Roadha Mihaaru
ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި

05 އޯގަސްޓް 2022

ގްރޫޕް ހަދައިގެން އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވެސް ސަސްޕެންޑްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގްރޫޕް ހަދައިގެން އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވެސް ސަސްޕެންޑްކޮށްފި އެވެ.

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ ބަންގްލަދޭޝްގެ އަލަމްގީރާއެކު އިތުރު ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ ވަނީ އާންމުވެފަ އެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ އަބްދުﷲ "މިހާރު" އަށް ވިދާޅުވީ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ޖުވެނައިލް ޖަސްޓިސްގައި މަސައްކަތް ކުރިޔަސް އޭނާއަކީ ކުޑަކުދިންނާ މުއާމަލާތް ކުރަން ޖެހޭ މަގާމެއްގައި ހުރި މީހެއް ނޫން ކަމަށާއި އިދާރީ އެހެން މަސައްކަތެއް ކުރާ މުވައްޒަފެއް ކަމަށް ހަފްސީ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ރޭ އާއްމުވި ވީޑިއޯގައި ތުހުމަތުވާ އިމާދުއްދީން ސްކޫލުގެ ޓީޗަރަކަށް ހުރި ދިވެއްސަކު ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭނާއަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް އިމާދުއްދީން ސްކޫލްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިން ޓީޗަރެކެވެ. އެކަމަކު، މިހާރު އޭނާ މަސައްކަތްކުރާ ސްކޫލެއް އަދި ސާފެއް ނުވެ އެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ކަސްޓަމްސްގެ މުއައްޒަފަކު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ކުރިން ލީކުވި ވީޑިއޯތަކުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ޑްރަގް އެންފޯސްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ފުލުހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެ މައްސަލާގައި އެ ތިން މީހުންގެ އިތުރުން އެހެން މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

އަލަމްގީރާއެކު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުންނާއި ވިޔަފާރިވެރިން ހިމެނޭ ގޮތަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވާން ފެށީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިިދިޔަ މަހުގެ 12 ގައި އޭނާ ހައްޔަރުކޮށް، އެ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.