Roadha Mihaaru
ލޭނު މަސްވެރިކަމާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރު

ލޭނުގެ މަސްވެރިކަމާ ދެކޮޅަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

19 އޯގަސްޓް 2024

ރާއްޖޭގައި ބޮޑު ކަންނެލި ހިފަން ލޭނު މަސްވެރިކަން ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލު ކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރު ކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ބޮޑު ކަންނެލި ހިފަން ލޭނު މަސްވެރިކަން ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލު ކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރު ކޮށްލައިފި އެވެ.

އެ މައްސަލަ މަޖިލިހަށް ބަލައިގަނެ ބަހުސް ކުރަން ފެނޭތޯ ބަލަން ނެގި ވޯޓުގައި ބައިވެރިވި 47 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ އަށް ބަހުސް ކުރަން ނުފެންނަ ކަމަށެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ، މިދިޔަ ސަރުކާރުތަކުން އެކި ފަހަރުގެ މަތިން ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވީ ނަމަވެސް އެ ނިންމުން ތަންފީޒު ކޮށްފައި ނުވާ ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ކަނޑުގެ ދިރުންތައް ހަލާކުވެ ދިޔުމަށް މަގުފަހިވެ، ނެތިދިޔުމުގެ ބިރު ހީވެފައިވާ އެތައް ދިރުންތަކެއް ވެސް އޭގެ ޝިކާރައަކަށް ވާތީ ކަމަށް މައުރޫފް ވިދާޅުވި އެވެ.

މަސްވެރިކަން ކުރުމުގެ ހުއްދަ އަލުން ދީފި ނަމަ މަސްވެރިންނާއި ޓޫރިޒަމްގެ ސިނާއަތަށް ވެސް ގެއްލުން ވާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ބޮޑު ކަންނެލީގެ މަސްވެރި ކަމަށް ލޭނު އަޅަން ހުޅުވާލުމާ އެކު، އެކަން ކުރުމުގެ ހުއްދަ އާއި ކޯޓާ ލިބުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެގެން ދަނީ ރާއްޖެ އިން ބޭރުގެ ބޮޑެތި ވިޔަފާރިތަކަށް ކަމަށާއި އެ ކޯޓާ ލިބުމުގެ ފުރުސަތު ދިވެހި އާންމު މަސްވެރިންނަށް ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ނަތީޖާއަކަށް ވާނީ އެ މީހުންގެ އާމްދަނީ އާއި ވިޔަފާރިތައް ބަނގުރޫޓުވުން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

"ކޯޓާގެ އުސޫލުން ލޭނު މަސްވެރިކަން ކުރެވޭ އުސޫލުތައް ކަނޑައެޅުމަކީ އެ ކޯޓާގެ ކަޅު ބާޒާރެއް އުފެދިގެން ދިޔުމަށް ނުސީދާ ގޮތެއްގައި ހުޅުވާލެވިގެންދާ މަގެއް. މަސްވެރިކަމުގެ މާކެޓް މޮނޮޕޮލައިޒް ކުރުމުގެ ބިރު ވެސް އިންތިހާ އަށް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ލޭނުގެ މަސްވެރިކަން ހުއްދަ ދިނުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވެއްޓާއި ތިމާވެއްޓަށް އަދި ޓޫރިޒަމްގެ ސިނާއަތަށް ދިގު ރާސްތާގައި ފޫ ނުބެއްދޭނެ ވަރުގެ ގެއްލުންތަކެއް ކުރާނެ ކަމަށާއި މިޔަރާއި ވެލާ ކަހަނބާއި އެއްމަޑި ފަދަ ހިމާޔަތް ކޮށްފައިވާ އެއްޗެހި ނެތިދިޔުމުގެ ނުރައްކާ އޮންނާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"މީއި ދިގު ރާސްތާގައި ކަނޑު އަޑީގެ އިކޯ ސިސްޓަމް ނެތި ފަނާ ކޮށްލުމަށް މަގުފަހި ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު ލޭނު މަސްވެރިކަމަށް ލައިސެންސް ދިނުން ހުއްޓާލާފައި ވަނީ ކަނޑުމަތީގައި ގާނޫނާއި ގަވައިދާ ހިލާފު ކަންކަން ހިންގާ މައްސަލަ ބޮޑުވުމުން ކަމަށާއި ރާއްޖޭގައި އެކަން މޮނިޓާ ކޮށް ފިޔަވަޅު އެޅޭނެ އެއްވެސް ނިޒާމެއް ވެސް ނެތް ކަމަށް މައުރޫފް ވިދާޅުވި އެވެ. އެފަދަ ކަންކަން ހިނގާ ނަމަ ރާއްޖެ އިން ޔޫރަޕަށް އެކްސްޕޯޓު ކުރުން މަނާ ކުރާނެ ކަމުގެ ބިރު ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ރާއްޖޭގައި މަސްވެރިކަން އިތުރަށް ތަރައްގީ ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ކެބިނެޓުން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް ގޮވާލާ ކަމަށް މައުރޫފް ވިދާޅުވި އެވެ.