21 އޯގަސްޓް 2022
ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަވަން ނިންމަވައިފި އެވެ.
ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަވަން ނިންމަވައިފި އެވެ.
މިކަން އެމްޑީޕީގެ އިސް ބޭފުޅަކު "މިހާރު"އަށް ކަށަވަރުކޮށްދެއްވި އެވެ. އަބަދުވެސް ވަކާލާތު ކުރައްވާ ބަރުލަމާނީ ނިޒާމުގެ ގަރާރު އަނބުރާ ގެންދަވަން ނިންމެވި ސަބަބާ ގުޅޭ ގޮތުން ނަޝީދު މިހާތަނަށް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ކޮންގްރެސް ހޯލުގައި ތިބި ނޫސްވެރިންގެ ސުވާލުތަކަށް ވެސް އެކަމާ ގުޅޭ ޖަވާބެއް ނުދެއްވަ އެވެ.
ނަޝީދުގެ ގަރާރު އަނބުރާ ގެންދަވަން ނިންމެވިއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ކޮންގްރެސްގެ ތާއީދެއް ނެތް ކަން މިހާތަނަށް ހިނގި މަޝްވަރާތަކާއި ދެކެވުނު ވާހަކަތަކުން އޮތީ ބެލެވިފަ އެވެ. ބަހުސްތައް ހިނގިއިރު ބައެއް މެމްބަރުން ވަނީ ބަރުލަމާނީ ގެނައުމާ ދެކޮޅު ކަމަށް ފާޅުގައި ވެސް ބުނެފަ އެވެ.
ކޮންގްރެސްގައި 1،200 އަށް ވުރެން ގިނަ މެމްބަރުން ބައިވެރިވިއިރު، ގޮފިތަކުގެ ސައްހަކަމާ މެދު ނަޝީދު ސުވާލު އުފެއްދެވުމުން ވެސް އެމަނިކުފާނާ ދެކޮޅަށް ހޯލު ތެރޭގައި ހިތްހަމަނުޖެހުންފާޅުކުރި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ކުއްލި މަޝްވަރާތަކަށް ފަހު އެކުގައި ވަޑައިގަންނަވަނީ. -- ފޮޓޯ | ފަޔާޒް މޫސާ | މިހާރު
އެމްޑީޕީ ކޮންގްރެސްގެ ރުހުން ހޯދަން ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ދެކޮޅެވެ. އެ ގަރާރު އަނބުރާ ގެންދަވަން އެމަނިކުފާނު އޮތީ ނަޝީދުގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ބަރުލަމާނީ ވޯޓުގެ ކުރިން ދެ ރައީސުންގެ ވަގުތުކޮޅެއް
— Mihaaru (@Mihaarunews) August 21, 2022
● ކޮންގްރެސްގައި އެންމެ މުހިއްމު ނިންމުން އޮތީ މިއަދަށް.
● މި މަޝްވަރާކުރީ ހައްލެއް ނުހޯދި ވަނިކޮށް
● ހިޔާލު ތަފާތުވުންތަކާ އެކުގައި ވެސް ކުރިއަށް ދެވޭނެ ކަމުގެ ތަރުހީބުން ހޯލު ގުގުމާލި
ފޮޓޯތައް: ފަޔާޒް މޫސާ/މިހާރު pic.twitter.com/9pE8HL0oNi
ގަރާރު އަނބުރާ ގެންދަވަން ނިންމެވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވަނީ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ އެކު މިއަދު ކުއްލި މަޝްވަރާތަކެއް ކުރައްވައިފަ އެވެ. ކޮންގްރެސް ހޯލުގައި ހިނގި މި މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ. އެކަމަކު، އެ މަޝްވަރާތައް ހިނގީ ބެލެވޭ ގޮތުގައި ގަރާރު އަނބުރާ ގެންދިއުމާ ގުޅޭ ގޮތުންނެވެ.
އެނގިފައިވާ ގޮތުގައި ނަޝީދުގެ މި ނިންމެވުމުގެ ކުރިން، އެމަނިކުފާނުގެ އަރިސް މަންދޫބުން މެދުވެރިކޮށް ރައީސަށް މެސެޖު ޕާސްކޮށް ބަރުލަމާނީ ގެނައުމާ މެދު ސުލްހަވެރި ހައްލެއް އޮތްތޯ ވާހަކަތަކެއް ދެކެވުނެވެ. އެކަމަކު، ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަށް ބަދަލުވުމުގައި ރައީސް ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫން ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވެ އެވެ.
ކޮންގްރެސްގައި ބަރުލަމާނީ ގަރާރު އަދި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ޓިކެޓް ދޭނެ ބޭފުޅަކާ މެދު އެމްޑީޕީގެ އާއްމު މެމްބަރުން ނިންމާ ގޮތަކާ މެދު ނަޝީދު ވިޔަސް ރުހިވަޑައިގަންނަވަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
މަޝްވަރާތަކަށް ފަހު ނަޝީދު، ފައްޔާޒްއާ ސަލާމްކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބަރުލަމާނީ ނިޒާމަކަށް ބަދަލު ނުވެއްޖެ ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިވާނެ ކަމަށް ވިދާޅުވެ ނަޝީދު ހުށަހެޅުއްވި ގަރާރުގައި އޮތީ ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމުގައި ގާނޫނުއަސާސީއަށް ގެނައުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ އިސްލާހުތަކެވެ. އެ އިސްލާހުތަކުގައި ސަރުކާރާއި މަޖިލީހާއި ޖުޑިޝަރީއަށް ބަދަލު ގެންނެވުމަށް ހުށަހަޅުއްވާފައިވެ އެވެ.
ނަޝީދު ހުށަހެޅުއްވީ ބަރުލަމާނީގައި އޮންނަ ގޮތަށް ބޮޑުވަރީޒަކު ސަރުކާރު ހިންގައި ރައީސުލްޖުމްހޫރިއްޔާ އަކީ ރަމްޒީ މަގާމެއްގެ ގޮތުގައި ދެމިހުންނެވުމަށެވެ. އެމްޑީޕީގެ ގިނަ މެމްބަރުން އެދޭ ގޮތަކީ ނިޒާމާ ގުޅޭ ވޯޓެއް ނެގުން ކަމަށާއި އެކަމަށް ރައީސަށް ވެސް އިންކާރ ނުކުރެއްވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެކަމަކު ބަރުލަމާނީއަށް އެމްޑީޕީގެ ކޮންގްރެސްގައި ރުހުން ހޯއްދަވަން ނަޝީދު ކުރައްވާ މަސައްކަތްޕުޅާ ދެކޮޅަށް ނުކުމެވަޑައިގެން ރައީސް ވިދާޅުވީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމުގައި ހަތަރު އަހަރު ފުރިހަމަ މިވަނީ ވައުދުތައް ފުއްދުމުގައި. ނިޒާމުގައި އޮތް މައްސަލައެއް ކަމަކަށް މުޅިއަކުން ގަބޫލެއް ނުކުރެވޭ. އަޅުގަނޑުގެ އިލްތިމާސަކީ ކޮންގްރެސް އަށް ހުށަހަޅައިގެން ވޯޓަކަށް ދިޔުމުގެ ބަދަލުގައި މިހާރު މި [ގަރާރު] ވިތުޑްރޯ ކުރެއްވުން،" ރައީސް ވިދާޅުވެފައިވެ އެވެ.
"ބަރުލަމާނީއޭ ކިޔައިގެން ނިންމުން ބޮލާލައި ނުޖެހޭނެ"
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ކާމިޔާބީއަކީ ވަކި މީހަކަށްވުރެ ޕާޓީ ބޮޑުވުން: ފައްޔާޒް
ރައީސް ނަޝީދު ބާކީނުވެ ގުޅިވަޑައިގަންނަވާ: ފައްޔާޒް
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް
ކުރީގެ އަނިޔާތައް އެއް ބަޔަކު ހަނދާނެއް ނެތް:ފައްޔާޒް
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ރޮޒައިނާއަށް އިންޒާރުދޭ މައްސަލަ ބަލަން ގޮވާލައިފި
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް