Roadha Mihaaru
ހުމާ އޮތް ކުއްޖަކު ނުބަލައި ޑޮކްޓަރު އޮތީ އަރާމުކުރަން

ހޯރަފުށީގައި ހުން ގަދަވެފައި އޮތް ތުއްތު ކުއްޖަކު ބަލަން ޑޮކްޓަރު އިންކާރުކޮށްފި

23 އޯގަސްޓް 2022

ހުންގަދަވެގެން ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އެއް އަހަރުގެ ކުއްޖަކު ބަލަން އިންކާރުކޮށް، ޑޮކްޓަރު ކޮޓަރީގައި "ރެސްޓްކުރަން" އޮތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުންގަދަވެގެން ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އެއް އަހަރުގެ ކުއްޖަކު ބަލަން އިންކާރުކޮށް، ޑޮކްޓަރު ކޮޓަރީގައި "ރެސްޓްކުރަން" އޮތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ކުއްޖާގެ ބައްޕަ ހާމިދު އާދަމް، "މިހާރު" އަށް ބުނީ ރޭ 8:30 ހާއިރު އޭނާ ހޯރަފުށީ ހެލްތު ސެންޓަރަށް ދަރިފުޅު ގޮވައިގެން ދިޔައީ އެ ކުއްޖާ ވަރަށް ބޮޑަށް ހުން އައިސްގެން ކަމަށެވެ. އޭރު ކޮންސަލްޓޭޝަން ރޫމުގައި ޑޮކްޓަރު އިނީ އެހެން ޕޭޝަންޓެއް ބަލަން ކަމަށާއި އެ ޕޭޝަންޓް ބަލައި ނިމެންދެން ކިއުގައި ތިބި ކަމަށް އޭނާ ބުންޏެވެ.

އެކަމަކު އެ ޕޭޝަންޓް ބަލައި ނިންމި ގޮތަށް، ނައިޖީރިއާގެ ޑޮކްޓަރު ކޮންސަލްޓޭޝަން ރޫމުގައި އަރާމުކޮށްލަނީ ކަމަށް ބުނެ ކުއްޖާ ބަލަން އިންކާރުކުރީ އެވެ.

"އެ ޕޭޝަންޓް ބަލައި ނިމުނުއިރު ގާތްގަނޑަކަށް 9:45 ވެދާނެ. ދެން އިނީ އަޅުގަނޑުގެ ނަމްބަރު، އެކަމަކު ޑޮކްޓަރު ކައިރީ އިން އެސިސްޓެންޓް ނިކުމެފައި ބުނެފި ޑޮކްޓަރު ބުންޏޯ ރެސްޓޭ،" ހާމިދު ބުންޏެވެ.

ޑޮކްޓަރު، ރެސްޓްކުރާ ކަމަށް ބުނުމުން، ކުއްޖާގެ ބައްޕަ ވަނީ ކޮންސަލްޓޭޝަން ރޫމަށް ވަދެ، ކުއްޖާ ވަރަަށް ހުން ގަދަ ކަމަށް ބުނެ ކުއްޖާ ބަލައިދޭން އެދިފަ އެވެ. އެކަމަކު ޑޮކްޓަރު ރެސްޓްކުރަނީ ކަމަށް ބުނެ ކުއްޖާ ބަލަން ދެކޮޅުހެދީ އެވެ.

"ކުއްޖާ ބަލައިދޭން އެދުނީމަ ވެސް އޭނާ ބޯޖަހައިގެން އޮތީމާ އަޅުގަނޑު ނިކުތީ،" އޭނާ ބުންޏެވެ.

އެންމެ ފަހުން ނަރުހަކު ވަނީ ކުއްޖާގެ ޓެމްޕަރޭޗާ ބެލުމަށް ފަހު އަނެއްކާ ވެސް ޑޮކްޓަރަށް ގޮވާފައި ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ. އެވަރުން ވެސް ޑޮކްޓަރު ކުއްޖާ ނުބެލި އެވެ.

"ނަރުސް ކުއްޖަކު އައިސް އެންމެ ފަހުން ޓެމްޕަރޭޗާ ބަލާފައި ޑޮކްޓަރަށް ގޮވާފައި ބުނީ ވަރަށް ހުން ގަދައޭ. އެވަރުން ވެސް ޑޮކްޓަރު ބޯހިއްލާ ނުލި. އެއްގޮތަކަށް ވެސް އަޅާނުލި. ދެން ބުނީ ތިމަންނަ ރެސްޓްކުރަނީއޭ. ކީއްކުރަންހޭ ތިމަންނައަށް ތި ގޮވަނީ."

ހުން ގަދަވެފައި އޮތް އެ ކުއްޖާ ބަލަން ޑޮކްޓަރު ދެކޮޅު ހެދުމުން ދެން ގުޅީ ހެލްތު ސެންޓަރު ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ރަޝީދަށެވެ.

"ވެރި މީހާއަށް ގުޅާފައި އަޅުގަނޑު ބުނީ ހެލްތު ސެންޓަރުގައި މިއޭ ކަންތައް ހުރި ގޮތަކީ. ތުއްތު ކުއްޖެއްގެ މިހާ ގަދައަށް ހުން ހުއްޓާ ބަލައިނުލިއޭ. ދެން އޭނާ ޑޮކްޓަރަށް ގުޅީމަ ބުންޏޯ ބޮލުގައި ރިއްސާތީއޭ. އެކަމަކު އޭނާ ބޮލުގައި ރިއްސަންޏާ އެތާކު ނޫންދޯ އޮންނާނީ،" އެމީހާ ނުރުހުން ފާޅުކުރަމުން ބުންޏެވެ.

ޑޮކްޓަރު ކުއްޖާ ނުބެލުމުން އެތަނުގައި ތިބި ނަރުހުން ވަނީ ކުއްޖާ ވޯޑަށް ގެންގޮސް ފަރުވާދޭން ފަށައިފަ އެވެ. އެކަމަކު އޭރު ތިން ގަޑިއިރު ވެދާނެ ކަމަށާއި ކުއްޖާއަށް ނަރުހުން ފަރުވާދެނިކޮށް ޑޮކްޓަރު ކޮންސަލްޓޭޝަން ރޫމުން ނުކުމެ ކުއްޖާ ބަލަން އުޅުނު ކަމަށް އޭނާ ބުނެ އެވެ.

"އަޅުގަނޑު އެންމެ ފަހުން ނުރުހުންވެގެން ކޮންސަލްޓޭޝަން ރޫމް ކައިރީ ހަޅޭލަވަން ފެށީ. އޭގެ ތިރީހަކަށް މިނެޓް ފަހުން ޑޮކްޓަރު ނިކުމެފައި އެތަނަށް ދިޔައީ،" ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

ހާމިދު ބުނި ގޮތުގައި އޭނާ ޝަކުވާކުރަން ފެށުމުން، ހެލްތު ސެންޓަރުގެ ވެރިޔާ އިބްރާހިމް ރަޝީދު ޑޮކްޓަރާ ވާހަކަ ދެއްކުމަށް ފަހު ޑޮކްޓަރަށް އިންޒާރުދީ އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ފޮނުވާލާނެ ކަމަށް ބުންޏެވެ.

އިބްރާހިމް ރަޝީދު "މިހާރު" އަށް ވިދާޅުވީ އެ ޑޮކްޓަރާ ގުޅޭ ގޮތުން ކުރިން ވެސް ޝަކުވާ ލިބިފައި ވާތީ ނޯޓިސް ދީފައިވާ ކަމަށާއި ރޭގެ ހާދިސާއާ ގުޅިގެން އެކަން ހެލްތު މިނިސްޓްރީއަށް ވެސް އަންގާފައިވާ ކަމަށެވެ.

މި ދުވަސްވަރު ރަށުގައި ހުމާއި ރޯގާ ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށާއި ގިނަ އަދަދެއްގެ މީހުން ޑޮކްޓަރަށް ދައްކާ ކަމަށާއި ޑޮކްޓަރާ ވާހަކަ ދެއްކުމުން، އަރާމުކުރަން އޮތީ ބަލި މީހުން މާގިނައިން ބަލަންޖެހި ވަރުބަލިވެގެން ކަމަށް ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.