Roadha Mihaaru
ކޭންގެ މޮޅު ވާހަކަ ނުދައްކަނީ ތަށި ނުހޯދާތީ: ޕޮޗެޓީނޯ

ކޭންގެ މޮޅު ވާހަކަ ނުދައްކަނީ ތަށި ނުހޯދާތީ: ޕޮޗެޓީނޯ

16 ސެޕްޓެމްބަރ 2017

ލަންޑަން (ސެޕްޓެމްބަރު 16) - ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭންގެ މޮޅު ވާހަކަ ގިނަ މީހުން ނުދައްކަނީ އެ ޓީމަށް ގިނަ ތަށި ނުލިބޭތީ ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ސެޕްޓެމްބަރު 16) - ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭންގެ މޮޅު ވާހަކަ ގިނަ މީހުން ނުދައްކަނީ އެ ޓީމަށް ގިނަ ތަށި ނުލިބޭތީ ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މި ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ކޭންގެ ފަރާތުން މޮޅު ކުޅުމެއް ނުފެނުނު ނަމަވެސް އެންމެ ފަހުން ޓޮޓެންހަމް ކުޅުނު ދެ މެޗުގައި ކޭން ވަނީ އޭނާ ދައްކަމުން އައި މޮޅު ކުޅުން ތަކުރާރު ކުރަން ފަށައިފަ އެވެ. އެވަޓަން ކޮޅަށް އެންމެ ފަހުން ލީގުގައި ލަނޑު ޖެހުމުގެ އިތުރުން އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑް ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ.

ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޕޮޗެޓީނޯ ބުނީ ކޭން އަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެއް ކަމަށެވެ.

"ކޭން އަކީ ދުނިޔޭގެ ފެންވަރަށް ބެލިޔަސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެއް. އެއް ފެންވަރެއްގައި ކޮންމެ ސީޒަނެއްގައި ކުޅެވޭނީ މަދު ކުޅުންތެރިއަކަށް. އަހަރެންގެ ނަޒަރުގައި ގިނަ މީހުން ކޭންގެ ވާހަކަ ނުދައްކަނީ ޓޮޓެންހަމަށް ތަށްޓެއް ނުލިބޭތީ،" ކުރިން އެސްޕަންޔޯލާއި ސައުތެމްޓަނަށް ކޯޗު ކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.

ޓޮޓެންހަމާ އެކު ކޭން ތަށްޓެއްގައި އަތްލުމާ އެންމެ ގާތަށް ދިޔައީ 2015 ވަނަ އަހަރު އިނގިރޭސި ލީގު ކަޕުގެ އެވެ. އެ ފަހަރު ފައިނަލުގައި އެ ޓީމު ބަލިވީ ވާދަވެރި ޗެލްސީ އަތުންނެވެ.

ލީގުގައި އެންމެ ފަހުން ކޭން ޖެހި ލަނޑުތަކާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި ކުޅުނު 120 މެޗުން 80 ލަނޑު ހަމަކޮށްފަ އެވެ. ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ނިއުކާސަލް ޔުނައިޓެޑާއި ބްލެކްބާން ރޯވާސްގެ ކުރީގެ ފޯވާޑް އެލަން ޝިއަރާ އަތުގަ އެވެ. އޭނާ ވަނީ ލީގުގައި 260 ލަނޑު ޖަހައިފަ އެވެ.

ޕޮޗެޓީނޯ ބުނީ ޝިއަރާގެ ރެކޯޑާ ކޭން އަށް ހަމަކުރެވިދާނެ ކަމަށެވެ.

"ޝިއަރާ އަކީ ތާރީހުގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ތަފާތު މޮޅު ފޯވާޑެއް. ކޭން އަކީ ހުނަރުހުރި މުސްތަގުބަލު އޮތް ކުޅުންތެރިއެއް. ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން ކޭން އަށް ޝިއަރާއާ ހަމަކުރެވިދާނެ،" އޭނާ ބުންޏެވެ.

ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގެ މަސައްކަތްތައް ކުރިއަށްދާތީ އެ ޓީމުން މި ސީޒަނުގެ ހުރިހާ ހޯމް މެޗެއް ކުޅޭނީ އިނގިރޭސި ރަސްމީ ސްޓޭޑިއަމް ކަމަށްވާ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. މިދިޔަ ސީޒަނުގައި ޓޮޓެންހަމުން ހަމައެކަނި ޗެމްޕިއަންސް ލީގުގެ ހޯމް މެޗުތައް ވެމްބްލީގައި ކުޅުނުއިރު، ނަތީޖާތައް ދިޔައީ ވަރަށް ދަށް ކޮށެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ޓޮޓެންހަމުން އަންނަނީ ވެމްބްލީގައި ވެސް ނަތީޖާ ނެރެމުންނެވެ.

ސްވަންސީ އާއި ޓޮޓެންހަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.