Roadha Mihaaru
މާލެއިން އެޕާޓްމެންޓެއް ގަންނަ އަގަށް ރަށެއް ގަނެވޭނެ

މާލެއިން އެޕާޓްމެންޓެއް ގަންނަ އަގަށް ރަށެއް ގަނެވޭނެ

25 އޯގަސްޓް 2022

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 675 ޕްރައިވެޓް ރަށް ވިއްކަން ހުޅުވާލައިފައިވާ ކަމަށް، މާކެޓް ރިސާޗް ހަދާ އެމްއެސްއެންގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 675 ޕްރައިވެޓް ރަށް ވިއްކަން ހުޅުވާލައިފައިވާ ކަމަށް، މާކެޓް ރިސާޗް ހަދާ އެމްއެސްއެންގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާކެޓް ރިސާޗް ހެދުމުން އެމްއެސްއެން އަށް ފެނުނީ 600 އަށް ވުރެ ގިނަ ޕްރައިވެޓް ރަށް މާކެޓުގައި މި ވަގުތު އޮތް ކަމެވެ. އޭގެތެރޭގައި 545 ޕްރައިވެޓް ރަށާއި ރަށްރަށުގެ ބައިބައިން ވިއްކާ 110 ބައި ހިމެނެ އެވެ. އަދި އޭގެ އިތުރުން 20 ސަރަހައްދެއްގައި ހިމެނޭ ޕެނިންސުލާތައް ވެސް މި ލިސްޓުގައި ހިމެނެ އެވެ.

މި ލިސްޓުގެ އެންމެ ހާއްސަ އެއް ކަމަކަށް ފާހަގަކުރެވެނީ ބައެއް ރަށްތަކުގެ އަގު އާދަޔާހިލާފަށް ހެޔޮ ކަމެވެ. ބައެއް ރަށްރަށް ވިއްކަން ފަށާ އަގު އުޅެނީ 200،000 އެމެރިކާ ޑޮލަރުގަ އެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ތިން މިލިއަނެއްހާ ރުފިޔާ އެވެ.

ކެރީބިއަން ރަށްތަކުގެ ތެރެގައި ވިއްކަން އިއުލާނުކޮށްފައިވާ ރަށެއް -- ފޮޓޯ: ގެޓީ

ކެރީބިއަން ރަށްތަކުގެ ތެރެގައި ވިއްކަން އިއުލާނުކޮށްފައިވާ ރަށެއް -- ފޮޓޯ: ގެޓީ

ރާއްޖޭގެ މާކެޓުގައި ތިން މިލިއަން ރުފިޔާ އަކީ ދެ ކޮޓަރީގެ އެޕާޓްމެންޓެއް ގަންނަން ވެސް ލިބޭ އަގެވެ. ހިޔާ ފްލެޓްގެ އަގު ދައްކާ ނިމޭއިރު އެއަށް ވުރެ ވެސް މައްޗަށް އަރަ އެވެ.

ދުނިޔޭގެ މާކެޓުގައި ޕްރައިވެޓް ރަށްތައް ވިއްކަން ހުރި ސަރަހައްދުތަކުގެ ތެރޭގައި ކެރިބިއަން ރަށްތަކުން ފެށިގެން އިޓަލީގެ އެކި ސަރަހައްދުތައް ވެސް ހިމެނެ އެވެ. އިޓަލީން އެކަނި ވެސް މި ވަގުތު ހަތަރު ރަށެއް ވިއްކަން އޮތީ އިއުލާންކޮށްފަ އެވެ. އެ ރަށްތަކުގެ އަގުތައް އުޅެނީ 1.7 މިލިއަން ޑޮލަރާއި ހަތަރު މިލިއަން ޑޮލަރާ ދެމެދުގަ އެވެ.