Roadha Mihaaru
ޔާމީންގެ ވާހަކަފުޅުން، މަރަށް މަރުހިފުމުގެ ހުރަސްތައް!

ޔާމީން ވިދާޅުވަނީ މަރުގެ އަދަބު ދިނުމުގައި މިހާރު ހުރަސްތައް އެބަހުރި ކަމަށް!

11 އޯގަސްޓް 2022

ގިސާސް ހިފުން ނުވަތަ މަރުގެ އަދަބު ދިނުމަކީ އެއްވެސް ރައީސަކަށް ކުރައްވަން ފަސޭހަފުޅު ކަމެއް ނޫން ކަމަށާއި އެއީ ވެރިއެއްގެ ކޮނޑުގައި އެޅޭނެ އެންމެ ބޮޑު ޒިންމާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގިސާސް ހިފުން ނުވަތަ މަރުގެ އަދަބު ދިނުމަކީ އެއްވެސް ރައީސަކަށް ކުރައްވަން ފަސޭހަފުޅު ކަމެއް ނޫން ކަމަށާއި އެއީ ވެރިއެއްގެ ކޮނޑުގައި އެޅޭނެ އެންމެ ބޮޑު ޒިންމާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މި ވެރިކަމުގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވުމަށް ފަހު، ފުރަތަމަ ފަހަރަށް ޔާމީން ބޭއްވެވި ޕްރެސް ކޮންފަރެންސްއެއްގައި ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހުރި ހުރަސްތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްދެއްވައިފަ އެވެ.

އެންމެ ފުރަތަމަ ވެސް އަދި ތަކުރާރުކޮށް ވެސް ޔާމީން ވިދާޅުވަމުން ގެންދެވީ މަރުގެ އަދަބު ތަންފީޒުކުރުމަކީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން ވިސްނުންފުޅަށް އެއްވެސް ބަދަލެއް އަދިވެސް ނާންނަ ކަމަށެވެ. އެ މަނިކުފާނުގެ ވެރިކަމުގައި މަރުގެ އަދަބު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިޔަސް، މަރަށް މަރު ހިފަން ބަލާއިރު ރާއްޖޭގެ ޝަރުއީ ނިޒާމު މިހާރު ޔާމީނަށް ގަބޫލުފުޅެއް ނުކުރެއްވެ އެވެ. މިރޭގެ ވާހަކަފުޅުގައި ވެސް އެ މަނިކުފާނު އެންމެ ގިނައިން އަދި އެންމެ ބޮޑަށް ފާހަގަކުރެއްވި ނުކުތާއަކީ އެއީ އެވެ.

"އެހެން އިންސާނަކު ކިތައްމެ ނުބައި ވިޔަސް، އަނެއްކާ ވެސް މި ނެގެނީ އެހެން އިންސާނެއްގެ ފުރާނަ ދެއްތޯ؟ އެއީ ކުޑަ ކަމެއް ނޫން. އެއީ ވަލީއުލްއަމުރަކަށް ހުންނަ މީހަކަށް ވެސް، ހަމަ ލޯމަރާލައިފައި ލޯ ހުޅުވައިލާހާ ފަސޭހަ ކަމެއް ނޫން. އެއީ އޭނާ އުފުލަން ޖެހޭ އެންމެ ބޮޑު ޒިންމާ. އަދި އެކަން އެންމެ ބޮޑު ޒިންމާއަކަށްވާ ސަބަބު މިއަދުގެ ހަގީގަތްކުން ތި ބޭފުޅުން ގަބޫލުކުރައްވާ،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔަމީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔަމީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ރާއްޖޭގައި ތަހުގީގުތައް މި ކުރެވެނީ ކިިހިނެއްތޯ؟ ރާއްޖޭގައި މި ކުރެވޭ ޖިނާއީ ތަހުގީގުތަކާ ދޭތެރޭ ރައްޔިތުންގެ އެއްވެސް ކަހަލަ އިތުބާރެއް އެބަ އޮތްތޯ؟ ޝަރުއީ މަރުހަލާ ފެށޭ ހިސާބަކީ ތަހުގީގު. ތަހުގީގު ފޭރާން މިހާ ދަށް ކަމަށް ވަންޏާ ކިހިނެއްތޯ ފަނޑިޔާރުން މައްސަލަ ނިންމަވާނީ؟،" ޔާމީން ސުވާލު އުފެއްދެވި އެވެ.

މަރުގެ އަދަބު ދިނުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަކަށް ވިޔަސް، ރާއްޖޭގެ ޖިނާއީ ތަހުގީގުގެ ފޭރާން މިހާރު ގަބޫލުފުޅެއް ނުކުރައްވަ އެވެ. އެކަން ތަންފީޒުކުރަން ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އޭގެ ތެރޭގައި ގާނޫނުތަކާއި ފަނޑިޔާރުންގެ ވިސްނުމާއި ފަނޑިޔާރުން ޕްރެކްޓިސް ކުރައްވާ ގޮތްތަކަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ފާހަގަކުރެއްވި އެވެ.

"ފަސްދޮޅަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ނުކޮށް އޮތް ކަމެއް ކުރާއިރުގައި ވަރަށް ގިނަ އިޖުރާއީ ކަންތައްތަކެއް ވެސް ފުރިހަމަ ވާން ޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.

"މީހެއްގެ މަރު ހިފާއިރު، އެ މަރު ހިފާ މެތޮޑޮލޮޖީ ވެސް ވާންޖެހޭ ހިއުމޭން ކަމަކަށް. އެންމެ ހިއުމޭން ކަމެއް ގޮތަށް ފެނިގެންދިޔައީ ލީތަލް އިންޖެކްޝަން. އެއަކުން މީހާ އަށް ވާނުވާއެއް ނޭނގޭނެ. މީހާ އަށް ފެނިގެން މީހާ އަށް މި ކުރަނީ ކިހާވަރެއްގެ ކަމެއްކަން އެނގޭ ނަމަ އެއީ އެކަން ކުރަން އޮންނަ އެންމެ ރަނގަޅު ގޮތެއް ނޫން."

މަރުގެ އަދަބު ދިނުމަކީ ޔާމީންގެ ވެރިކަމުގައި ނުކުރަން ދޫކޮށްލި ކަމެއް ނޫން ކަމަށާއި އަދި އެކަން ކުރުމަށްވީ ތައްޔާރީތަކަކީ ވަކި މިނިސްޓަރަކަށް އެކަނި އޭގެ ކްރެޑިޓް ވެސް ނެނގޭނެ މަސައްކަތެއް ނޫން ކަމަށް ވިދާޅުވި އެވެ. އެއީ އޭރުގެ މުޅި ކެބިނެޓުގެ ނިންމެވުމަށް ކަމަށާއި އެއްވެސް ވަޒީރަކު އެ ނިންމުމަށް ދެކޮޅު ވެސް ނުހައްދަވާ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔަމީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔަމީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޔާމީންގެ ވެރިކަމުގައި މަރުގެ އަދަބު ދިނުމަށް، ކ. ދޫނިދޫގައި އެކަމަށް ހާއްސަ ޗޭމްބަރެއް ހަދައި، އެކަމަށް ސާމާނު ވެސް ގެނަ އެވެ. އެކަމަކު، އެ ވެރިކަން ނިމުނުއިރު އެކަން ތަންފީޒުކޮށްފައެއް ނުވެ އެވެ.

މަރުގެ ހުކުމް އިއްވުމަށް ފަހުގައި ވެސް ސުޕްރީމް ކޯޓުން އެކި ފަހަރު މަތިން އެ ނިންމުމަށް ބަދަލު ގެންނަތަން މިހާރު ވެސް ފެންނަމުންދާ ކަމަށާއި އެއީ އެކުރި ހުކުމާ މެދު ސުވާލު އުފެދޭ ހިސާބަށް ކަންކަން ދިއުމަށް މެދުވެރިވާ ކަމެއް ކަމަށް ޔާމީން މިރޭ ވިދާޅުވި އެވެ. އެހެންވެ، ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް އިސްލާހުނުކޮށް، މަރުގެ އަދަބު ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.

"ގިސާސް ހިފައިގެން ރާއްޖޭގައި މި ހިނގާ ހުރިހާ އަނިޔާވެރިކަމަށް ކޮންމެސް ވަރެއްގެ ލުއިކަމެއް ނުވަތަ ނިމުމެއް އަންނާނީ،" ޔާމީން ވިދާޅުވި އެވެ.