެވެ.

މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި، މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑަކުން އެ މެޗު ކާމިޔާބުކުރީ ޔުނިޓީ ސްޕޯޓްސް އެވެ. ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓާއި ޔުނިޓީ ސްޕޯޓްސް ވެސް މި ގުރޫޕުގައި ބަލިވީ އެންމެ މެޗަކުންނެވެ.

މި ނަތީޖާއާ އެކު ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓާއި ޔުނިޓީ ސްޕޯޓްސް އަށް ވެސް ނުވަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ފޯކައިދޫ އަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ފޯކައިދޫ އިން ހަތަރު މެޗުގައި 19 ޖޯލު ޖެހި އެވެ. ބައިކޮޅަށް ވަނީ ހަ ލަނޑެވެ. ފުނަދޫ ޔުނިޓީ ސްޕޯޓްސް އިން 15 ގޯލު ޖެހި އެވެ ބައިކޮޅަށް އަށް ލަނޑު ވަދެފައި ވެއެވެ.

ދެވަނަ ޑިވިޝަނުގެ ގުރޫޕް އޭ ގައި ވާދަކުރީ ތިލަދުންމައްޗަށް ނިސްމަތްވާ ޓީމުތަކެވެ. ފަސް ޓީމު ވާދަކުރި މި ގުރޫޕުގެ އެއްވަނަ، ހއ. ދިއްދޫ ބީއެކްސް ސްޕޯޓްސް ކްލަބް ވަނީ ހޯދައިފަ އެވެ. ދެވަނަ ހޯދީ، ހދ. ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖެވެ. ދެ ޓީމު ވެސް ވަނީ އެއްވަނަ ޑިވިޝަނުން ޖާގަ ހޯދައިފަ އެވެ.

އުތުރު ލީގުގެ އެއްވަނަ ޑިވިޝަން ކުރިއަށް ދަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ތިންވަނަ ގުރޫޕް ކަމުގައިވާ ގުރޫޕް ސީ ގައި ކުޅޭނީ ނ. އަތޮޅުގެ ޓީމުތަކެވެ. ގުރޫޕް ސީގެ މެޗްތައް އޮގަސްޓް އެއްވަނަ ދުވަހު ފަށަން ވަނީ ހަމަޖެހިފަ އެވެ. ފަސް ޓީމު ހިމެނޭ މި ގުރޫޕުގެ މެޗްތައް ހޯސްޓު ކުރާނީ ކެނދިކުޅުދޫގަ އެވެ.