Roadha Mihaaru
މީހަކަށް އަނިޔާއެއް ދެވުނު ނަމަ މާފަށް އެދެން: ވަހީދު

ވެރިކަމުގައި މީހަކަށް އަނިޔާއެއް ދެވުނު ނަމަ މާފަށް އެދެން: ވަހީދު

30 ޖުލައި 2022

އެ މަނިކުފާނާއި އާއިލާ އަށް އަނިޔާވެރި ބަސްތައް ރައްދުކުރި އެންމެނަށް ވެސް މާފުކުރައްވާ ކަމަށާއި ވެރިކަމުގެ ދުވަސްވަރު އެއްވެސް މީހަކަށް ދެރައެއް ދެވިފައިވާ ނަމަ އެ ކަމުގައި މާފުކުރުމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު އެދިވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެ މަނިކުފާނާއި އާއިލާ އަށް އަނިޔާވެރި ބަސްތައް ރައްދުކުރި އެންމެނަށް ވެސް މާފުކުރައްވާ ކަމަށާއި ވެރިކަމުގެ ދުވަސްވަރު އެއްވެސް މީހަކަށް ދެރައެއް ދެވިފައިވާ ނަމަ އެ ކަމުގައި މާފުކުރުމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު މިއަދު އެދިވަޑައިގެންފި އެވެ.

ވަހީދު، ނައިބު ރައީސްކަމުގައި ހުންނެވިއިރު އޭރު ވެރިކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކޮށް، "ހަމައިން ނެއްޓިފައި ހުރި މީހަކާ އެކު" ވެރިކަން ކުރައްވަން ވަހީދަށް އުނދަގޫފުޅުވާނެ ވަރު މިއަދު އިހުސާސް ކުރެވޭ ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކަށް ދެއްވި ރައްދުގައި ވަހީދު ވިދާޅުވީ، ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު، އުފެއްދެވި ދޮގު "ނެރޭޓިވް" ގަބޫލުކޮށް، އެ މަނިކުފާނާއި އާއިލާ އަށް އަނިޔާވެރި ބަސްތަކާއި އަމަލުން ރައްދު ދިން އެންމެނަށް ވެސް މާފުކުރައްވާފައިވާ ކަމަށެވެ.

"މަނިކުފާނު އަޅުގަނޑަށް މައާފު ކޮށްދެއްވާ، އަޅުގަނޑު އޭރު މަނިކުފާނަށް ބާގީ އަށް ގޮވުނުތީ. މިއަދު އެބަ ވިސްނޭ މި ކިޔާ މުހައްމަދު ނަޝީދުގެ ފެންވަރު،" ވަހީދު ޓެގްކޮށް މީހަކު ކުރި ޓުވީޓެއްގައި ވެ އެވެ.

އެމީހާ އެހެން ބުނީ، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު، ނާޒިމް ސައްތާރު ހައްޔަރުކުރުމާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ހުރި ކަމަށް ވިދާޅުވެ، ސަރުކާރަށް ނަޝީދު ނުރުހުން ފާޅުކުރައްވަމުން ގެންދަވާ މައްސަލައިގަ އެވެ.

ނަޝީދު، ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވުމުން، އޭރުގެ ނައިބު ރައީސް ވަހީދު ވެރިކަމާ ހަވާލުވެޑައިގެންނެވުމުން އެ މަނިކުފާނަށް ފާޑުކިޔުން ވަރަށް ބޮޑަށް ކުރިމަތިވި އެވެ. އެ މަނިކުފާނަށް ބާގީ އަށް ގޮވައި، ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ވެސް ހުތުރު އެއްޗެހި ގޮވައި ހެދި މައްސަލައެއް ވެސް އުޅުނެވެ. އެ ކަމުގައި އިސްކޮށް އުޅުނީ ނަޝީދަށް ތާއީދުކުރާ މީހުން ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންނެވެ.

ވަހީދަށް، އެ ޕާޓީގެ ގިނަ ބައެއްގެ ނުރުހުން އަދިވެސް އަމާޒުވާއިރު، އެ މަނިކުފާނު ދެކެ، އެމްޑީޕީގެ މެމްބަރުން އެންމެ ބޮޑަށް ހިތްހަމަނުޖެހޭ ސަބަބަކީ ނަޝީދާ އެކު އޭރު އިސްތިއުފާ ނުދެއްވުމުންނެވެ.