Roadha Mihaaru
ވެރިކަން ބަދަލުވި ގޮތް ބަލަންވީ ޚާއްސަ ގާނޫނަކުން

ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލަން ޚާއްސަ ގާނޫނެއް ހަދަން ގޮވާލައްވައިފި

15 ޖޫން 2020

ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް އަލުން ބަލަން ޚާއްސަ ގާނޫނެއް ނުވަތަ ސަންސެޓް ގާނޫނެއް ގެންނަން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް އަލުން ބަލަން ޚާއްސަ ގާނޫނެއް ނުވަތަ ސަންސެޓް ގާނޫނެއް ގެންނަން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް މިއަދު ގޮވާލައްވައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދަށް، މީހަކު އިއްޔެ ހަމަލާ ދިން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހުށަހެޅުއްވި މައްސަލަ އަކީ އޮޅުވައިލެއްވުމެއް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ސަލީމް ވިދާޅުވީ، މުހިއްމު ތަހުގީގުތައް ހިންގަން ބޭނުންވާ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭ ކަމަށެވެ. އޭރު ވެރިކަން ބަދަލުވި ގޮތުގެ ސަބަބުން ލިބުނު ގެއްލުމުން އެހެން ނޫނީ އަަރައި ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލަ ނުބެލި އޮންނަ އޮތުމަކީ ހިތާމަ ހުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދުގެ ދެކަނބަލުން ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އުސްފަސްގަނޑު ސަރަހައްދުން އެމްޑީޕީގެ އެކްޓިވިސްޓަކު ދިމާކޮށް، ހުތުުރު ބަހުން މުއާމަލާތު ކުރި މައްސަލައިގެ އަސްލަކީ ވެސް ސަލީމް ވިދާޅުވި ގޮތުގައި، ނަޝީދުގެ ވެރިކަން ބަދަލުވި ގޮތެވެ. އެހެންވެ، ތަހުގީގު ކުރަންވީ އެ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުގެ އެދުމަކީ، މިއީ [ވަހީދަށް ހުތުރު ބަހުން މުއާމަލާތް ކުރި މައްސަލަ އަކީ] ތަހުގީގު ކުރަން ޖެހޭ ކަމަކަށް އަޅުގަނޑުމެން ނުހަދައި، މިކަން މިހާރުން މިހާރަށް ހުއްޓާލައި، ހަގީގީ މައްސަަލަ އަށް އަޅުގަނޑުމެން ދިއުމުގެ ގޮތުން ހަތެއް ފެބްރުއަރީގެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށްޓަކައި މި އިއްޒަތްތެރި މަޖިލީހުން ސަންސެޓް ގާނޫނެއް ވުޖޫދަށް ގެނައުން،" ސަލީމް ވިދާޅުވި އެވެ.

ވަހީދުގެ ދެކަނބަލުންނާ މަގުމަތިން ދިމާކުރި މީހާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވި ހުށަހެއްވުން ކުށްވެރި ކުރައްވައި، އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އެ ޕާޓީގެ ގިނަ މެމްބަރުން ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށެވެ.

ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް، ފެބްރުއަރީ 7، 2012 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެ މަނިކުފާނުގެ ނައިބު ރައީސް ވަހީދުގެ ވެރިކަމުގައި އުފެއްދި ކޮމިޝަން އޮފް ދަ ނޭޝަނަލް އިންކުއަރީ (ކޯނީ) ން ވަނީ ތަހުގީގުކޮށް، ނިންމުންތަކެއް ވެސް ނިންމައިފަ އެވެ. އެ ނިންމުމުގައިވާ ގޮތުން، ވެރިކަން ބަދަލުވީ ބަޣާވާތަކުންނެއް ނޫނެވެ. އެ މަނިކުފާނު އިސްތިއުފާ ދެއްވީ ބިރު ދައްކައިގެން ކަމަށް ވިދާޅުވާ ވާހަކަތައް ވެސް ކޯނީގެ ރިޕޯޓުގައި ވަނީ ނަފީކޮށްފަ އެވެ.

"އެހެންވީމާ އަޅުގަނޑުގެ އެދުމަކީ، މިއީ [ވަހީދަށް ހުތުރު ބަހުން މުއާމަލާތް ކުރި މައްސަލަ އަކީ] ތަހުގީގު ކުރަން ޖެހޭ ކަމަކަށް އަޅުގަނޑުމެން ނުހަދައި، މިކަން މިހާރުން މިހާރަށް ހުއްޓާލައި، ހަގީގީ މައްސަަލަ އަށް އަޅުގަނޑުމެން ދިއުމުގެ ގޮތުން ހަތެއް ފެބްރުއަރީގެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށްޓަކައި މި އިއްޒަތްތެރި މަޖިލީހުން ސަންސެޓް ގާނޫނެއް ވުޖޫދަށް ގެނައުން،"--- ސަލީމް

ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވީ، އެ ރިޕޯޓުން އިންސާފު ނުލިބޭ ކަމަށެވެ.

އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަަސަން އަހުމަދު ވިދާޅުވި ގޮތުގައި، ކޯނީގެ ރިޕޯޓު ވެސް އޮތީ ސިއްރުކޮށްފަ އެވެ. އެހެންވެ، އެ ރިޕޯޓް މަޖިލީހަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޕޯޓުން ބައެއް ސިއްރު ކޮށްފައިވާ ކަމަށް ހަސަން ތުހުމަތު ކުރެއްވުމުން ރިޔާސަތުން ނަޝީދު ވިދާޅުވީ އެ ރިޕޯޓު ކޮށްފައި ވަނީ އޮތް ގޮތަށް ކަމަށެވެ.

"އަޅުގަނޑު އަމީން އާއްމު އަރިހުން އެދިއްޖެ އިން ކޯނީ ރިޕޯޓް ތިޔަބޭފުޅުންގެ ޕޯޓަލްގައި ފެންނާނެ ގޮތަށް ބާއްްވައިލަ ދެއްވުމަށް. އަސްލު ރިޕޯޓް، އޭގައި އިތުރު ރިޕޯޓްތަކެއް ނުހުންނާނެ. ކޯނީ ރިޕޯޓްގައި އޮންނާނީ އަސްލު ރިޕޯޓްތަކެއް،" ނަޝީދު ވިދާޅުވި އެވެ.

ވަހީދާއި އަނބިކަނބަލުން އިއްޔެ ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު އެ ދެބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ކިޔައި ހެދި ކަމަށް ވަހީދު ފަހުން މީޑިއާގައި ވިދާޅުވި ނަމަވެސް އެ މަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ހަމަލަ ދިން" ކަމަށެވެ. ނަމަވެސް އެއީ ގަޔަށް އަތްލުން ކަމަށް ދޭހަވާ ޓުވީޓެއް ކަމަށް ވުމުން ގިނަ ބަޔަކު ދަނީ އެ މައްސަލައިގައި ވެސް ވަހީދަށް ފާޑުކިޔަމުންނެވެ.