ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުހައްމަދު މުއިއްޒު ރައީސަކަށް ހޮވަން ރައްޔިތުން ނިންމީ ފަސް އަހަރުގެ ދައުރަކަށް ކަަމަށާއި އެ ނިންމުން ބޮލާލައި ޖަހައި، ބަރުލަމާނީ ނިޒާމް ގެންނަން ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
01 އޮކްޓޯބަރ 2023
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުހައްމަދު މުއިއްޒު ރައީސަކަށް ހޮވަން ރައްޔިތުން ނިންމީ ފަސް އަހަރުގެ ދައުރަކަށް ކަަމަށާއި އެ ނިންމުން ބޮލާލައި ޖަހައި، ބަރުލަމާނީ ނިޒާމް ގެންނަން ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމުން މެމްބަރުން ފާޅުކުރެއްވި ހިޔާލުތަކަށް ތާއީދު ކުރައްވަމުންނެވެ. ބައެއް މެމްބަރުން ވިދާޅުވީ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދެވި ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ބޭނުން ނުވާ ކަަމަށާއި "ބަރުލަމާނީއަށް ނޯ" ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒް ވަނީ، ބަރުލަމާނީ މިވަގުތު ގެނައުމަށް ތާއީދު ނުކުރައްވާ ކަން ހާމަކުރައްވައިފަ އެވެ.
"ޑިމޮކްރަސީގެ ރިވެތި ހަމަތަކުގެ މަތިން ދިވެހިން ވަނީ އެ މީހުންގެ ވެރިއެއް ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުކޮށްފައި. އެމްޑީޕީ ވެގެން ނުވާނެ ރައްޔިތުންގެ ނިންމުން އަނބުރާލާ ބަޔަކަށް. ބަރުލަމާނީ ނިޒާމޭ ކިޔައިގެން ރައްޔިތުންގެ ނިންމުން ބޮލާލައި ނުޖެހޭނެ، ޑރ. މުއިއްޒަށް ފުރުސަތު ލިބެން ޖެހޭނެ. ބަރުލަމާނީ ނޯ،" ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ދެން ކުރަން ޖެހޭ ކަމަކީ ޑިމޮކްރެޓިކް ހަމަތައް އާ ސަރުކާރު ހިފަހައްޓާތޯ މަސައްކަތް ކުރުމެވެ.
"އަދި މުސްތަގުބަލުގައި ރައްޔިތުންނަށް ވެރިއަކު އިހްތިޔާރުކުރުމުގެ މިނިވަންކަން ލިބުން ކަށަވަރު ކުރަން ކުރަން ޖެހޭ މަސައްކަތް ކުރުން،" ފައްޔާޒް ވިދާޅުވި އެވެ.
ނަޝީދު އަބަދުވެސް ވަކާލާތުކުރައްވާ ބަރުލަމާނީ ނިޒާމުގެ ވޯޓު ނެގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވީ ދެވަނަ ބުރުގައި ތާއީދުކުރަން ޝަރުތެއްގެ ގޮތުގަ އެވެ. ޕީޕީއެމަށް ވެސް ހަމަ މި ޝަރުތު ހުށަހެޅި އެވެ. އެކަމަކު ޑިމޮކްރެޓްސް އިން ބޭނުންވި ގޮތަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، އެ ވޯޓަށް ދެ ޕާޓީއަށް ވެސް އެއްބަސް ނުވެވުނީ އެވެ.
އޭގެ ފަހުން ބަރުލަމާނީ ނިޒާމުގެ ވޯޓާ ގުޅޭ ގަރާރު މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ އިރު އެ ކޮމިޝަނުގެ ނިންމުމަކީ އަންނަ މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމެވެ.
އެކަމަކު މި އިންތިހާބުން ބަލިވުމުން އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވެސް އަންނަނީ ބަރުލަމާނީ އަށް ތާއީދު ނުކުރާނެ ކަަމަށް ބުނަމުންނެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި، ނަޝީދު އިސްވެ އުފެއްދެވި ޕާޓީ، ޑިމޮކްރެޓްސް އިން ރައީސްއާ ދެކޮޅަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރެއްވި އެވެ. ޑިމޮކްރެޓްސް އިން 15،000 ވޯޓާ އެކު ތިން ވަނައަށް ދިޔަ ނަމަވެސް ދެވަނަ ބުރަށް ނިންމީ، އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން އެއްވެސް ޕާޓީއެއްގެ ފަހަތަށް ނޭރުމަށެވެ.
ގާނޫނުއަސާސީ އެކުލަވާލިއިރު ރައްޖޭގައި ބާއްވާނެ ނިޒާމެއް ކަނޑައަޅަން ނެގި ވޯޓުގައި ރައްޔިތުން އިޚްތިޔާރުކުރީ ރިޔާސީ ނިޒާމެވެ. އޮގަސްޓް، 18، 2007 ގައި ނެގި އެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ.
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ކާމިޔާބީއަކީ ވަކި މީހަކަށްވުރެ ޕާޓީ ބޮޑުވުން: ފައްޔާޒް
ރައީސް ނަޝީދު ބާކީނުވެ ގުޅިވަޑައިގަންނަވާ: ފައްޔާޒް
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް
ކުރީގެ އަނިޔާތައް އެއް ބަޔަކު ހަނދާނެއް ނެތް:ފައްޔާޒް
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ރޮޒައިނާއަށް އިންޒާރުދޭ މައްސަލަ ބަލަން ގޮވާލައިފި
އިންތިހާބުގެ ކުރިން ބަރުލަމާނީ ވޯޓެއް ނޯންނާނެ:ފައްޔާޒް
ނަޝީދު، ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވައިފި