Roadha Mihaaru
ސްމާޓް ފޯނާ ދުރުވަނީ، "ޑަމްބްފޯން" ގެ ޑިމާންޑު ބޮޑު

ސްމާޓް ފޯނާ ދުރުވަނީ، "ޑަމްބްފޯން" ގެ ޑިމާންޑު ބޮޑު

31 ޖުލައި 2022

ސްމާޓްފޯނުތައް ދެކެ ފޫހިވެ، "ޑަމްބްފޯން" ނުވަތަ އާދައިގެ ފޯނަށް އޮންނަ ޑިމާންޑު ޒުވާނުންގެ މެދުގައި އިތުރުވާން ފަށައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ސްމާޓްފޯނުތައް ދެކެ ފޫހިވެ، "ޑަމްބްފޯން" ނުވަތަ އާދައިގެ ފޯނަށް އޮންނަ ޑިމާންޑު ޒުވާނުންގެ މެދުގައި އިތުރުވާން ފަށައިފި އެވެ.

ފޯނު ގެންގުޅޭ ގޮތް ފުރަތަމަ އައިފޯނާ އެކު މިހާރު ވަނީ ބަދަލުވެފަ އެވެ. އަތުގައި ގެންގުޅޭ ފޯނުން ހުރިހާ ކަމެއް ކުރެވޭ ހިސާބަށް ދިއުމުން ދިރިއުޅުމުގެ ހުރިހާ ކަމެއް ފެށި އަދި ނިމެނީ ވެސް ސްމާޓްފޯނުންނެވެ.

ނަމަވެސް ޓެކްނޮލޮޖީއަށް މާ ބޮޑަށް ބަރޯސާވުމުގެ ނަތީޖާ އަންނަނީ ފެންނަމުންނެވެ. މި ކަންބޮޑުވުންތަކުން އުފެދިގެން އައީ "ޑަމްބް ފޯން" މޫވްމެންޓެވެ.

އިންސާނާގެ މުޅި ހަޔާތުގެ ހުރިހާ ކަމެއް ފޯނަކާ ގުޅުވާލި ގުޅުވާލުން ބަދަލުކޮށްލަން ސޯޝަލް މީޑިއާގައި މި މޫވްމެންޓް މަސައްކަތް ކުރެ އެވެ. އަދި ސްމާޓްފޯނުގެ ބަދަލުގައި މިފަދަ ފޯނުތައް ގަތުމަށް ބާރުއަޅަ އެވެ.

މިދިޔަ އަހަރުގެ މޯބައިލް ފޯނުގެ މާކެޓަށް ބެލިޔަސް އެކަން އެނގެ އެވެ. މިދިޔަ އަހަރު އެކަނި ވެސް ވަނީ އެއް ބިލިއަން "ޑަމްބް ފޯން" ވިއްކާފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 60 ޕަސެންޓް އިތުރު އަދަދެކެވެ.

އަދިވެސް ސްމާޓްފޯނު ބޭނުންކުރާ މިންވަރު ގިނަ އެވެ. މިދިޔަ އަހަރު އެކަނި ވެސް 1.4 ބިލިއަން ޔުނިޓް ވިއްކާފައިވެ އެވެ. ނަމަވެސް އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 15 ޕަސެންޓުުގެ ދަށް އަދަދެކެވެ. މިއީ ޑަމްބް ފޯނުގެ މަގުބޫލުކަމާ އެކު އަދި ބަދަލެވެ.

ޑަމްބް ފޯނު މަގުބޫލު ވަމުން އަންނަނީ ޒުވާނުންގެ މެދުގަ އެވެ. އެއީ އެހެން ކަންތައް ކުރުމަށް ތަފާތު ޑިވައިސްތައް ހުންނަ އިރު ފޯނުން ހުރިހާ ކަމެއް ކުރެވެން ބޭނުން ނުވާތީ އެވެ. އޭގެ ބަދަލުގައި ފޯނަކީ މީހަކަށް ގުޅާލައި ޓެކްސްޓް ކޮށްލެވޭ އެއްޗަކަށް ވުމުން ޒުވާނުންނަށް މާ ރަނގަޅު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.