Roadha Mihaaru
ދަރުމަވަންތައިގެ އާ އިމާރާތް ވިލާ ކޮލެޖު ކައިރީގައި

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަނީ ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި

31 އޮކްޓޯބަރ 2019

ދަރިމަވަންތަ ސްކޫލް އެންމެ ފުރަތަމަ ހުރި ބިމުގައި ހަދަން އުޅުނު އެ ސްކޫލްގެ އާ އިމާރާތް، ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އަޅަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިމަވަންތަ ސްކޫލް އެންމެ ފުރަތަމަ ހުރި ބިމުގައި ހަދަން އުޅުނު އެ ސްކޫލްގެ އާ އިމާރާތް، ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އަޅަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ވިދާޅުވީ މި ބަދަލު ގެނައީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަށް ދަރުމަވަންތަ އާއި މަޖީދިއްޔާ ވެސް ހެދުމުގެ ބޭނުމުގައި ކަމަށެވެ. މަޖީދިއްޔާއާ އިންވެގެން އޮތް ދަރުމަވަންތަ ސްކޫލް ކުރިން ހުރި ބިމުގައި ދެން ހަދާނީ، އެއްދަންފަޅިއަށް ކިޔަވައިދޭން މަޖީދިއްޔާއަށް ބޭނުންވާ ކްލާސްރޫމްތައް ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލްގެ ދަރިވަރުން ގިނަވެ، އެއް މެނޭޖްމަންޓަކުން ހިންގަން އުނދަގޫތަކާ ކުރިމަތިވެގެން، މީގެ 17 އަހަރު ކުރިން، އޭރުގެ ރައީސް މައުމޫން އަަބްދުލްގައްޔޫމްގެ ވެރިކަމުގައި މަޖީދިއްޔާ ދެ ބައިކޮށް، އެއް ބައިގައި ހެދީ ދަރުމަވަންތަ ސްކޫލެވެ.

އެކަމަކު ތަން ބާވުމާ އެކު އާ އިމާރާތެއް ހަދަން 2016 ގައި އެތަން ބަންދުކޮށް، ދަރުމަވަންތަ ވަގުތީ ގޮތުން ހިންގަމުން އަންނަނީ މެދު ޒިޔާރަތް ކަރީގައި ވަގުތީ އިމާރާތެއް ހަދައިގެންނެވެ.

ރިޔާޒް ވިދާޅުވީ ދަރުމަވަންތައިގެ އާ އިމާރާތުގެ ކުރެހުން މިހާރު ފައިނަލް ކޮށްފައިވާ ކަމަށެވެ. އިމާރާތުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން އިއުލާނުކުރުމަށް އަންނަ ހަފުތާގައި ޓެންޑާ ބޯޑަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ދަރުމަވަންތައިގެ އާ އިމާރާތް ވެގެންދާނީ، އެއް ދަންފަޅިއަށް ކިޔަވައިދޭ ނަމޫނާ ސްކޫލަކަށް ކަމަށެވެ.

"ސަރުކާރުގެ ވައުދުގައި ހިމެނޭ ސިންގަލް ސެޝަން ސްކޫލުގެ ނަމޫނާ ސްކޫލަކަށް ދަރުމަވަންތަ ވެގެންދާނެ. ވަސީލަތްތައް ވެސް ފުރިހަމަވެގެންދާނެ،" ރިޔާޒު ވިދާޅުވި އެވެ.

ސްކޫލް އާ އިމާރާތް ޑިޒައިންކޮށްފައި ވަނީ 1000 ދަރިވަރުންނަށް އަމާޒުކޮށް ހަ ބުރިއަށެވެ. ޖުމްލަ 40 ކްލާސް ހަދާއިރު ކޮންމެ ކްލާހެއްގައި ކިޔަވާނީ 25 ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ 2022 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެންވާ އިރަށް ދަރުމަވަންތައިގެ އާ އިމާރާތް ބޭނުންކުރަން ފެށުމެވެ.