Roadha Mihaaru
ބިދޭސީންގެ މިނިމަމް ވޭޖު ދިނުން ފަސްކުރަނީ

ބިދޭސީންގެ މިނިމަމް ވޭޖު މުއްދަތެއް ނެތި ފަސްކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

07 ސެޕްޓެމްބަރ 2022

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖުގެ ދަށުން މުސާރަ ދޭން ފެށުމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ މުއްދަތު ފަސްކުރަން އެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖުގެ ދަށުން މުސާރަ ދޭން ފެށުމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ މުއްދަތު ފަސްކުރަން އެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.

މިނިމަމް ވޭޖު ދިނުން މަޖުބޫރުކޮށް، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރީ 2020 ވަނަ އަހަރުގަ އެވެ. އެ ގާނޫނުގެ ދަށުން ސަރުކާރުން މިނިމަމް ވޭޖެއް ކަނޑައަޅައި އެ އަށް އަމަލު ކުރަން ފެށީ ޖެނުއަރީ 2021 ގަ އެވެ.

އެ ގާނޫނުގައި ބުނާ ގޮތުން، ކުންފުނީގައި މަސައްކަތްކުރާ މީހަކީ ބިދޭސީއެއް ނަމަ ސަރުކާރުން ކަނޑައަޅާ މިނިމަމް ވޭޖަށް އަމަލު ކުރަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ އަހަރު ފަހުންނެވެ.

އެކަމަކު ސަރުކާރުން މިހާރު ބޭނުންވަނީ ދުނިޔެ އަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ރާއްޖެ އަށް ވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާތީ، ބިދޭސީ މުވައްޒަފުންނަށް މިނިމަމް ވޭޖުގައި މުސާރަ ދިނުމަށް އެ ގާނޫނުން ލާޒިމް ކޮށްފައިވާ މުއްދަތު ފަސް ކުރުމަށެވެ.

އެ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅައި ބިލުގެ ފުރަތަމަ ކިޔުން ވެސް މިއަދު ވަނީ އިއްވައިފަ އެވެ.

ބިލު ހުށަހެޅި ސަބަބެއް ކަމަށް ސަރުކާރުން ބުނީ، މިހާރު ގާނޫނު އޮތް ގޮތުން މި މަހުގެ 22 އިން ފެށިގެން ބިދޭސީންނަށް މިނިމަމް ވޭޖުގެ ދަށުން މުސާރަ ދޭން ޖެހޭތީ އެ މުއްދަތު ފަސްކުރުމަށެވެ.

ވަޒީފާ އާ ބެހޭ ގާނޫނުގެ 62 ވަނަ މާއްދާގެ (ކ) އަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނާ ގޮތުން ބިދޭސީއެއް ނަމަ މިނިމަމް ވޭޖް ދޭން ޖެހޭނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކޮށް، އެޑްވައިޒަރީ ބޯޑުން ދޭ ލަފާގެ މަތިން ސަރުކާރުން ކަނޑައަޅާ ތާރީހަކަށެވެ.

ކުރިން ވެސް ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ފަސްކުރުމުން ބައެއް ޖަމިއްޔާތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެއީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގެއްލި، އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސްވެދާނެ ސަބަބެއް ކަމަށް އެ ޖަމިއްޔާތަކުން ބުންޏެވެ.

މިނިމަމް ވޭޖް ކަނޑައެޅި ދާއިރާތަކާއި މިނިމަމް ވޭޖް:

- ކުދި ވިޔަފާރިތަކަށް، މަހަކު 4،500ރ.

- މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7،000ރ.

- ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8،000ރ.

- ސިވިލް ސާވިސް، މަހަކު 7،000ރ.