ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ މަސައްކަތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ނުކުރީ އެކަން ކުރަން ބޭނުން ނުވާތީ ކަމަށް ވިދާޅުވެ، ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އާއި ބައެއް އެހެން މެންބަރުން ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ދެކޮޅު ހައްދަވައިފި އެވެ.
13 އޯގަސްޓް 2024
ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުގެ މަސައްކަތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ނުކުރީ އެކަން ކުރަން ބޭނުން ނުވާތީ ކަމަށް ވިދާޅުވެ، ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އާއި ބައެއް އެހެން މެންބަރުން ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ދެކޮޅު ހައްދަވައިފި އެވެ.
ރާއްޖޭގައި މުޅިން އަލަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅައި، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރީ 2020 ވަނަ އަހަރު އެވެ. އެ ގާނޫނުގެ ދަށުން ސަރުކާރުން ކަނޑައަޅާ މިނިމަމް ވޭޖަށް އަމަލު ކުރަން ފެށީ ޖެނުއަރީ 1، 2021 ގަ އެވެ.
އެ ގާނޫނު ފުރަތަމަ ފާސްކުރިއިރު ބުނެފައި ވަނީ ބިދޭސީންނަށް ސަރުކާރުން ކަނޑައަޅާ މިނިމަމް ވޭޖަށް އަމަލު ކުރަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ އަހަރު ފަހުން ކަމަށެވެ.
ނަމަވެސް އޭރުގެ މަޖިލީހުން ވަނީ އިތުރު އިސްލާހެއް ހުށަހަޅައި، ބިދޭސީންނަށް ކުޑަ އުޖޫރަ ކަނޑައެޅުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އަދި ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ތާރީހެއް ނިންމުމުގެ ބާރު ސަރުކާރަށް ދޫކޮށްލި އެވެ.
އޭރު ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އޮތް އެމްޑީޕީން އެ އިސްލާހު ގެނައި ސަބަބެއް ކަމުގައި ބުނެފައި ވަނީ ދުނިޔެ އަށް ދިމާވެފައިވާ އިގުތިސާދީ ހާލަތުގެ ސަބަބުން ރާއްޖެ އަށް ވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާތީ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ސަރުކާރުން މިހާރު ވަނީ ބިދޭސީންނަށް ދައްކަން ޖެހޭ ފީތައް ބޮޑު ކުރަން ވަޒީފާ އާ ބެހޭ ގާނޫނަށް އިތުރު އިސްލާހުތަކެއް ހުށަހަޅައިފަ އެވެ.
އެ އިސްލާހުތަކަށް ކޮމެންޓު ކުރަމުން ބިދޭސީ މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އަދި ހެލްތު ޔޫނިއަންގެ ފަރާތުން ވަނީ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މާއްދާ އަލުން ހިމަނަން ހުށަހަޅައިފަ އެވެ.
"ބިދޭސީ މަސައްކަތްތެރިން މިނިމަން ވޭޖުގައި ހިމެނުން މުހިންމު ކަމެއްގެ ގޮތުގައި ދެކެން. ސަބަބަކީ ބިދޭސީ މަސައްކަތްތެރިން މިނިމަމް ވޭޖުގައި ނުހިމެނުމުގެ ސަބަބުން ކަންބޮޑުވާ މިންވަރުގެ ކުޑަ އުޖޫރަތަކުގައި ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓް ކުރުމުގެ ފުރުސަތު ހުޅުވިގެން ދިޔުން،" ޓްރޭޑް ޔޫނިއަންގެ ކޮމެންޓުގައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި އިއްޔެ ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން އެމްޑީޕީގެ މިހާރުގެ އެންމެ ސީނިއާ އެއް މެންބަރު ޣަފޫރު ވިދާޅުވި ގޮތުގައި ބޭރު ގައުމުގެ މީހުންނަށް މިނިމަމް ކަނޑައަޅާކަށް ނުޖެހެ އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް އޮންނަ މިނިމަމް ވޭޖު، މި ތަނުގައި މަސައްކަތް ކުރާ ބޭރު މީހުންނަށް ކަނޑައަޅާކަށް ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.
ބޭރު މީހުންނަށް މިނިމަމް ވޭޖު ކަނޑަ ނާޅާ އޮތީ އަޅުގަނޑުމެންނަށް ކަނޑައަޅަން ނުފެންނާތީ، މަޖިލީހުން ކޮށްފައި އޮތް ކަމެއް އެއީ -- ގަފޫރު
ޣަފޫރު ވިދާޅުވީ ބިދޭސީންނަށް އެ މީހުންގެ ގައުމުން ޕާ އިންކަމްގެ ގޮތުގައި ޖެހޭ ވަރާއި އެ މީހުންނަށް ލިބޭ އާމްދާނީއާ އެއްވަރުގެ މުސާރައެއް މިހާރު ވެސް ރާއްޖޭގެ ކުންފުނިތަކުން އެ މީހުންނަށް ދޭ ކަމަށެވެ. އެ މަސައްކަތް 19 ވަނަ މަޖިލީހުން ނުކޮށް އޮތީ ވެސް އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް: ބިދޭސީން ގެނައުމުގެ ފީ ބޮޑުކުރަން އުޅޭތީ އޭނާ ވަނީ ނުރުހުން ފާޅު ކުރައްވާފައި --- ފޮޓޯ/މިހާރު
"ބޭރު މީހުންނަށް މިނިމަމް ވޭޖު ކަނޑަ ނާޅާ އޮތީ އަޅުގަނޑުމެންނަށް ކަނޑައަޅަން ނުފެންނާތީ. މަޖިލީހުން ކޮށްފައި އޮތް ކަމެއް އެއީ،" ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގައި ވެސް ހަނިމާދޫ ދާއިރާ ތަމްސީލް ކުރެއްވި ޣަފޫރު ވިދާޅުވި އެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ އެމްއެންޕީގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވަނީ މިނިމަމް ވޭޖު ކަނޑައަޅަން ދެކޮޅު ހައްދަވައިފަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް އެކަމާ ދެކޮޅު ހައްދަވައި "އެއީ ޕޮލިޓީޝަނުން ދައްކާ" ބޭކާރު ވާހަކައެއް ގޮތުގައި ސިފަ ކުރެއްވި އެވެ.
ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ފަސްކުރުމުން މީގެ ކުރިން ވެސް ބައެއް ޖަމިއްޔާތަކުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބިދޭސީންގެ މިނިމަމް ވޭޖު މުއްދަތެއް ނެތި ފަސްކޮށްފި
ބިދޭސީންގެ މިނިމަމް ވޭޖު ދިނުން ފަސްކުރަނީ
ބިދޭސީންނަށް މުސާރަ ނުދޭނަމަ ދެން ޖޫރިމަނާ ކުރެވޭނެ
50،000ރ. ނަގަން ފާސްކުރީ ސަލީމްގެ ވޯޓާއެކު!
ގާސިމްގެ ރުޅިގަނޑު މިއަދު ވެސް ކޮންޓްރޯލެއް ނުވި!
ބިދޭސީންގެ ފީތައް ބޮޑުކުރާތީ ގާސިމްގެ ނުރުހުން!
ބިދޭސީންނަށް އިހުމާލުވުމުން ޖޫރިމަނާކުރާ ބިލް ކޮމިޓީއަށް
މުސާރަ ނުދޭނަމަ ޖޫރިމަނާކުރާ އަދަދު ސައުދުﷲ އަށް ބޮޑު
ބިދޭސީން ގެނެވޭ އަދަދު ކަނޑައެޅުމުގެ ބާރު ކެބިނެޓަށް
ބިދޭސީންނަށް މުސާރަ ނުދޭނަމަ ބައި ލައްކައިން ޖޫރިމަނާ