Roadha Mihaaru
މެސީގެ ބައިސްކަލް ކިކް ގޯލާއެކު ޕީއެސްޖީ މޮޅުވެއްޖެ

މެސީގެ ބައިސްކަލް ކިކް ގޯލާއެކު ޕީއެސްޖީ މޮޅުވެއްޖެ

07 އޯގަސްޓް 2022

ކްލެމޮންޓް-ފެރާންޑް، ފްރާންސް (އޮގަސްޓް 7) - އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބައިސްކަލް ކިކަކުން ޖެހި ރީތި ގޯލާ އެކު ޕީއެސްޖީ އިން ފްރެންޗް ލީގުގައި ކުޅުނު ފުރަތަމަ މެޗު ކްލެމޮންޓް ފޫޓާ ވާދަކޮށް 5-0 އިން ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކްލެމޮންޓް-ފެރާންޑް، ފްރާންސް (އޮގަސްޓް 7) - އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބައިސްކަލް ކިކަކުން ޖެހި ރީތި ގޯލާ އެކު ޕީއެސްޖީ އިން ފްރެންޗް ލީގުގައި ކުޅުނު ފުރަތަމަ މެޗު ކްލެމޮންޓް ފޫޓާ ވާދަކޮށް 5-0 އިން ކާމިޔާބުކޮށްފި އެވެ.

މި މެޗުގައި މެސީ ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން އެއް ގޯލު ޖަހަން އެހީތެރި ވެދީފަ އެވެ. މެޗުގައި ޕީއެސްޖީން ލީޑު ނެގީ ވެސް މެސީ އެސިސްޓް ކޮށްދިން ގޯލަކުންނެވެ. މެޗުގެ ނުވަ ވަނަ މިނިޓުގައި ޕަބްލޯ ސަރާބިއާ އަރިމަތިން އަރައި މެސީއަށް ދިން ބޯޅަ އޭނާ ފަހަތަށް ޖައްސާލުމުން ނޭމާ ވަނީ ފަޔަށް ހެޔޮވަރު ކޮށްލާފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފަ އެވެ.

ނޭމާ ވަނީ މި މެޗުގައި ޕީއެސްޖީގެ ފުރަތަމަ ގޯލު ޖެހުމުގެ އިތުރުން ތިން ގޯލު ޖަހަން އެހީތެރި ވެދީފަ އެވެ. އޭގެ ތެރޭގައި މެސީ ޖެހި ބައިސްކަލް ކިކް ގޯލު ވެސް ހިމެނެ އެވެ.

ޕީއެސްޖީން ލަނޑު ޖެހުމަށް ފަހު ބައެއް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީން ލަނޑު ޖެހުމަށް ފަހު ބައެއް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީން ލީޑު ފުޅާ ކުރީ، ނޭމާގެ އެހީތެރިކަމާ އެކު އަޝްރަފް ހަކީމީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ޖެހި ލަނޑުންނެވެ. އަދި 38 ވަނަ މިނިޓުގައި ނޭމާ ނަގައިދިން ހިލޭޖެހުމެއް ބޮލުން ޖަހައި ޕީއެސްޖީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން މާކީނިއޯސް އެވެ.

ދެ ވަނަ ހާފުގައި ޕީއެސްޖީ އަށް ކްލެމޮންޓް ކޮޅަށް ގޯލެއް ޖަހަން އުނދަގޫވި އިރު، އެޓީމުގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ވެސް ވަނީ ހުޝިޔާރުކަން ދައްކައިފަ އެވެ. އަދި ކްލެމޮންޓް އިން ވެސް ލިބޭ މަދު ފުރުސަތުތަކުގައި ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ. ނަމަވެސް މާކީނިއޯސް އާއި ޕްރެސްނެލް ކިމްޕެމްބޭ އަދި ސާޖިއޯ ރާމޯސް ބެލެހެއްޓި ޑިފެންސް ފޫއަޅުވާލަން ކްލެމޮންޓަށް ފަސޭހައެއް ނުވި އެވެ.

ޕީއެސްޖީން ދެވަނަ ހާފުގައި ޖެހި ދެ ގޯލު ކާމިޔާބު ކޮށްދިނީ މެސީ އެވެ. މި ދެ ލަނޑު ވެސް މެސީ ޖެހީ މެޗުގެ ފަހު 10 މިނިޓުގައި، ނޭމާގެ އެހީތެރިކަމާ އެކު އެވެ. ފުރަތަމަ ލަނޑު 80 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ދިން ޕާހަކުން މެސީ، މި ސީޒަނުގައި އޭނާގެ ފުރަތަމަ ގޯލު ޖެހި އިރު، 86 ވަނަ މިނިޓުގައި ފަހު ލަނޑަކީ ބައިސްކަލް ކިކަކުން ޖެހި ގޯލެވެ.

މެސީގެ ދެވަނަ ލަނޑުގައި އޭނާ ވަނީ، ކްލެމޮންޓްގެ ހާފު މެދަކާ ހަމައިން ނޭމާ، ގޯލު ކުރިމައްޗަށް ދިން ބޯޅައަށް އިދިކޮޅު ޑިފެންޑަރުންގެ ތެރެއިން ކުރިއަށް ދެމިގަނެ، ކުޑަ އޭރިއާ ކުރިމަތިން ބޯޅަ މެއިން ކޮންޓްރޯލް ކޮށްލާފައި ބައިސްކަލް ކިކަކުން ގޯލްކީޕަރުގެ ބޯ މަތިން ޗިޕް ކޮށްލައިފަ އެވެ.

މިއީ އާ ސީޒަނުގައި ޕީއެސްޖީ އިން ކުޅުނު ފުރަތަމަ ލީގު މެޗުގެ އިތުރުން، އެޓީމުގެ އާ ކޯޗު ކްރިސްޓޮފް ގަލްޓިއާގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ގަލްޓިއާ އާއެކު ޕީއެސްޖީން ވަނީ ސީޒަން ހުޅުވަން ކުޅުނު ފްރެންޗް ސުޕަ ކަޕް މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.

ޕީއެސްޖީން އާ ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް އެޓީމުގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ކުޅެފައެއް ނުވެ އެވެ. ފްރެންޗް ސުޕަ ކަޕް މެޗުގައި އެމްބާޕޭ ސަސްޕެންޝަނެއްގައި ހުރި އިރު، ރޭ ކުޅުނު ލީގު މެޗުގައި ނުކުޅުނީ އޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. ނަމަވެސް އަނިޔާއިން ރަނގަޅު ވެގެން ލީގުގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ މޮންޓެޕިލިއޭއާ ކުޅޭ މެޗުގައި އެމްބާޕޭ ފެނުމުގެ ފުރުސަތު އެބަ އޮތެވެ.