Roadha Mihaaru
ބޭހުގައި މައްސަލައެއް އުޅޭ ނަމަ ރިޕޯޓްކުރަން އެދެފި

މުއްދަތު ހަމަވެފައިވާ ބޭހެއް ވިއްކައިފި ނަމަ ފޮޓޯއާ އެކު އާސަންދައަށް ރިޕޯޓްކުރަން އެދިއްޖެ

04 ސެޕްޓެމްބަރ 2022

ބޭސްފިހާރަތަކުން ބޭސް ގަންނައިރު މައްސަލައެއް ފާހަގަކުރެވޭ ނަމަ ފޮޓޯއާ އެކު އާސަންދައަށް އެކަން އެންގުމަށް އެ ކުންފުނިން އެދިއްޖެ އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ބޭސްފިހާރަތަކުން ބޭސް ގަންނައިރު މައްސަލައެއް ފާހަގަކުރެވޭ ނަމަ ފޮޓޯއާ އެކު އާސަންދައަށް އެކަން އެންގުމަށް އެ ކުންފުނިން އެދިއްޖެ އެވެ.

އާސަންދައިން ވަނީ ބޭސް ނަގާއިރު މުއްދަތުހަމަވާ ތާރީހު ޗެކު ކުރުމަށާއި މުއްދަތު ހަމަވާ ތާރީހު ނެތް ނަމަ ބޭސް ނުނެގުމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ. އަދި ބޭސް ނަގާއިރު ދެނީ ބޭސް ސިޓީގައިވާ ބޭސްކަން ޔަގީން ކުރުމަށް ވެސް ވަނީ އެދިފައިވެ އެވެ.

އާސަންދައިގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި ގޮތަށް ސަމާލުވާން އެދުނީ ބޭސް ފިހާރަތަކުން މުއްދަތުހަމަވެފައިވާ ބޭސް ވިއްކުމާއި ބޭސް ސިޓީގައި ލިޔެފައި ހުންނަ ބޭސް ނޫން އެހެން ބޭސްތައް ވިއްކާކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ލިޔެފައި ހުންނާތީ ކަމަށެވެ. އެ ގޮތަށް ސޯޝަލް މީޑީއާގައި ބައެއް ވާހަކަތައް ހުރި ނަމަވެސް ރަސްމީ ގޮތެއްގައި އާސަންދައާ ހަމައަށް އެފަދަ މައްސަލައެއް ހުށަނާޅާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައްސަލަ ހުށަހެޅީމަ ދެއްތޯ އަޅުގަނޑުމެންނަށް ބެލޭނީ. އެހެންވީމާ އަޅުގަނޑުމެން އެދެނީ އެ ކަންކަން އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދިނުމަށް،" އޮފިޝަލް ވިދާޅުވި އެވެ.

އާސަންދައިން ވަނީ ހިދުމަތް ހޯދާއިރު ފާހަގަވާ މައްސަލަތައް، އާސަންދައިގެ މޯބައިލް އެޕުން ނުވަތަ ފޭސްބުކް ޕޭޖަށް މެސެޖެއް ފޮނުވައިގެން ނުވަތަ އާސަންދައިގެ ޝިކާވަތި ޗެޓްލައިން ނަންބަރު 7951400 އަށް ވައިބާ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް ކޮށްގެން ރިޕޯޓް ކުރުމަށް އެދިފަ އެވެ.

މުއްދަތު ހަމަވެފައިވާ ބޭސް ވިއްކާ ކަމަށާއި ބައެއް ބޭސް ފިހާރަތަކުން ބޮޑު އަގުގައި ބޭސް ވިއްކާ ކަމުގެ ޝަކުވާ ބައެއް މީހުން ސޯޝަލް މީޑިއާގައި ދަނީ ކުރަމުންނެވެ.