Roadha Mihaaru
އިޒްރޭލުގެ ހަމަލާތައް ތިން ދުވަހަށް ފަހު ހުއްޓާލައިފި

އިޒްރޭލުގެ ހަމަލާތައް ތިން ދުވަހަށް ފަހު ހުއްޓާލައިފި، ފަލަސްތީނުގެ 44 މީހަކު ޝަހީދުކުރި!

08 އޯގަސްޓް 2022

މިދިޔަ ހުކުރު ދުވަހުން ފެށިގެން ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލުން ދެމުން ދިޔަ އުދުވާނީ ހަމަލާތައް، ފަލަސްތީނުގެ 44 މީހަކު ޝަހީދުކޮށްލުމަށް ފަހު، ރޭ 11:30 ގައި ހުއްޓާލައިފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލުން ދެމުން ދިޔަ އުދުވާނީ ހަމަލާތައް، ފަލަސްތީނުގެ 44 މީހަކު ޝަހީދުކޮށްލުމަށް ފަހު، ރޭ 11:30 ގައި ހުއްޓާލައިފި އެވެ.

މިސްރު ސަރުކާރުން މެދުވެރިވެގެން، އިސްލާމިކް ޖިހާދު ޖަމާއަތާއި އިޒްރޭލު ސަރުކާރާ ދެމެދު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން، ހަމަލާ ބަދަލުކުރުން ހުއްޓައިލި އިރު، ގާޒާ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މަރުވި މީހުންގެ ތެރޭގައި 15 ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި 350 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓައިލިކަން އިއުލާންކުރުމުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް، ދެ ފަރާތުން ދިޔައީ ހަމަލާތައް ދެމުންނެވެ. އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުންނާއި ހެލިކޮޕްޓަރުތަކުން މިސައިލާއި ރޮކެޓުން ގާޒާގެ އެކި ސަރަހައްދުތަކަށް ހަމަލާ ދީ އެތައް އިމާރާތެއް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ.

އޮގަސްޓް 7، 2022: އިސްލާމިކް ޖިހާދު ޖަމާއަތުން އިޒްރޭލަށް ފޮނުވާ ރޮކެޓްތަކަށް ހަމަލާ ދިނުމަށް، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމު، "އެކަތައިގެ ގުއްބު" ގައި ހިމެނޭ މިސައިލެއް ފޮނުވައިލަނީ. --އޭއެފްޕީ

އޮގަސްޓް 7، 2022: އިސްލާމިކް ޖިހާދު ޖަމާއަތުން އިޒްރޭލަށް ފޮނުވާ ރޮކެޓްތަކަށް ހަމަލާ ދިނުމަށް، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމު، "އެކަތައިގެ ގުއްބު" ގައި ހިމެނޭ މިސައިލެއް ފޮނުވައިލަނީ. --އޭއެފްޕީ

ރައްދުގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ އަސްކަރީ ގޮފި، ސަރާޔާ އަލް ގުދުސްގެ ހަނގުރާމަވެރިން އިޒްރޭލަށް އަމާޒުކޮށް 500 އަށް ވުރެ ގިނަ ރޮކެޓް ފޮނުވައިލި އެވެ. އޭގެ ތެރެއިން ގިނަ ރޮކެޓްތައް ވަނީ، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުގައި ބޭނުންކުރާ މިސައިލްތަކުން ހަމަލާދީ ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ. އެހެންކަމުން، އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަމަލާތަކުގައި އިޒްރޭލަށް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.

އިޒްރޭލާއި އިސްލާމިކް ޖިހާދު ޖަމާއަތާ ދެމެދު، ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނީ އދ. މަޖިލީހާއި ގަތަރުގެ ބައިވެރިވުން ވެސް ލިބިގެން، މެދުވެރިއެއްގެ ގޮތުން މިސްރު ސަރުކާރުން ކުރި މަސައްކަތުންނެވެ. އިސްލާމިކް ޖިހާދުގެ ސެކްރެޓަރީ ޖެނެރަލް ޒިއާދު އަލް ނަޚްލާ ވިދާޅުވި ގޮތުގައި ދެ ފަރާތުގެ މެދުގައި ސޮއިކުރި އެއްބަސްވުމުގެ އެންމެ މުހިންމު ބަޔަކީ، އިޒްރޭލުން ހައްޔަރުކޮށްފައިވާ އެ ޖަމާއަތުގެ ދެ ލީޑަރުން މިނިވަންކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން މިސްރު ސަރުކާރުން ދިނުމެވެ.

އޮގަސްޓް 7، 2022: އިސްލާމިކް ޖިހާދު ޖަމާއަތުން އިޒްރޭލަށް ރޮކެޓްތަކެއް، ފޮނުވައިލަނީ. --އޭއެފްޕީ

އޮގަސްޓް 7، 2022: އިސްލާމިކް ޖިހާދު ޖަމާއަތުން އިޒްރޭލަށް ރޮކެޓްތަކެއް، ފޮނުވައިލަނީ. --އޭއެފްޕީ

އިޒްރޭލުން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ގާޒާގައި ހިންގި އަސްކަރީ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ، އިސްލާމިކް ޖިހާދުގެ ބާރު ކަނޑުވައިލުމެވެ. ތިން ދުވަސް ވަންދެން ދިން ހަމަލާތަކުގައި އެ ޖަމާއަތުގެ އިސް ވެރިން މަރައިނުލެވުނަސް، އެ ޖަމާއަތުގެ ބާރު ވަރަށް ބޮޑަށް ކަނޑުވާލެވިއްޖެ ކަމަށް އިޒްރޭލުން ބުނެ އެވެ.

މެއި 10-21، 2021 ގައި އިޒްރޭލުން ގާޒާއާ ދެކޮޅަށް ކުރި ވަރުގަދަ ހަނގުރާމަ އަށް ފަހު، ދޭތެރެ ދޭތެރެއިން، އިޒްރޭލުގެ ސިފައިން ގެންދަނީ ގާޒާ އަށް ހަމަލާތައް ދެމުންނެވެ. ނަމަވެސް މިހާރު ދެމުންދާ ފަދަ ވަރުގަދަ ހަމަލާތަކެއް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުން ނުދެ އެވެ.

ގާޒާއަކީ ފަލަސްތީނުގެ ޒާތީ ވެރިކަން ހިނގާ ގޮތަށް އޮންނަ ސަރަހައްދެއް ކަމަށް ވިޔަސް، އެ ސަރަހައްދުގައި ހިނގަމުން އަންނަނީ ހަމާސް ޖަމާއަތުގެ ނުފޫޒާއި ބާރެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ފަތަހް ޖަމާއަތާ ދެމެދު 2007 ވަނަ އަހަރު ހިނގި ދާޚިލީ ހަނގުރާމައިގައި ހަމާސް ޖަމާއަތުން ކުރި ހޯދައި، ހަމާސް ޖަމާއަތުގެ ފުރިހަމަ ބާރުގެ ދަށަށް ގާޒާ ދިއުމާ ގުޅިގެން، އިޒްރޭލުން ވަނީ ގާޒާ ހިސޯރުކޮށްފަ އެވެ. އޭގެ އިތުރުން ގާޒާގެ ދެކުނުން އޮންނަ މިސްރުން، ގާޒާގެ ރަފަހް ބޯޑަރު ބަންދުކުރުމާ ގުޅިގެން، ގާޒާ އޮންނަނީ ވަށައިގެން ހިސޯރު ކުރެވިފަ އެވެ.