Roadha Mihaaru
ސަމޯއާ އެގްރީމަންޓްގައި ބައިވެރިވާން ރުހުންދީފި

ސަމޯއާ އެގްރީމަންޓްގައި ބައިވެރިވާން މަޖިލީހުން ރުހުންދީފި

30 ޖޫން 2024

ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވަން މަގުފަހިވާނެ ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

އެ އެއްބަސްވުމުގައި ރާއްޖެ އިން ބައިވެރިވާން މަޖިލީހުން ރުހުން ދިނީ މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 84 މެންބަރުންގެ އިއްތިފާގުންނެވެ.

އެ އެއްބަސްވުމުގައި ބައިވެރިވާން ނިންމައި، އެކަމާ މެދު މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ މިދިޔަ ހަފުތާގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި "ސަމޯއާ އެގްރީމަންޓް" އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ-އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު ހަ ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތު، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ.

މި އެގްރީމެންޓުގައި ބައިވެރިވެ، އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރަކަށްވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"...އެގޮތުން، ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުން ވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭނެ،" ރައީސް އޮފީހުން ބުންޏެވެ.