Roadha Mihaaru
އިޒްރޭލުން ގާޒާ އަށް ވަރުގަދަ ހަމަލާތަކެއް ދީފި

އިޒްރޭލުން ގާޒާ އަށް ވަރުގަދަ ހަމަލާތަކެއް ދީފި

02 ޖެނުއަރީ 2022

އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ރޭ ދަންވަރުން ފެށިގެން ވައިގެ މަގުންނާއި އެއްގަމުން ގާޒާގެ އެކި އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ރޭ ދަންވަރުން ފެށިގެން ވައިގެ މަގުންނާއި އެއްގަމުން ގާޒާގެ އެކި އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ފަލަސްތީނުގެ ނޫސްތަކުން ބުނި ގޮތުގައި އިޒްރޭލުގެ ވައިގެ ސިފައިންގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އަސްކަރީ ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ދިން މި ހަމަލާތައް ބޮޑަށް އަމާޒުކުރީ އަލް ގައްސާމް ބްރިގޭޑްގެ ހަނގުރާމަވެރިން އެއްވެ އުޅޭ ތަންތަނަށެވެ. އެ ގޮތުން އެންމެ ގިނަ ހަމަލާތައް ދިނީ ޚާން ޔޫނުސްގެ އަމާޒުތަކަށް ކަމަށް ވެސް ފަލަސްތީނުގެ ނޫސްތަކުން ބުނެ އެވެ.

މި ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ ތިން މީހަކު ޒަހަމްވި ކަމަށް އަލް ޖަޒީރާ އިން ބުންޏެެވެ. އިޒްރޭލުގެ މަތިންދާބޯޓުތަކުންނާއި ހެލިކޮޕްޓަރުތަކުން ގާޒާގެ ތަފާތު 10 އަމާޒަކަށް ހަމަލާތައް ދިނެވެ. އޭގެ އިތުރުން އިޒްރޭލުގެ އެއްގަމު ސިފައިންގެ ލަޝްކަރުން، ހަމާސްގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ޓޭންކުތަކާއި ބޮޑުބަޑިން ވެސް ހަމަލާތަކެއް ދިނެވެ.

އިޒްރޭލުގެ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތައް މިސައިލާއި ރޮކެޓުން ހަމަލާ ދޭން ފެށުމާ އެކު، ފަލަސްތީނުގެ މުޖާހިދުން ވަނީ، އިޒްރޭލުގެ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތަކަށް ބަޑި ޖަހައިފަ އެވެ. ނަމަވެސް އެއިން އުޅަނދަކަށް ގެއްލުމެއް ލިބުނުކަމެއް ނޭނގެ އެވެ.

އިޒްރޭލުގެ ނޫސްތަކުން ބުނި ގޮތުގައި، ގާޒާގެ އަމާޒުތަކަށް އިޒްރޭލު ސިފައިން ވައިގެ މަގުން ހަމަލާތަކެއް ދިނީ، ގާޒާގެ ތެރެއިން އިޒްރޭލުގެ ވެރިރަށް ތެލް އަބީބް އަށް ދެ ރޮކެޓް ފޮނުވައިލުމާ ގުޅިގެންނެވެ. އެ ދެ ރޮކެޓް ވެއްޓުނީ ތެލް އަބީބްގެ އަތިރިމަތީ ސަރަހައްދަކަށް ކަމަށް އިޒްރޭލުގެ ނޫސްތަކުން ބުނެ އެވެ.

ގާޒާގެ ތެރެއިން އިޒްރޭލަށް މިފަހަރު ދެ ރޮކެޓް ފޮނުވައިލީ އިސްލާމިކް ޖިހާދު ޖަމާއަތުން ކަމަށް ވެސް އިޒްރޭލުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ. އެހެން ނަމަވެސް، ގާޒާގެ ތެރެއިން ދޭ ކޮންމެ ހަމަލާއެއްގެ ޒިންމާ، އިޒްރޭލުން އަޅުވަނީ ހަމާސްގަ އެވެ.

ގާޒާގެ ތެރެއިން ތެލް އަބީބަށް ފޮނުވައިލި ދެ ރޮކެޓްގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އިޒްރޭލް ސިފައިން ބުނެ އެވެ. ނަމަވެސް އެދެ ރޮކެޓް ގޮވި އަޑުން ގިނަ ބަޔަކަށް ސިހުން ލިބުނު ކަމަށް ވެސް ސިފައިން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން، އިޒްރޭލާއި ފަލަސްތީނުގެ ޖަމާއަތްތަކާ ދެމެދު އަނެއްކާ ވެސް ކުރިމަތިލުންތަކެއް ހިނގާފާނެ ކަމުގެ ބިރު އުފެދުމާ ގުޅިގެން، މިސްރުން މިއަދު ވަނީ އިޒްރޭލު ސަރުކާރާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު ފޯނުން މަޝްވަރާތަކެއް ކޮށްފަ އެވެ.

ގާޒާގެ ތެރެއިން އިޒްރޭލަށް ދެ ރޮކެޓް ހަމަލާ ދިނުމާ ގުޅިގެން، ހަމާސްގެ އިސް ވެރިން އަވަހާރަކޮށްލުމަށް އިޒްރޭލުގެ ކުރީގެ ވަޒީރަކު މިއަދު ވަނީ ގޮވާލައްވައިފަ އެވެ.

"(އަބްދުލްއަޒީޒް) ރަންތީސީ އާއި (އަހްމަދު) ޔާސީން އާ ބައްދަލުކުރުމަށް، އިސްމާއީލް ހަނިއްޔާ އާއި ޔަހްޔާ އައްސިންވާރު ފޮނުވައިލަންވީ ވަގުތު މިހާރު މިވަނީ ޖެހިފައި،" އިޒްރޭލުން 2004 ވަނަ އަހަރު އަވަހާރަކޮށްލި ހަމާސްގެ އިސް ދެ ލީޑަރުން ކަމަށްވާ ރަންތީސީ އާއި ޔާސީންއަށް އިޝާރާތް ކުރައްވައި، އިޒްރޭލުގެ ކުރީގެ މުވާސަލާތާ ބެހޭ ވަޒީރު އައްޔޫބު އަލްގަރާ ވިދާޅުވި އެވެ.

ކުރީގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ލީކޫޑް ޕާޓީއަށް ނިސްބަތްވާ އެ ވަޒީރު ވިދާޅުވި ގޮތުގައި ގާޒާއިން އިޒްރޭލަށް ދޭ ރޮކެޓް ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ނުދޭ ނަމަ، އެއީ އިޒްރޭލާ ދެކޮޅަށް ދޭ މަރުގެ އެތިފަހަރުތަކަކަށް ވެދާނެ އެވެ. އަދި އެކަށީގެންވާ ގޮތެއްގައި ރައްދު ނުދޭ ނަމަ، އެއީ އިޒްރޭލަށް ހަމަލާ ދިނުމަށް ހަމާސް ޖަމާއަތަށް ލިބޭ ހިތްވަރަކަށް ވެސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާޒާގެ ތެރެއިން އިޒްރޭލަށް ދިން ރޮކެޓް ހަމަލާއާ ބެހޭ ގޮތުން، ފަލަސްތީނުގެ ހަނގުރާމަވެރި އެއްވެސް ޖަމާއަތަކުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.