Roadha Mihaaru
ފެނާއި ނަރުދަމާއަށް 6.2ބިލިއަން ހޭދަކޮށްފިން: އަމީރު

ފެނާއި ނަރުދަމާއަށް 6.2 ބިލިއަން ހޭދަކޮށްފިން: އަމީރު

20 އޯގަސްޓް 2022

ވޭތުވެދިޔަ ހަތަރު އަހަރު ތެރޭ ފެނާއި ނަރުދަމާއަށް 6.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އަންނަ އަހަރުގެ މެދާ ހަމައަށްދާ އިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވޭތުވެދިޔަ ހަތަރު އަހަރު ތެރޭ ފެނާއި ނަރުދަމާއަށް 6.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އަންނަ އަހަރުގެ މެދާ ހަމައަށްދާ އިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން އަމީރު ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މީގެ ކުރީގެ ދެ ސަރުކާރަށް ވުރެ ދެ ގުނައަށް ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތައް ހިންގިފައިވާނެ ކަމަށެވެ. ވެރިކަމަށް އައި އިރު ރާއްޖޭގައި މީހުން ދިރިއުޅޭ 200 ރަށުގެ ތެރެއިން ފެނާއި ނަރުދަމާގެ ހިދުމަތް ލިބެމުން އައީ 40 ވަރަކަށް ރަށުގައި ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތްތައް އެބަ ކުރިއަށްދޭ. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ މެދާ ހަމައަށް ދާ އިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމަކާ ގާތަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

މިވަގުތު ފެނާއި ނަރުދަމާގެ އަށް ޕްރޮޖެކްޓެއް ނިމިފައިވާ އިރު 104 ރަށެއްގެ އަމަލީ މަސައްކަަތް އަންނަނީ ކުރަމުންނެވެ. އަދި 28 މަޝްރޫއުއެއްގެ ކޮންޓްރެކްޓް ވަނީ ހަވާލުކޮށްފަ އެވެ.

އަމީރު އިތުރަށް ވިދާޅުވީ، 2008 ވަނަ އަހަރުން 2018 ވަނަ އަހަރާ ހަމައަށް މަގު ހެދުމުގެ މަޝްރޫއުތަކަށް ހޭދަކުރެވުނީ 100 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރު 3.4 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ބަނދަރު ހެދުމުގެ ޕްރޮޖެކްޓްތަކަށް 6.5 ބިލިއަން ރުފިޔާގެ މަޝްރޫއު ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ތައުލީމީ ދާއިރާގެ ޕްރޮޖެކްޓްތަކަށް 2.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ކޮވިޑާ އެކު ވެސް ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގެ ތަރައްގީއަށް މުހިއްމު ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.