Roadha Mihaaru
ހޯރަފުށީގެ ޑޮކްޓަރު ނިދާތީ ސަސްޕެންޑްކޮށްފި

ހޯރަފުށީގެ ޑޮކްޓަރު ނިދާތީ ސަސްޕެންޑްކޮށްފި

24 އޯގަސްޓް 2022

ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ގެންދިޔަ ކުއްޖަކަށް ފަރުވާދޭން އިންކާރުކުރި ޑޮކްޓަރު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ސެންޓަރުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ގެންދިޔަ ކުއްޖަކަށް ފަރުވާދޭން އިންކާރުކުރި ޑޮކްޓަރު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ ސެންޓަރުން މިއަދު ބުނެފި އެވެ.

ނައިޖީރިޔާގެ އެ ޑޮކްޓަރު ސަސްޕެންޑް ކުރީ އިއްޔެ ރޭ ވަރަށް ބޮޑަށް ހުން ގަދަވެގެން އޭނާ އަށް ދައްކަން ދިޔަ އުމުރުން އެއް އަހަރުގެ ކުއްޖަކަށް ފަރުވާދިނުން ލަސްކުރި މައްސަލަ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި އާންމުކުރި ފަހުންނެވެ. އެއާއެކު، ގިނަ ބަޔަކު ވަނީ އެކި ދުވަސްމަތިން ހެލްތު ސެންޓަރުގެ ކޮޓަރީގައި އެ ޑޮކްޓަރު ނިދާފައި އޮންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

އެ މައްސަލަ ހޫނުވުމުން، ޑޮކްޓަރު އިއްޔެއިން ފެށިގެން ހުރީ ސަސްޕެންޝަނުގައި ކަމަށް ހެލްތު ސެންޓަރުގެ ވެރިޔާ އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޑޮކްޓަރުގެ އިތުރުން ވެސް މިސްރުގެ ޑޮކްޓަރަކު އެ ހެލްތު ސެންޓަރުގައި މަސައްކަތް ކުރެ އެވެ. އެކަމަކު މި ވަގުތު އެ ޑޮކްޓަރު ރޯގާ ޖެހިގެން އުޅޭތީ، ހދ. ކުޅުދުއްފުށީގައި މަސައްކަތް ކުރަމުން އަންނަ ޕާކިސްތާނުގެ ޑޮކްޓަރަކު ހޯރަފުށި ސެންޓަރަށް ގެންގޮސް ބަލި މީހުން ބަލަން ފަށާފައިވާ ކަމަށް ރަޝީދު ވިިދާޅުވި އެވެ.

ބަލި މީހުން ނުބަލައި ޑޮކްޓަރު ނިދާ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑްކުރިއިރު، އެކި ދުވަސް މަތިން ޑޮކްޓަރު ކޮޓަރީގައި މޭޒުގައި ބޯ އަޅާލައިގެން ނިދަން އޮންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ބަލި މީހުން ކައިރީގައި ތިބޭ ވަގުތު ވެސް އޭނާ އޮންނަނީ މޭޒުގައި ބޯއަޅައިގެން ލޯމަރައިގެންނެވެ.

ޑޮކްޓަރުގެ މައްސަލަ އިއްޔެ ފެންމަތިވުމުގެ ކުރިން ވެސް ގިނަ ޝަކުވާތަކެއް އެ ޑޮކްޓަރާ ގުޅިގެން ލިބި، އޭނާ އަށް ނޯޓިސް ވެސް ދިން ކަމަށް ރަޝީދު ވިދާޅުވެ އެވެ.