Roadha Mihaaru
ބިރު ދައްކާ މީހާ ހޯދީ ޖޫސްބޯ ހޮޅިއަކުން

ބިރު ދައްކާތާ 12 އަހަރު ފަހުން މީހާ ހޯދީ ޖޫސްބޯ ހޮޅިއަކުން

12 ސެޕްޓެމްބަރ 2022

އެމެރިކާގެ އެކްޓަރަކަށް 12 އަހަރު ވަންދެން މެދުކެނޑުމެއް ނެތި ބިރު ދައްކަމުން ދިޔަ މީހަކު އެންމެ ފަހުން އަތުލައިގެންފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެމެރިކާގެ އެކްޓަރަކަށް 12 އަހަރު ވަންދެން މެދުކެނޑުމެއް ނެތި ބިރު ދައްކަމުން ދިޔަ މީހަކު އެންމެ ފަހުން އަތުލައިގެންފި އެވެ.

މަޝްހޫރު ޓީވީ ޝޯ "ސީއެސްއައި: މަޔާމީ"ގެ އެކްޓަރު އީވާ ލަރޫ އަށް ބިރު ދައްކައި އުނދަގޫކުރަން ފެށީ 2007 ވަނަ އަހަރު އެވެ. "ފްރެޑީ ކްރޫގާ" ގެ ނަން ދީގެން އުޅުނު މީހާ ބިރު ދައްކަން ފެށީ ސިޓީ މެދުވެރިކޮށެވެ.

އެންމެ ފުރަތަމަ ފޮނުވި ސިޓީގައި ވެސް އެ މީހާ ބުނެފައިވަނީ އީވާ އަށް ޖިންސީ ގޯނާކޮށް އޭނާ މަރާލާނެ ކަމަށެވެ. އީވާ ވަގުތުން މައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ.

ނަމަވެސް ބިރު ދެއްކުމަށް ފޮނުވި ސިޓީތަކަށް މެދުކެނޑުމެއް ނާދެ އެވެ. ކޮންމެ އަހަރަކު ވެސް މަދުވެގެން 12 ވަރަކަށް ސިޓީ، ފްރެޑީ ކްރޫގާ ފޮނުވަ އެވެ. އެ ސިޓީ ކޮންމެ ފަހަރަކު ވެސް ފޮނުވަނީ އީވާގެ ގެއަށެވެ. އެ މައްސަލަ ގޯސްވެގެން އެންމެފަހުން ގެއިން ބޭރަށް ނުކުންނަން ވެސް ބިރުގަންނަ ހިސާބަށް ކަންތައް ދިޔަ ކަމަށް އީވާ ބުންޏެވެ.

ކަންތައް ފަހުން އެންމެ ގޯސްވީ 2015 ގައި އީވާ އަށް ދަރިއެއް ލިބުނު ފަހުންނެވެ. ދަރިފުޅަށް ބިރު ދައްކަން ފަށައި ދަރިފުޅު ސްކޫލަށް ދިޔުމުން ސްކޫލަށް ގުޅައިގެން އެ ކުއްޖާގެ ބައްޕަ ކަމަށް ބުނެ ވެސް އެ މީހާ ގުޅި ކަމަށް އީވާ ބުންޏެވެ،

ނަމަވެސް ޖެނެޓިކް ޖީނިއޯލޮޖީ ނަމަކަށް ކިޔާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އެންމެ ފަހުން އެމީހާ އަތުލައިގެންފައިވަނީ މި އަހަރުގަ އެވެ. މި ޓެކްނޮލޮޖީއަށް އީވާއަށް ފޮނުވި ސިޓީތަކުން ޑީއެންއޭ ނެގި އެވެ. އަދި އެ ޑީއެންއޭ ބޭނުންކޮށްގެން ޕޮލިސް ރިކޯޑުގައި އެ ޑީއެންއޭ އާ ގުޅޭ މީހުންތައް ހޯދައިގެން ޝައްކު ކުރެވޭ މީހާގެ އާއިލާ މީހުންތަކެއް ހޯދި އެވެ.

އެ މައުލޫމާތާ އެކު ޝައްކު ކުރެވޭ މީހާގެ އާއިލާއަށް ނިސްބަތްވާ މީހުން ދިރިއުޅެނީ އޮހާޔޯގެ އަވަށެއްގައިކަން އެނގުނެވެ. އަދި ޖޫސްބޮއެފައި އޮތް ހޮޅިއަކުން ޑީއެންއޭ ނެގުމުން ފްރެޑީ ކްރޫގާގެ ހަގީގަތް އެނގުނެވެ. އެއީ 58 އަހަރުގެ މީހެއް ކަމަށްވާ ޖޭމްސް ޑޭވިޑް ރޯޖާސް އެވެ. އެ މައްސަލައިގައި ޖޭމްސް ވަނީ 40 މަހަށް ޖަލަށް ލައިފަ އެވެ.